ފައިދާ ނުވެ ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އޮންނަ އޮތުމުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ އެކްސްޕޯޓުކުރާ ފްރޯޒަން ޓޫނާގައި ހިސްޓަމިން މަތިކަމަށް ބުނެ ގަސްތުގައި ރިޖެކްޓުކޮށްލުމަށްފަހު ނުއަގުގައި ވިއްކައިގެން މަންފާ ހޯދުންކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ޝަމާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަމާހުވަނީ ޕީސީބީގެ އިންކުއަރީއަށް ހޯދަން އެދުނު މައުލޫމާތުގެ އިތުރުން މައްސަލައާއި ގުޅޭ ބައެއް އެހެން ހަގީގަތްތައްވެސް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި މިފްކޯއަކީ ގެއްލުމުގައި ހިނގާ ކުންފުންޏެއްގެ ގޮތުގައި އޮންނީ މަހުގައި ހިސްޓަމިން ގިނަކަމަށް ބުނެ ރިޖެކްޓުކުރުމަށްފަހު އެތަކެތި ވިއްކައިގެން ބަޔަކު މީހުން މަންފާއެއް ހާސިލުކުރާތީކަމަށް ބެލެވޭކަމަށެވެ.
ޝަމާހު ވިދާޅުވީ، އެގޮތުގެ މަތިން އެކްސްޕޯޓުކުރާ ފްރޯޒެން ޓޫނާ ޝިޕްމެންޓު ރާއްޖެއިން ލޯޑުކޮށްގެން ތައިލެންޑާއި ހިސާބަށް ދާއިރު ޝޯޓް ލޭންޑިންގް ގެ ގޮތުގައި އެތައް ސަތޭކަ ޓަނެއް ގަސްތުގައި މަދުކުރާކަމަށާއި އެކަމުންވެސް ނުހައްގު ފައިދާތަކެއް ނަގަމުންދާކަމަށެވެ. އަދި އޭނާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ކުރިމަތިވެފައިވަނީ އެ ”މާސިންގާ ވަގު ވިޔަފާރި“ ހުއްޓުމަކަށް ގެނެސް ދާއިމީ ހައްލެއް ގެނައުމަށް ކުރި މަސައްކަތްތަކާއި ދެކޮޅަށް މިފްކޯގެ ތެރެއިން ނުފޫޒުގަދަ ބަޔަކު މަސައްކަތްތައް ކުރަމުންދާތީކަމަށެވެ.
ޕީސީބީއިން އޭނާގެ އޮފީހަށް ވަތްގޮތުގެ ބައެއް ތަފްސީލުތައްވެސް ޝަމާހު ހިއްސާކުރެއްވިއެވެ. އެގޮތުން ބިއުރޯއަށް ވަނީ އެއްވެސް އެންގުމެއް ނެތި އުސޫލެއް ނެތި ހުދުމުހުތާރު އަނިޔާވެރި ގޮތަކަށް ކަމަށާއި އެއަށް ފަހު މީޓިންގް ރޫމްއަށް ވަދެ އެތަން ހިސާރުކުރިކަމަށް ވިދާޅުވިއެވެ. އަދި އެކަން އެނގުނީ ބަޔަކު މީހުން ވާހަކަދައްކާ އަޑު އިވުމުންކަމަށާއި އެތަނަށް ދިއުމުން އެންމެ ފުރަތަމަ ހީކުރީ ބަޔަކު މީހުން ހަތިޔާރާއިއެކު ވަދެގެން އުޅެނީ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެވަގުތު ސިފަވީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ކަމަށާއި، ސަސްޕެންޝަން ސިޓީވެސް ދިނީ އެވަގުތުކަމަށް ފާހަަގަކުރެއްވިއެވެ. އަދި އެ މީހުން އޮފީހަށް ވަތް ގޮތްވެސް އެވަގުތު ނޭނގުނުއިރު ރޭވުމެއްގެ ތެރެއިން ޕީސީބީގެ 3 ބޭފުޅަކު ގޮވައިގެން ބިއުރޯއަށް ވަނީ ކުންފުނީގެ ސީއެފްއޯކަމަށެވެ. އެހެންނަމަވެސް އެއީ ކޮންމެ މީހެއްކަން ސާފުނުވާކަމަށާއި ފާސްވެސް ނުދެއްކިކަމަށް ވިދާޅުވިއެވެ. ޝަމާހު ވިދާޅުވީ، އޭނާ މަސްއޫލިއްޔަތުތަކުން ދުރުކުރުމަށްފަހު ބައެއް މާލީ މުއާމަލާތްތައް ހިންގާފައިވާކަމަށެވެ.
އެގޮތުން އެތައް މިލިއަން ރުފިޔާއެއްގެ ޕްރޮކޮއިމެންޓް ހިންގަން ފެށިކަމުގެ މައުލޫމާތު ލިފައިވާކަމަށާއި އޭނާ މަގާމުން ދުރުކުރުމަށް މަސައްކަތްތައް ކުރަނީ އެކަންކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުންކަމަށް ތުހުމަތުކުރެވޭކަމަށެވެ.
އޭނާ ވިދާޅުޥީ، މިފްކޯގެ ސީއިއޯކަމާއި ހަވާލުވި އްިރު މަސްވެރިންނަށް ފައިސާދިނުމުގެ މަސައްކަތްތަކުގެ އިތުރުން މިފްކޯގެ މަސައްކަތްތަކުގައިވެސް ބޮޑެތި އިހުމާލުތައް ވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މިފްކޯގެ މަސްކާރުހާނާތަކުގެ މަސައްކަތްތައް ނުކުރެވިހުރިއިރު ކަލެކްޓަރ ވެސަލްތައް ޑޮކު ނުކޮށް ބެހެއްޓުމުގެ ސަބަބުން އިންޖީނުތައް އޯވާހޯލްކުރުމުގެ މަސައްކަތްތައް ހުރީ ނުކުރެވިފައިކަމަށާއި ޖުމުލަގޮތެއްގައި ކުންފުނި އޮތީ ހުއްޓިފައިކަމަށެވެ.
ޝަމާހު ވިދާޅުވީ، ބޯޓުތަކުގެ ތެލާއި ސަޕްލައި އަދި ސްޕެއަރ ޕާޓްސްއިންވެސް ބޮޑެތި ވައްކަންތައް ކޮށްފައިވާކަމަށާއި އެ އަމަލުތައް ހިންގާފައިވަނީ ތަނެއް ދޮރެއް ބެލުމެއް ނެތިކަމަށެވެ. އޭނާ ވިދާޅުވީ، އެ ވައްކަންތައް ކުރަމުންދާއިރު ކުންފުނީގެ އިންޓާރނަލް އޮޑިޓަރު ވީތަނެއް ނޭނގޭކަމަށާއި އޭކަންކަމާއި ގުޅިގެން ކޮށްފައިވާ މަސައްކަތެއްވެސް ނޭނގޭކަމަށް ވިދާޅުވިއެވެ.
ޝަމާހު ވިދާޅުވީ އޭނާ ހަވާލުވެވަޑައިގެންނެވިފަހުން މި ސަރުކާރުން ކޮށްފައިވާ ބުރަ މަސައްކަތްތައް މެދުވެރިކޮށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ރޯދަމަހުގެ ނިޔަލަށް ދެވިފައިވާކަމަށެވެ. އަދި ކުންފުނީގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ބައްޓަންކޮށް އެވަގުތެއްގައި ގެންނަން ޖެހޭ ބަދަލެއް ކުންފުނީގެ ބޯޑާއި މަޝްވަރާކޮށް، ބޯޑުގެ ނިންމުމާއި އެއްގޮތަށް ތަންފީޒުކުރަން މިހާރު ފެށިފައިވާކަމަށާއި އެހެންކަމުން ޕީސީބީއިން އޭނާ ގަވައިދާއި ހިލާފަށް ސަސްޕެންޑުކުރި މައްސަލަ އަނބުރާ ގެންދިއުމަށް އެންގުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

