ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޒާރުތަކަށް ސަމާލުނުވެތިއްބާ ރަޝިއާގައި ޓެރަރިސްޓު ހަމަލާއެއް ދީފި!

ރަޝިއާގައި ޓެރަރިސްޓުން ދިން ހަމަލާއަށްފަހު ކަމާއި ބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާގައި ޓެރަރިސްޓު ހަމަލާއެއްދީ ގިނަ އަދަދެއްގެ މީހުން ޒަހަމްކޮށްލައި 115 އަށްވުރެ ގިނަ މީހުން މަރާލައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ރަޝިއާގައި ޓެރަރިސްޓު ހަމަލާއެއް ދީފައިވަނީ ވެރިރަށް މޮސްކޯ އާއި ގާތް ސަރަހައްދެއްގައި ހުންނަ ސިޓީ ހޯލުގައެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާއިން މިފަދަ އަމަލެއް ހިންގުމަށް ރާވަމުންދާކަމުގެ އިންޒާރު ދީފައިވަނިކޮށެވެ. އެހެންނަމަވެސް ރަޝިއާގެ ސަރުކާރުންވަނީ އެ އިންޒާރުތަކަށް ސަމާލުކަމެއް ނުދިނުމަށް ނިންމާފައިކަމަށްވުމުން މި ހާދިސާގެ ތެރޭގައި އެ ގައުމުގެ ސަރުކާރުގެ އިހުމާލުތައް ވާކަމަށް ފެނިގެންދާކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރަޝިއާގެ ކްރޯކަސް ސިޓީ ހޯލްގައި ޓެރަރިސްޓުންތަކެއް ދީފައިވާ މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގާކަން އެ ޖަމާއަތުންވަނީ ހާމަކޮަށްފައެވެ. އެގޮތުން ރަޝިއާގެ ވެރިރަށާއި ގާތް ސަރަހައްދެއްގައި ގިނަަ އަދަދެއްގެ ކްރިސްޓިއަނުން އެއްވެ ތިއްބި ތަނެއްގައި ހަމަލާއެއް ދިނީ އެ ޖަމާއަތުންކަމަށާއި އެތައް ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކަށް ޒަހަމްތައްވެސް ލިބިފައިވާނެކަމަށް ބުނެފައިވެއެވެ.

6200 މީހުންގެ ޖާގަ ހުންނަ ސިޓީ ހޯލުގައި މިއުޒިކު ޝޯއެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވަނިކޮށް ހަމަލާއެއް ދީފައިވަނީ މާޗު 22 ވަނަ ދުވަހުގެ އިރުއޮއްސުނު ފަހުންކަމަށްވާއިރު، މަރުވެފައިވާ މީހުންގެ އަދަދުވެސް 115 އަށްވުރެ އިތުރުވުން އެކަށީގެންވާކަމަށް ބައެއް އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. އަދި މީގެ ކުރިން 145 ވުރެ ގިނަ މީހުންނަށް އަނިޔާތައް ލިބިފައިވާކަމުގެ ރިޕޯޓުތައް ކުރެވިފައިވާއިރު ޝޯ ބެލުމަށްޓަކައި އެ ތަނުގައި ގިނަ އަދަދެއްގެ ކުޑަކުދިން ހާޒިރުވެ ތިބިކަންވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ މި ހަމަލާ ދިނުމުގައި ފަސް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ބެލެވޭކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ. އަދި އައިއެސްއިން ކޮށްފައިވާ ޕޯސްޓަށް ބެލުމުން ހަމަލާ ދިން މީހުން ނިންމާލުމަށްފަހު ފިލައިގެންދިޔަކަމަށް ފެނިގެންދާ ބައެއް ކަންކަން ފާހަގަކުރެވުނުކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ރަޝިއާގެ ކަމާއި ބެހޭ ފަރާތްތަކުންވަނީ މި މައްސަލައާއި ގުޅިގެން 11 މީހަކު އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން މާރިއާ ޒަަޚަރޯވާ ވަނީ މި މައްސަލައާއި ގުޅިގެން ރަޝިއާގެ އިސްވެރިންނަށް ބަހުގެ ހަމަލާއެއް ރައްދުކުރައްވާފައެވެ. އެގޮތުން މިހާރު އެ މީހުން ފިލަން މަސައްކަތްކުރަނީ ކޮންތަނަކަށް ކަން ސާފުވެފައިވާކަމަށާއި ރަޝިއާގެ އެތެރެއިން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ދާނެ ތަނެއްގެ ގޮތުގައި ޔޫކްރެއިން ކަނޑައަޅައި އެތަން ހިފުމަށް މަސައްކަތްކުރަމުންދާކަމަށް ސިފަކުރެއްވިއެވެ.

މި މައްސަލައާއި ގުޅިގެން ރަޝިއާގެ މަޖިލިސް މެމްބަރެއްކަމަށްވާ އަންޑްރޭއީ ކާރްޓަޕޯލޮވްވެސް ވަނީ މި މައްސަލައިގައި ޝުއޫރު ފާޅުކުރައްވާފައެވެ. އެގޮތުން މިކަމުގެ ތެރޭގައި ޔޫކްރެއިންގެ އެއްވެސް އަތެއް ވާ ނަމަ، ރަޝިއާއިން މިކަމާއި އެކަށީގެންވާ ސާފު ވަރުގަދަ ޖަވާބެއް ހަނގުރާމައިގެ މައިދާނުން އެ ގައުމަށް ދޭންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ.

މި ހާދިސާގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު، ބައެއް ފަރާތްތައް މަރުވެފައިވަނީ ވަޒަން އެރުމުގެ ސަބަބުން ލިބުނު ޒަހަމްތަކުން ނޫންކަމަށްވެސް މީޑިއާތަކުން ހާމަކޮަށްފައިވެއެވެ. އެގޮތުން ބައެއް މީހުން ނިޔާވުމަށް ދިމާވެފައިވަނީ އެތަނުގައި އެވަގުތު ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: