ޑްރޯންތައް އޮޕަރޭޓު ކުރުމުގައި ބޭރުގެ ސިފައިންގެ އެއްވެސް ބައިވެރިވުމެއް ނުވަތަ އެހީތެރިކަމެއް ނުދޭނެކަމަށާއި، އެ މަސައްކަތުގައި އުޅޭނީ ޓްރެއިން ވެގެން އައި ދިވެހި ސިފައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު 25 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގޮތުން، ތުރުކީވިލާތާ ދެމެދު އެކުލަވާލި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގެނައި ޑްރޯންތައް ވަނީ ބޭނުން ކުރަން ފަށާފަ އެވެ. ރާއްޖެ – އިންޑިއާ ދެމެދުގެ ގުޅުން ގޯސްވި ވަގުތާ މި މަސައްކަތް ދިމާވިއިރު ޑްރޯން ގެނެސްފައި ވަނީ ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ހަތަރު ދޯންޏަކަށް އެ ގައުމުގެ ސިފައިންތަކެއް އަރައި ބިރު ދައްކައި ސުވާލުކޮށް ސެޓްލައިޓް ނަމްބަރު ދޭން އިންޒާރު ދީފައިވަނިކޮށެވެ.
މައްސަލަ ގޯސްވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ވާހަކަ ރައީސް ދެއްކެވީ އޭގެ ފަހުންނެވެ. އެކަމަކު ޑްރޯންތައް ގެނައުމަށް ފަހު، އެންމެ ބޮޑަށް ކުރެވުނު ތުހުމަތަކީ އެ ޑްރޯން އޮޕަރޭޓު ކުރާނީ ބޭރުން އަންނަ އިތުރު އޮފިސަރުންތަކެއްކަމަށާއި، ރާއްޖޭގައި އެ މަސައްކަތަށް ބޭނުންވާ އިންސާނީ ވަސީލަތް ނެތްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ، ”ރައީސްގެ ޖަވާބު“ ގެ ސެގްމެންޓުގައި މިއަދު އާންމުންގެ މީހަކު ސުވާލު ކުރީ އަލަށް ގެނައި ޑްރޯންތައް އޮޕަރޭޓު ކުރުމުގައި ބޭރުގެ އަސްކަރީ ބައެއްގެ އެއްވެސް އެހީއެއް ހޯދާނެތޯ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ ބޭރުގެ ސިފައިންތައް ރާއްޖޭގައި އުޅެން ޖެހޭ ގޮތަށް އެއްވެސް ސިޔާސަތެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ޑްރޯންތައް ދުއްވުމުގައި، ބޭރުގެ ސިފައިންގެ އެއްވެސް އެހީތެރިކަމެއް ނުހޯދާނެ ކަމަށެވެ.
ބޭރުގެ އެއްވެސް އަސްކަރީ ސިފައިންނެއް ތިބެން ޖެހޭ ގޮތަށް އަޅުގަނޑުމެން އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން.. މި ތައާރަފު ކުރި ސިފައިންގެ އެއާކޯ ސާވިސްގަ ވެސް.. އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީ.. ޑްރޯންތައް ދުއްވުމުގައި ވެސް ނުތިބޭނެ ސިފައިނެއް، ބޭރުގެ އެއްވެސް ސިފައިނެއް އެހީވާކަށް ވެސް ނުތިބޭނެ.. ތުރުކީން ތަމްރީނުވެގެން އައިސް ދިވެހިން ހަމަ އެ އޮޕަރޭޓު ކުރަމުން ދަނީ.. އަދި ކުރިޔަށް އޮތްތަނުގައި ވެސް ޓްރެއިންވާނެ.. މިހާރު ވެސް އެބައުޅޭ ޓްރެއިނިންގަ.. އެހެންވީމަ ދިވެހި ސިފައިން ހަމަ އެ ހުރިހާކަމެއް ވެސް ކުރާނީ..
ޑްރޯން އޮޕަރޭޓު ކުރުމަށް ތުރުކީން ދިވެހި ސިފައިން ތަމްރީނުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ވެސް އެއް ބެޗު ވީ އެ ގައުމުގައި ކަމަށެވެ. އިތުރު ސިފައިންތައް ވެސް ތަމްރީނު ހޯދަން ތުރުކީއަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

