ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި އިފްތިތާހުކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސްގެ މުއާމަލާތުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވަނީ މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކާފައެވެ. އީސަ ވިދާޅުވީ މިއީ ވަރަށް ބޮޑަށް ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަންކަންކަމަށެވެ. ނަމަވެސް މި މުއާމަލާތުގައި ސިއްސައިގެން ދާވަރު ކަންކަން ހިންގާފައި އެބަހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮރަޕްޝަން ހިންގާފައިވާކަމަށް އީސަ ވަނީ ތުހުމަތު ކުރައްވާފައެވެ.
ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން މަސައްކަތް ކުރަންޖެހޭކަމަށް ގަބޫލުކުރާކަމަށް އީސަ ވިދާޅުވިއެވެ. މި ކަންކަމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރާ ކަންތައްތަކެއްކަން ފާހަގަކޮށް އީސަ ވިދާޅުވީ، އޭގެ ފުރިހަމަ ތަފްސީލު ހާމަ ކުރަން ޖެހޭނެކަމަށެވެ.
ހިލޭ ލިބުނުކަމަށް ބުނާ ޑްރޯންގެ އިތުރަށް ބޭނުންކުރާ އަނެއް 2 ޑްރޯންއަށް ފައިސާ ދެއްކި ގޮތް ނޭނގޭކަމަށް އީސަ ފާހަގަކުރިއިރު، އޭނާ ވިދާޅުވި ގޮތުގައި މި ޑްރޯންތަކަށް 39 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ހަތަރު ޑްރޯންއެއް ގެންނަ ވާހަކަ ބުނީ. އެހެން ވެއްޖެއްޔާ އެ ވިދާޅުވީ 39 މިލިއަން ރުފިޔާ، މިކަމަށް ހަރަދުކުރީ ކޮން ގޮތަކަށް. މިއީ ރައްޔިތުންނަށް ސާފުވާންޖެހޭ ކަމެއް.
އީސަ ތުހުމަތު ކުރި ގޮތުގައި އެއީ އެހެން މަޝްރޫއުތަކަށް ހޭދަކުރުމަށް ހަމަޖެހިފައިވާ ފައިސާއެވެ. ޑްރޯންތައް ގަތުމަށްޓަކައި ބައެއް މަޝްރޫއުތައް ހުއްޓާލާފައިވާކަމަށްވެސް ވިދާޅުވިއެވެ.
މި ޑްރޯންތަކަށް ކުރި ހަރަދާއި ގުޅޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން މި މައުލޫމާތު ހޯދުމަށް މަސައްކަތް ކުރިއެވެ.


One Response
ތިމައުލޫމާތުވެސް ހާމަކުރާނެ. ސަރުކާރުންކުރާ އެއްވެސްކަމެއް ސިއްތެއް ނުކުރާނެ. މިފަދަބަރަކާތްތެރި މައްސަރެއްގަ ފަތައްބުރަކުރަން ޚިޔާލީވާހަކަ ނުފެތުރުން މުހިންމު