ސަރުކާރަށް ޖެއްސުންކޮށް ވެރިކަން ވައްޓާލުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށާއި، އެކަމަކު އެފަދަ މަޖުބޫރީ ހާލަތެއްގައި ފަސް ޖެހުމެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމަށް ގިނަ މަސަައްކަތްތަކެއް އެމްޑީޕީން ކުރި އެވެ. އެގޮތުން ކެބިނެޓަށް ރުހުން ނުދީ ގިނަ ދުވަހު ހިފެހެއްޓުމާއި، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަވައިދަށް އިސްލާހު ގެނެސް މަޖިލީހުގެ ތަޅުމުން ފާސް ކުރުން ހިމެނެ އެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބޯ ނުލެނބުލަށް ތަޅުމުން ފާސްކުރިއިރު މަޖިލީހުގެ ތެރެއިން ސަރުކާރަށް ދައްކާ ބިރަކީ އަޒުލު ކުރުމުގެ ވާހަކަތެކެވެ.
މި ވެރިކަން އުފެދިގެން އައީ ރައްޔިތުންނަށް އޮޅުވާލައި ދޮގު ވިއްކައިގެންކަމަށް އެމްޑީޕީން ދައްކާ ވާހަކަތައް ތަކުރާރު ކުރައްވައި ޕާޓީގެ ޖަލްސާއެއްގައި ފައްޔާޒް ވިދާޅުވީ މިއަދު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒަށް ގައުމުގެ މިސްރާބު އޮތް ހިސާބު އެއްވެސް މިންވަރަކަށް ފަހުމު ނުވާކަމަށެވެ. ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމުގެ ތުހުމަތު ކުރައްވައި ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބުމުން ގައުމު އެ ވައްޓާލެވެނީ 10 އަހަރު ފަހަތަށް ކަމަށެވެ.
ބަސް ބުނުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން އެއީ މި ސަރުކާރުން ގަބޫލު ކުރާ ވާހަކަތަކެއް ނޫންކަމަށާއި އެކަން މިދިޔަ ތިން މަސް ދުވަހުގެ ސަރުކާރުގެ އަމަލުތަކުން ހާމަވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މުއިއްޒުއަކީ އެއްގޮތަކަށްވެސް ވާނުވާ އެނގޭ ބޭފުޅެއް ނޫން، މަސައްކަތަށް ފައިސާ އާއި މީހުން އަދި އާލާތްތައް ހޯދައި މަސައްކަތް ރާވާނެ ގޮތެއްވެސް އެބޭފުޅާއަށް ނޭގޭ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އައްޔަނު ކުރި މިނިސްޓަރުންނާއި ޕާޓީގެ އެތެރޭގެ އެތައް ބަޔަކު އުނދަގޫކޮށް ޖެއްސުން ކުރަމުން ދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނެކަމަށެވެ. އަދި އޭގެ ސަބަބަކީ އެމްޑީޕީން ގަބޫލު ކުރާ ވަކި އުސޫލުތަކާއި ފަލްސަފާތަކެއް ހުރުމުންކަމަށް ވިދާޅުވި އެވެ.
މިއުޅެނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ވައްޓާލާކަށް ނޫން، ނަމަވެސް ވައްޓާލަން ޖެހިއްޖެއްޔާ ވައްޓާލަން ޖެހޭނެ. މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ނޫނީ މި ވާނުވާ ސަރުކާރު އޮބިއެއް ނޭޅޭނެ.
ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށް ކުރާ ތުހުމަތުތަކަށް ފައްޔާޒް ވިދާޅުވީ، އެފަދަ އެއްވެސް ހިޔާލެއް ނެތްކަމަށާއި އެކަމަކު ވެރިކަން ވައްޓާލަން ޖެހޭ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށެވެ.


One Response
މިހާރަކު ތިޔަ ބުނާ އެއްޗެއްގެ ބުރަދަނެށް ނެތް، ފަސް އަހަރަށް ޤައުމުދިނީމަ ނުވި ބަޔަކު ދެއްކުން ހަޑި ޗީ ވާހަކަ ތިޔައީ