ރާއްޖެ އާއި އިންޑިއާއާ ދެމެދު ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުތައް ހިންގަން ގާއިމުކުރި އެއްބަސްވުންތަކުގެ ދަށުން ފާއިތުވެދިޔަ އަހަރުތަކުގައި 3،100 ދިވެހިން ތަމްރީންގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އިންޑިއާ އަށް ގޮސްފައިވާކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަފީރު އެގޮތަށް ވިދާޅުވީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނޫ މަހާވަރު ވަނީ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ލިބުނު ކުރިއެރުން ފާހަގަ ކުރައްވައިފައެވެ. އަދި މިއީ ކާމިޔާބީއެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވައިފައެވެ.
އަބްދުﷲ ނަޒީރު ވެސް ވިދާޅުވީ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް އެކިއެކި ދާއިރާތައް ހިންގުމުގެ މުހިންމު ކަން ފާހަގަ ކުރައްވައިފައެވެ. އަދި އެއީ ހަމައެކަނި ރާއްޖެއަށް ހިނގާ ކަމެއް ނޫން ކަމަށާއި މި ދުނިޔޭގައި ވެސް އެފަދަ ޕްރޮގްރާމްތައް ހިންގާ ކަން ފާހަގަ ކުރެއްވިއެވެ.
މީގެތެރެއިން ބައެއް ތަމްރީންތަކަކީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ތަމްރީނެކެވެ

