ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ފާޑުކިއުންތަކަށް އަބްދުއްރަހީމް ރައްދުތަކެއް؛ ”ގައުމޭ ވިދާޅުވާއިރު، ހެޔޮ އެދެނީ އަމިއްލަ ނަފްސަށް ތޯ؟“

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލަސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އެކި ޖަލްސާތަކުގައި ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައްކަވާފައިވާ ވާހަކަތަކަށް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

މިދިޔަ ފަސް އަހަރުގެ ދުވަސްތައް ޖަލު ހުކުމެއްގައި ރައީސް ޔާމީން ހުންނަވަން ޖެހުނުއިރު އެންމެ ބޮޑު އިތުބާރެއް ކުރައްވައި ކޮންގްރެސް ކޯލިޝަނުގެ ހިންގުން ހަވާލުކޮށްފައި ހުރީ އަބްދުއްރަހީމާ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން އެމަނިކުފާނާ ގާތް ގުޅުމެއް އޮތް، އަބްދުއްރަހީމް މިވަގުތު ސަރުކާރުގައި ހުންނެވި އިރު ރައީސް ޔާމީން ވަނީ އެ ކޯލިޝަން ދޫކުރައްވައި އައު ސިޔާސީ މިސްރާބަކަށް މަސައްކަތް ފައްޓަވާފަ އެވެ.

ޕީއެންއެފްގެ ނަމުގައި ރައީސް ޔާމީން އުފައްދާ ޕާޓީގެ ތާއީދުގައި އަމިއްލަ ގޮތުން މަޖިލީހަށް ކެންޑިޑޭޓުން ވާދަކުރާއިރު ސިލްސިލާ ޖަލްސާތަކުގައި ރައީސް ޔާމީން ބައިވެރިވެ އެވެ. މިދިޔަ ދެތިން ދުވަހެއްގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އިންޑިއާގެ ސިފައިންނާއި، ކަނޑުގެ މައްސަލައިގައި ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދަވާފަ އެވެ. އަދި އެކަން ފާހަގަކޮށް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ވެސް ވޯޓު ދޭން ޖެހޭ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ.

އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ހާލަތެއް މެދުވެރިވެދާނެކަމަށް ރައީސް ޔާމީން ދެއްކެވި ވާހަކައިގެ ރައްދުގައި އަބްދުއްރަހީމް ވިދާޅުވީ އެއީ އެންމެ ފުރަތަމަ އިސް ކުރާނީ ގައުމުކަމަށް ގޮވާލި ބޭފުޅުން ކަމަށެވެ. އެ ވިސްނުމާއި ފިކުރު ހުންނަ ބަޔަކު ނިކުމެ، މާދަމާ ވެސް އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ރައްޔިތުންނަށް ގޮވާލުމަކީ ބަލައިގަތުމަށް އުނދަގޫކަމެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންކަމުން، އެ ވިސްނުން ދޫކޮށް ރާގު ބަދަލުވާނީ އަބްދުއްރަހީމް ވިދާޅުވީ ގޮތުން ގައުމަށް ހެޔޮ އެދުމުގެ ވިސްނުމުގައި ނޫނެވެ. އޭގެ ބަދަލުގައި އެ އިސްކުރެވެނީ އަމިއްލަ މަސްލަހަތާއި، އަމިއްލަ ނަފުސުކަމަށާއި އެއީ ގައުމަށް ހެޔޮ އެދުން ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަމަކު ގައުމޭ.. އެންމެ ފުރަތަމަ ގައުމޭ ވިދާޅުވެ ނިކުމެވަޑައިގެންނެވި ބޭފުޅުން މިހާރު ވިދާޅުވާ އަޑު އަޅުގަނޑުމެންނަށް މިއިވެނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެއޭ.. މިއީ ލޮބުވެތި ރައްޔިތުން ވިސްލާން ޖެހޭކަމެއް.. އެންމެ ފުރަތަމަ ގައުމުކަމަށް ވަނީވެއްޖެއްޔާ.. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ހާލަތެއް މި ގައުމުގައި މެދުވެރިވެދާނެ..

އަބްދުއްރަހީމް ވިދާޅުވީ ދިވެހިންގެ ރާއްޖެއެއް ހޯދަން ބުރަ މަސައްކަތް ފަސް އަހަރު ދުވަހު ކުރެއްވީ އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ހާލަތެއް ގެނައުމަށް ނޫން ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓައި އެމަނިކުފާނުގެ ސިޔާސަތު ކުރިއެރުވުމައި އޭނާ ހިމެނޭހެން އެހެން ހުރިހާ ރައްޔިތުން ވެސް ދެމިތިބޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ރާއްޖެއަކީ އިގްތިސާދީ ގޮތުން ފުދުންތެރި، އާމާން ރާއްޖެއަކަށް ހެދުމަށް ބޭނުންވާކަމަށާއި މިއީ އަދުލު އިންސާފެއް އޮންނާނެ ފަނޑިޔާރުގެތަކާއި ނުކުޅޭނެ ވެރިކަމެއްކަމަށް އަބްދުއްރަހީމް ތަކުރާރު ކުރެއްވި އެވެ. އަދި ވިދާޅުވީ އެކަމާ ބައެއް ބޭފުޅުން ކިތަންމެ ހިތްހަމަނުޖެހި ވާހަކަ ދެއްކެވި ނަމަވެސް ހަގީގަތަކީ ދެން ސިޔާސީ ހަމަނުޖެހުންތަކަށް ޖާގަ ނެތްކަމެވެ.

އެއީ އެވާހަކަފުޅު އެ ދައްކަވަނީ.. ގައުމަށް ހެޔޮއެދިވަޑައިގެން ތޯ.. ނޫނީ ތިމާގެ އަމިއްލަ ނަފުސަށް ހެޔޮއެދިވަޑައިގެންތޯ.. އެވާހަކަފުޅު އެގޮތަށް ދައްކަވާ ބޭފުޅުން… ވަށައިގެން ތިއްބެވި ބޭފުޅުން ކޮށައިގެން.. ޑރ. މުއިއްޒު ކެޔަސް އަޅުގަނޑު ދަންނަވާނީ ފަށައިގެން މިއުޅޭ ދަތުރު އަޅުގަނޑުމެން ނިންމައެއް ނުލާނަމޭ..

އަބްދުއްރަހީމް ވަނީ މި ހަފްތާގައި ޕީއެންއެފްގެ އެކި ޖަލްސާތަކުގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކުން މީޑިއާތަކުގެ ސަމާލުކަމަށް އައިސް ރިޕޯޓު ކުރި ބައެއް އެހެން ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން ވެރިކަމަށް ތިން މަސް ވެގެން ދިޔައިރު ވެސް ބަންދަށް ލުއި ދީފައި ނުވާތީ އެއީ އަނގަމަތީ ޓޭޕު އަޅާފައި ހުރުންކަމަށާއި ކަންކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޕޯޑިއަމެއް ބޭނުންވާކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަ ހިމެނެ އެވެ.

އެ ވާހަކައިގެ ރައްދަށް އަބްދުއްރަހީމް ވިދާޅުވީ ކަން ހިނގި ގޮތް އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށް ކަމަށެވެ. އެއަށް ފަހު އަބްދުއްރަހީމް ފާހަގަކުރެއްވީ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި 2018 ގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާއި 19 ވަނަ މަޖިލިސް ޕާޓީއަށް ގެއްލި ދެން ކުރިމަތިލާން ޖެހުނު ދަތިތަކެވެ.

މީގެއިތުރުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް މިހާރު ނުފެންކަމަށާއި އެމްޑީޕީގެ ބަސްމަގަށް އެޅިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅަށް ވެސް އަބްދުއްރަހީމް ރައްދު ދެއްވި އެވެ.

އިންޑިއާގެ ސިފައިންގެ އަދަދު 87 އިން ނެއްޓެން ނޭނގިގެން ސަރުކާރުން އުޅޭކަމަށާއި ހަގީގަތަކީ އައްޑޫ ޕޮލިސް އެކަޑަމީގައި އެކަނި ވެސް 200 އޮފިސަރުން ތިބުންކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާތީ އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ދައްކަމުން ދަނީ ލިޔެކިއުންތަކުން ފެންނާން އޮތް ވާހަކަތައް ކަމަށެވެ.

އަޅުގަނޑުމެންގެ ގައުމުގައި އަސްކަރީ ސިފައިން ފައި ހިއްޕާލާފައި ތިބެން ޖާގަ ދެވެން އަޅުގަނޑުމެންނަކަށް ނެތް.. ރައީސުލްޖުމްހޫރިއްޔާ އަންނަ މޭއި މަހުގެ 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބާނެއޭ ބުނީމާ.. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ 87 ސިފައިންނާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅެނީ ކީއްވެގެން ހެއްޔޭ.. ބަލަގަ ލިޔެކިއުންތަކުން ފެންނަން ހުރި އަދަދުތަކުގެ ވާހަކަތައް މިދައްކަނީ.. އެހެންވީމަ އެ 87 މީހުން ރާއްޖެއިން ފައިބާނެކަމަށް އެއޮތީ ލިޔެކިއުންތަކުގައި ސޮއިކޮށްފަ..

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ހިތުގައި ސަރުކާރާއި މެދު ނަފްރަތާއި ސުވާލުތައް އުފެއްދުމަށް ދޮގު ވާހަކަތައް ދެއްކެވުމަށް ފަހު އެމްޑީޕީގެ ވާހަކަތައް ދެއްކުމުން އުނދަގޫވާކަމަށެވެ.

ރައީސް ޔާމީންގެ ނަން ނުގެންނަވައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ ތަރައްގީގެ އެތައް ހަރުފަތަކަށް ގެނެސްދެއްވި ލީޑަރުންނަށްޓަކައި ހިތުގައި އަބަދުވެސް އިހުތިރާމް އޮންނާނެކަމަށެވެ. އެހެން ނަމަވެސް އިސް ކުރާނީ ގައުމުކަމަށާއި، އުނދަގޫ ފަސް އަހަރަށް ފަހު އަނެއްކާ މަގުމައްޗަށް ދޫވާން ބޭނުން ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
53%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: