ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގޮތުން، އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ގައުމު ދިފާއު ކުރުމަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް ތައާރަފުކޮށްދެއްވައިފި އެވެ.
ކަނޑުގެ ސަރަހައްދު ދިވެހިން އަމިއްލައިން 24 ގަޑިއިރު ބަލަހައްޓައި، ގައުމުގެ މިނިވަންކަން ދެމެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރާއްޖެ – އިންޑިއާ ދެމެދު ވެފައިވާ އެކި އެއްބަސްވުންތަކުގެ ދަށުން އެ ގައުމުގެ ސިފައިންތައް ގާއިމުވެތިބުމުން އެ މީހުން ފޮނުވާލުމަށް ވެސް އެމަނިކުފާނު ވައުދުވި އެވެ. އެ މަސައްކަތް ކުރެވެމުން ދަނިކޮށް، އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގެ މަސްވެރިކަން ކުރާ ހަތަރު ދޯންޏަކަށް އެރި މައްސަލަ ވަރަށް ބޮަޑަށް ގޯސްވި އެވެ.
އެއީ ކިހިނެއް ހިނގައިދިޔަ ކަމެއްކަން ސާފުކޮށްދޭން ދިވެހި ސަރުކާރުން އެންގި ނަމަވެސް އިންޑިއާގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ލިބިފައި ނުވެ އެވެ. އޭގެ ފަހުން މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު އިއުލާނު ކުރެއްވީ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމާއި ގުޅޭގޮތުންނެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އެމްއެންޑީއެފްގެ އެއާ ކޯރ އިފްތިތާހު ކުރައްވާފަ އެވެ.
ތާރީހުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫއޭވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގްލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއު ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މި ހިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ގާ ނޫނީ އަމަލުތައް ހުއްޓުމަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.
ޔޫއޭވީ ތަޢާރަފުކޮށްދެއްވުމަށްފަހު، އެމްއެންޑީއެފް އިން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެއްޓުމުގެ ގަރާރުގައި ވަނީ ސޮއިކޮށްފަ އެވެ. އެއަށްފަހު އެމްއެންޑީއެފްއަށް ޔޫ.އޭ.ވީ އާއި ”އެއަރ ސަރވެއިލަންސ“’ ގާބިލުކަން ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، އެމަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ޤައުމީ ދިފާއީ ބާރުން ވަނީ އަރުވައިފައެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ މަސްވެރިންނާއި ދަތުރުވެރީންނަށް ހާއްސަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން ”ރަސް އައިނު“ އިފުތިތާޙުކޮށްދެއްވައިފައެވެ.
މި އެޕުން މޫސޫމީ އިންޒާރުތަކާއި، ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުރެއެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި، އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.

