ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްގެ ބަޔާން ބާތިލު ކުރަން އެލްޖީއޭއަށް އެންގިދާނެކަމަށް ގަބޫލު ނުކުރަން: އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންކުރެއްވި ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުރުމަށް ލޯކަލްސް ގަވަމެންޓް އޮތޯރިޓީ (އެލްޖޭއޭ) އަށް އެންގިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ކުރިޔަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރައްވައި ސަރުކާރު މައި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާތީ އެކަން ކުށްވެރިކޮށް ކެނދިކުޅުދޫ ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު ބަޔާނެއް އާންމު ކުރި އެވެ. ރަސްމީ ގޮތުން ކުރައްވާ ދަތުރުފުޅެއްގައި ރައީސް ރަށަށް ވަޑައިގަންނަވާކަން އެންގުމާއި އެކު، ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި ޖަލްސާގެ ކަންކަން ވެސް ކުރިޔަށް ގެންދިޔަކަމަށް އެ ކައުންސިލުން ބުންޏެވެ.

އެކަމަކު އެ ދުވަހު ކެނދިކުޅުދޫ ޖަލްސާގައި ރައީސް ވަނީ މަޖިލިސް އިންތިހާބު ފަސް ކުރުމުގެ އިސްލާހުގެ ވާހަކަ އެމްޑީޕީގެ މެމްބަރުން ދައްކާއިރު ރޯދައިގެ ކުރިޔަށް ބާއްވަން ބޭނުންވި އިންތިހާބަށް އެއްބާރުލުން ނުދިނީ މަޖިލިސް ތެރެއިންކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުންނަކީ، ވަކި ބައެއްގެ ޕަޕެޓުންތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ވިދާޅުވީ އެމަނިކުފާނަކީ ގާނޫނުއަސާސީއާ ހިލާފުވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އޭގެ ޖެހިގެން އައި ދުވަހު އެ މައްސަލައިގައި ބަޔާނެއް އާންމުކޮށް ކައުންސިލުން ބުނެފައި ވަނީ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާ ބޭނުން ކުރުމަކީ 11/2008 (އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާ ވާނެކަމަށެވެ. އެ ބަޔާން މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައި ވަނިކޮށް އިއްޔެ އަނެއްކާ ވެސް ފެންމަތިވީ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ސިޓީ އެވެ.

މިއަދު އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ، އެލްޖީއޭއަށް ގާނޫނީ ލަފާ އަރުވަން ޖެހެނީ ބަންޑާރަ ނައިބުގެ އޮފީސް ކަމަށެވެ. ގާނޫނުގައި ކައުންސިލްތަކަށް ވަކި މެންޑޭޓުތަކެއް ހަވާލުކޮށްފައިވާއިރު އުޝާމް ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން ވަކި ކަންކަން ކުރުމުގެ ޒިންމާ އޮންނާނެ ކަމަށެވެ. އަދި ކައުންސިލަކުން ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ، ނުވަތަ ކުރާނަމަ އެލްޖީއޭ އަމަލު ކުރަން ޖެހޭ ގޮތް ގާނޫނުގައި ބަޔާން ކުރާކަމަށް އުޝާމް ވިދާޅުވި އެވެ. އަދި ފިޔަވަޅެއް އެޅުމާއި ހަމައަށް ދާން ޖެހެނީ، ވަކި ޕްރޮސެސްއެއް ފުރިހަމަކޮށް އެ ހަމަތަކުގެ ތެރެއިންކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލައިގައި ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައިވަނީ ހަމައެކަނި ތައްގަނޑު ޖަހާފައިވާ އެ ބަޔާނުގައި އެއްވެސް މެމްބަރެއްގެ ސޮއި ނެތުމުން ބަޔާނުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކައުންސިލަށް ފޮނުވި ސިޓީގައި އެލްޖީއޭއިން ބުނެފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް މަތި ކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ.

އެ އޮތޯރިޓީން އެންގީ ރައީސުލްޖުމްހޫރިއްޔާއާއި ގުޅޭގޮތުން ނެރުނު ބަޔާން ހޯމަ ދުވަހުގެ 14:00 ގެ ކުރިން އަނބުރާ ގެންދިއުމަށެވެ. އެހެން ނަމަވެސް މައާފަށް އެދި، ބަޔާން އަނބުރާ ގެންދިއުމަށް ދެކޮޅު ހަދައި އެ ދުވަހުގެ މެންދުރު ކައުންސިލުން އެލްޖީއޭއަށް ސިޓީއެއް ފޮނުވައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފެއްދިފައިވާ ރަށު ކައުންސިލްތަކަކީ އެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ސަރުކާރާއި ވަކިން އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ބާރު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަހްސުތަކެއް ކަަމަށެވެ. އަދި ރަށު ކައުންސިލްތަކަކީ ނުވަތަ ޖުމްލަ ގޮތެއްގައި އެ ގާނޫނުގެ ދަށުން އުފެއްދިފައިވާ ލޯކަލް ކައުންސިލްތަކަކީ ފަށަލައެއްކަމަަށް ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: