ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް ވަދެ، ޗައިނާގެ އުޅަނދަށް އެއްވެސް ރީސާޗެއް ކުރުމުގެ ހުއްދައެއް ދީފައިނުވާނެކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޗައިނާގެ އުޅަނދެއް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އާއި ބޯޑަރު ކައިރީ ހަރަކާތްތެރިވަމުން ދަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެ އުޅަނދާ ގުޅުވައި ތަފާތު އެކި ތުހުމަތައް ކުރެވުނު ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަމުގެ މައުލޫމާތުތައް ދީ، ތަފްސީލު ހާމަކޮށްފައި ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ ޣައްސާން ހާޒިރު ކުރުމުން ޗައިނާގެ ރީސާޗް އުޅަނގު މި ސަރަހައްދުގައި ކުރީ ކީއްތޯ ސުވާލު ކުރައްވާފައި ވަނީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސްގެ ސުވާލުގައި ވިދާޅުވީ ޗައިނާގެ އުޅަނދަށް ހުއްދަ ދިނުމުގައި ބެލީ ކޮންކަމަކަށް ތޯ އާއި، އެ ބޯޓު ފެބްރުއަރީ މަހު މާލެއަށް ބަނދަރު ކުރީ ކޮން ސަބަބަކާ ހުރެތޯ އެވެ. އަދި އިލްޔާސް ވިދާޅުވީ އުޅަނދުން ކުރަނީ ކޮން ރީސާޗެއްކަން ދިވެހި ސަރުކާރަށް އެނގޭތޯ އެވެ.
ޖަވާބުގައި ޣައްސާން ވިދާޅުވީ އުޅަނދަށް ހުއްދަ ދިނުމުގައި ބެލީ، ތާރީހުގައި ދިވެހި ދައުލަތުން އަމަލުކޮށްފައި ހުރި ގޮތަށް ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ވެސް ޗައިނާގެ އެ އުޅަނދު ހަމަ އެގޮތަށް ރާއްޖޭގެ ސަރަހައްދާއި ކައިރިން ހަރަކާތްތެރިވިކަމަށް ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ ޗައިނާގެ ބޯޓަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން އެއްވެސް ރީސާޗެއް ކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އުޅަނދު ރާއްޖެއަށް ބަނަދަރު ކުރީ، ޣައްސާން ވިދާޅުވި ގޮތުން ހަމައެކަނި ކްރޫއިން ބަދަލު ކުރުމަށެވެ. މަތިންދާބޯޓަކުން އައި ކްރޫއިންތައް އުޅަނދަށް އެރުމަށް ފަހު، އެ އުޅަނދުގައި ތިބި މީހުން ވެސް އެނބުރި ފުރައިގެން ދިޔައީކަމަށް ޣައްސާން ވިދާޅުވި އެވެ.
2022 ވަނަ އަހަރު ވެސް ހަމަ އެ އުޅަނދު، ތި ވިދާޅުވި ގޮތަށް ހަމަ އަމަލުކޮށްފައި އޮތް.. އެހެންވީމަ އާންމު ގޮތެއްގައި ދިވެހި ދައުލަތުން ހުއްދަ ދޭ ބޯޓަކަށް ވާތީ އަޅުގަނޑުމެން މި ފަހަރު ވެސް ހުއްދަ ދީފައި އޮތީ.. އެއްވެސް ރީސާޗެއް ކުރުމުގެ ހުއްދައެއް ދިވެހިރާއްޖޭގެ ތެރޭގައި ކުރުމުގެ ހުއްދައެއް ދީފައި ނޯންނާނެ.. މާލެއަށް ބަނދަރުކޮށް ކާބޯތަކެތި ގަނެގެން.. ކްރޫ ޗޭންޖެއް.. މަތިންދާ ބޯޓުން އައިބަޔަކު.. އެ ބޯޓަށް އަރާފަ.. އެ ބޯޓުގައި ތިބި މީހުން މަތިންދާބޯޓުގެ ޒަރިއްޔާއިން ފުރައިގެން ދިޔައީ.. އެއީ ދެވުނު ހުއްދައަކީ
ޗައިނާގެ ރީސާޗް އުޅަނދު ރާއްޖޭގެ ސަރަހައްދުގައި އޮތުމުން އެކަމަށް އެންމެ ބޮޑަށް ނުރުހުންގެ އެކަމާ ދެކޮޅު ހަދަމުން ގެންދިޔައީ އިންޑިއާ އެވެ. އަދި އިންޑިއާގެ ބޮޑެތި ބައެއް މީޑިއާތަކުން ވަނީ ޗައިނާ އުޅަނދުގެ ހަރަކާތްތައް ހުރި ގޮތް ރިޕޯޓުކޮށްފަ އެވެ.
ރީސާޗްއެއްގެ ބޭނުމަށް ޗައިނާގެ ކަނޑުގެ އުޅަނދެއް މި ސަރަހައްދުގައި ހަރަކާތްތެރިވާކަމަށް ބުނެ އެ ވާހަކަތައް ދިވެހި މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައެވެ. އެ ބޯޓުގެ ޓްރެކްތައް ދައްކާ ގޮތުން މި ސަރަހައްދުގެ ތެރެއަށް ވަދެފައިވާއިރު، ރާއްޖެއަށް ބަނދަރު ކުރީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީއިން ބުނާގޮތުން އެ އުޅަނދަކީ ސުލްހަވެރި މަގުސަދުތަކަށާއި އިލްމީ މަސައްކަތްތަކަށް ބޭނުންކުރާ އެއްޗެކެވެ. އެހެންނަމަވެސް އަސްކަރީ އުޅަނދުތައް ނޫނަސް އިންޑިއާއިންދަނީ ޗައިނާއިން ކުރަމުންދާ ކަންކަމުގެ ފަހަތުގައި ނުބައި މަގުސަދުތަކެއް އޮތްކަމަށް ސިފަކުރަމުންކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާގެ ބައެއް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން، ޗައިނާއިން ރާއްޖޭގެ ސަރަހައްދީ އިމުގެ ތެރޭގައި ކުރަމުންދާ މަސައްކަތްތަކުން ލިބޭ މައުލޫމާތުތައް ބޭނުންކޮށްގެން ކަނޑުގެ އަސްކަރީ ހަރަކާތްތަކެއް ހިންގުން އެކަށީގެންވާކަމަށެވެ. އެކަމަކު ޗައިނާ އެ ތުހުމަތުތައް ދޮގު ކުރެ އެވެ.
މި އުޅަނދުގެ ޓްރެކް ދައްކާ ގޮތުން، ބޯޓު ވަނީ އެކި ފަހަރު މަތީން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގެ ތެރެއަށް ވަދެފަ އެވެ. އަދި މިހާރު ވެސް އުޅަނދުގެ މިސްރާބު ހުރީ ރާއްޖެއާ ދިމާލަށްކަމަށްވާއިރު، އައްޑޫގެ އިރު ދެކުނު 100 އެއްހާ މޭލު އެތެރެއަށް އުޅަނދު ވަނީ ވަދެފަ އެވެ.

