ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތައްވީ އެކަމެއް ފުރިހަމަ ކުރުމުގެ ނިޔަތުގައި، އިންތިހާބަށް ކަޑަޖެހުމުގެ ނިޔަތެއް ނެތް: ރައީސް

ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ވައުދުވީ، އިންތިހާބަށް ވޯޓު ހޯދުމުގެ ނިޔަތުގައި ނޫންކަމަށާއި ކޮންމެ ވާހަކައެއްގެ ފަހަތުގައި ވެސް ވަނީ ކަންކަން ތަންފީޒު ކުރުމުގެ ސިޔާސަތުތަކުގެ ޕްލޭނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް މަހަކަށް ވެފައިވާއިރު، ރައީސް މުއިއްޒު ގެންދަވަނީ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވެ މަޖިލީހަށް ސަރުކާރުގެ ކެންޑިޑޭޓުން ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. މިރޭ އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އަނެއްކާވެސް އެމްޑީޕީ ސިޔާސަތުތަކާއި އެމަނިކުފާނުގެ ސަރުކާރަށް އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވާފަ އެވެ.

ފަސް އަހަރު ދުވަހު އެމްޑީޕީ ވެރިކަމުގައި އޮތީ ނުހަނު ގިނަ ބާރުތަކާއި އެކު، މަޖިލިސްގެ ސުޕަމެޖޯރިޓީ ވެސް އޮވެކަން ފާހަގަކުރައްވައި ރައީސް ސުވާލު ކުރެއްވީ އޭގެއިން ރައްޔިތުންނަށްވި އެއްވެސް ފައިދާއެއް އެބައޮތް ތޯ އެވެ. މި ސަރުކާރަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ނުދެވޭނެކަމަށް އެމްޑީޕީން ބުނާއިރު، ރައީސް ވިދާޅުވީ އެމްޑީޕީއަށް ފަސް އަހަރު ކުރެވުނުހާ ވެސް ކަމަކީ ރައްޔިތުން ގުނބޯ ހައްދައި އޮޅުވާލުން ކަމަށެވެ.

މިއަދު އަނެއްކާ ވެސް 20 ވަނަ މަޖިލިސް ހޯދުމަށް އެމްޑީޕީން އެއްވެސް އަސްލެއް ނެތް ވާހަކަތައް ދައްކަމުން ގެންދާ ސަބަބާއި މެދު ރައްޔިތުން ވިސްނާލުން މުހިންމުކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ”ދޮގު ދޮލަނގު“ ސަރުކާރެއްކަމަށް އެމްޑީޕީން ބުނަމުން ގެންދާތީ، ރައްދުގައި ރައީސް ވިދަޅުވީ އެމަނިކުފާނު ރައްޔިތުންނަށްވި ކޮންމެ ވައުދެއް ވެސް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި ރިޔާސީ ކެމްޕެއިނުން ފެށިގެން މިއަދާ ހަމައަށް ކޮންމެ ޕޯޑިއަމްއެއްގައި ވެސް ވާހަކަ ދެއްކެވީ ރައްޔިތުންނަށް އެ ވައުދުތައް ފުއްދައިދިނުމުގެ ނިޔަތުގައިކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ދެއްކި ކޮންމެ ވާހަކައެއް ދެއްކި އިރު ދެންނެވިން… މައިކު ކުރިމަތީ.. ޕޯޑިއަމެއްގައި ހުރެގެން އަޅުގަނޑު ދައްކާ ކޮންމެ ވާހަކައަކީ އެ ކަމެއް ފުރިހަމައަށް ކޮށްދިނުމުގެ ނިޔަތުގައި އަޒުމުގައި އަދި ކޮށްދޭނެ ޔަގީންކަން އޮވެގެން ދެއްކި ވާހަކަތަކެކޭ…. ހަމަދައްކާ ވާހަކައެއްގެ ގޮތުގައި، އިންތިހާބުގައި ވޯޓު ހޯދުމުގެ ނިޔަތުގައި އެކަނި ނޫންކަން ވާހަކަ ދައްކަނީ.

މި ފަހުން އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ވެސް ރައީސް ވަނީ އެމަނިކުފާނު އެއް ވާހަކައެއް ދެ ގޮތަކަށް ދައްކަވާފައި ނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާސީ ކެމްޕެއިނުގައި ދޮޅު މަސް ދުވަހު ކުރެއްވި ކެމްޕެއިނުގައި ކޮންމެ ރަށަކަށް ވަޑައިގެން ދެއްކެވި ވާހަކައިގެ ފޮތެއް ވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ނެރުއްވާފަ އެވެ. މި ފޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށާއި ހަފްތާ 14 ގެ ސިޔާސަތުގެ ދަށުން ގިނަ ވައުދުތައް ތަންފީޒު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކަށް ރައީސް ފާހަގަކުރެއްވީ ބޯހިޔާވަހިކަމުގެ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަަސައްކަތެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި ގެދޮރުގެ ދަތިކަން މުޅި ރާއްޖޭގައި ހައްލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެންނަވާނެކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: