ގޭބިސީތަކާއި ޖެހިގެން ހުންނަ މިސްކިތްތަކުގައި ބަންގި ގޮވާ ވަގުތާއި ގަމަތުގެ އަޑު ބޭރަށް އިވޭ ގޮތަށް ހުރި ނަމަވެސް ނަމާދު ކުރާ ވަގުތުތަކުގައި އެންމެ ރަނގަޅީ މިސްކިތުގެ ތެރެއަށް ނަމާދުގެ އަޑުއިވޭ ގޮތަށް ބެހެއްޓުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ، ގޭގައި އުޅޭ މީހުންނަށް އިޝާ ނަމާދު ކުރެވެނީ އެ ސަރަހައްދުގައި ހުރި މިސްކިތުން ތަރާވިސް ނަމާދުކޮށް ނިމުމުންކަމަށާއި، އެއީ ކޮންމެ ރޯދަ މަހެއްގެ ވެސް ހާލަތުކަމަށް މުހައްމަދު އިސްމާއިލް (އިބްރާ) މިނިސްޓަރ ޓެގްކޮށް ކުރި ޕޯސްޓަކަށެވެ.
ގޭބިސީތަކުގެ ބުޑުގަ ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތައް ކުރުން ރަނގަޅީ. ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅީ. https://t.co/fiXVgjpDI9
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 11, 2024
އެކަމާ ގުޅޭގޮތުން ޝަހީމް ވިދާޅުވީ ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އާއި ތަރާވިސް ނަމާދު އަދި ދަމު ނަމާދު އެންމެ ރަނގަޅުވެގެން ވާނީ މިސްކިތުގެ ތެރެއަށް އަޑުއިވޭ ގޮތަށް ހުރުން ކަމަށެވެ. އަދި ކުޑަކުދިން ނިދާ ގަޑިތަކާއި، ގޭގައި ކުރާ ނަމާދަށް ދަތި ނުވާނެހެން އެކަން ކުރުން ރަނގަޅުވެގެންވާކަމަށް ޝަހީމް ވިދާޅުވި އެވެ.
އެކަމަކު ޝަހީމްގެ ޕޯސްޓަށް އިބްރާ އަނެއްކާވެސް ވިދާޅުވީ މިސްކިތުން ކުރި ނަމަވެސް އާންމުކޮށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރުމަކީ އާންމު އިޖްތިމައީ މިންގަނޑުތަކުގެ ގާނޫނާއި ހިލާފުކަމެއް ކަމަށެވެ. އަދި އެއީ ކުށެއްކަމަށާއި، އަޑުގަދަ ކުރާއިން ބޭރަށް އަޑު އިވޭ ގޮތަށް ނަމާދު ކުރުމަކީ ދީނާ ހިލާފުކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. އިބްރާ ވިދާޅުވީ އެކަން އިސްލާމިކް މިނިސްޓްރީއަށް ހުއްޓުވޭނެ ކަމަށެވެ.
ޖަވާބުގައި ޝަހީމް ވިދާޅުވީ ރައްޔިތުންގެ ހުރި ޝަކުވާތައް ހައްލުކޮށް ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް، އާންމުންގެ އެފަދަ ޕޯސްޓުތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ނަމާދު ކުރާ ވަގުތުތަކުގައި ހަމައެކަނި މިސްކިތު ތެރެއަށް އަޑު ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.


One Response
ތިޔަކަން ކުރަން މާލަސްވެސް ވެއްޖެ. މިސްކިތައް ނަމާދައް މީހަކު އަރައިފިނަމަ މިސްކިތުގައި ޤްރާން ކިޔަވަން އިންނަ މީހާވެސް އަޑު މަޑުކުރާން ޖެހޭނެކަމަށް ސުންނަތް ބުނަނީ. ޢެހެންވީމާ އަޑުގަދަކުރާ ބޭރަށް ޖައްސައިގެން ކައިރި ގެތަކުގައި ތިއްބަވާ ކުޑަކުދިނނާއި ގޭގަ ނަމާދުކުރާވެރިނނާއި އާއްމުންނަށް އުދަގޫވާގޮތައް އެކަން ކުރުން ހުއްޓާލުމަކީ އެންމެރަނގަޅު ގޮތްކަމަށް ބެލެވެނީ.