ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތައް ކުރާއިރު މެމްބަރުންގެ އެއްބާރުލުން ލިބޭނަމަ ފަައިދާ ކުރާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތައް ކުރިއަށް ގެންދާއިރު ދާއިރާއެއް ތަމްސީލުކުރައްވާ މެމްބަރުންގެ އެއްބާރުލުން ލިބޭ ނަމަ އެ ދާއިރާތަކަށް ފައިދާކުރާނެކަމަށްވުމުން ކުރިއަށް އޮތް އިންތިހާބުގައި އެ ވިސްނުމުގައި ނުކުމެ ވޯޓު ދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއިމެދު ވާހަކަދައްކަވަމުން ރައީސްވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ކާމިޔާބުކުރެވިގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެމްޑީޕީއިން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހިންގާފައިވާ އަމަލުތަކަށް ބެލުމުން ސަރުކާރަށާް މެޖޯރިޓީ ދިނުމުން ރައްޔިތުންނަށް ފުރިހަމައަށް ފައިދާވާނެކަން ފެނިގެންދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެއްވެސް ސަބަބެއް ދެއްކުމެއް ނެތި އެއްވެސް އަސާސެއް ނެތި އެމްޑީޕީއިން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތައް ވެގެންދާ މަންޒަރު ފެންނަމުންދާކަމަށެވެ. އެހެންކަމުން ސަރުކާރަށް ރައްޔިތުން މެޖޯރިޓީ ދެއްވާނެކަމަށް އުންމީދުކޮށް ގަބޫލުކުރައްވާކަމަށާއި އެމަނިކުފާނު ޓާގެޓު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކުޅަ ދެބައި ގޮނޑިތައް ކާމިޔާބުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީވެސް އެއީކަން ޔަގީންވާ ކަމަށެވެ. އެހެންނަމަވެސް ގޮތް ނިންމަވާނީ ރައްޔިތުންކަމަށާއި އިންތިހާބުކުރާނެ މީހަކުވެސް ނިންމާނީ ރައްޔިތުންކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު އެދޭގޮތަކީ ކޮންމެ ދާއިރާއަކުންވެސް ސަރުކާރާއިއެކު ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭނެ މީހަކު ހުރުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ރައްޔިތުންނަށްވެސް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަކަށްވާނެކަމަށާއި މެމްބަރުންގެ އެއްބާރުލުން ލިބިގެންދާނަމަ ސަރުކާރަށްވެސް ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެންދާނެކަމަޡށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއްބާރުލުން ނުދޭނަމަ އެކި ކަހަލަ އުނދަގޫތައް ކުރިމަތިކުރަމުންދާނެކަމަށާއި އެ ޕާޓީއެއްގެ ސިޔާސަތައް އޮތް ގޮތެއްގެ މަތިން އަމަލުކުރަމުންދާނެކަމަށެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ކުރުމަށް ކަނޑައެޅިފައިވާ ހުރިހާ މަސައްކަތެއްގެ ވާހަކަ މެނިފެސްޓޯގައި ހިމެނިފައިވާނެކަމަށެވެ. އަދި ދެއްކި ހުރިހާ ވާހަކައެއްވެސް ފޮތެއްގެ ސިފައިގައި ޗާޕުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަސައްކަތްކުރަމުންދަނީ އެ އިމުން ބޭރުގައި ނޫންކަމަށާއި މަސައްކަތްކުރައްވަމުންދަނީ ވައުދުވެވަޑައިގެންނެވި ގޮތުގެ މަތިން ހުރިހާ ކަންކަން ކޮށްދެއްވުމަށްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކަންކަން ކުރެވޭނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކަންކަން ކުރިއަށް ގެންގޮސްގެންކަމަށާއި މަސައްކަތްތައް ކުރުމުގެ ގޮތުން ބޭނުންވާ ބިލުތައްވެސް ފާސްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ބިލުތަކާއި ގާނޫނުތައް ހެދުން ފަދަ މަޖިލިސް މެދުވެރިކޮށް ކުރަންޖެހޭ އެތައް ކަމެއް އޮތްކަމަށެވެ.

ރައީސް ވިދާޅުވި، ނަގަންޖެހޭ ލޯނުތައް ނެގުމާއި ބަޖެޓު ފާސްކުރުން ފަދަ އެތައް ކަމެއް ކުރަންޖެހިފައި ހުރިކަމަށެވެ. އަދި އެކަންކަން ކުރާއިރު އެ ދާއިރާއެއް ތަމްސީލުކުރުމަށް ހުންނަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މީހެއްކަމަށްވާ ނަމަ އެ ދާއިރާއެއްގެ ރައްޔިތުންނަށްވެސް ކުރާނީ ފައިދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި އެ ވިސްނުމުގައި ރައްޔިތުން ނުކުމެ ވޯޓު ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: