ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ޤައުމިއްޔަތުގެ ފުރާނައަކީ ކީރިތި ޤުރުއާން، އަދި ހަށިގަނޑަކީ މޫރިތި ސުންނަތް: އާދަމް ނަސީރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޤައުމިއްޔަތުގެ ފުރާނައަކީ ކީރިތި ޤުރުއާން ކަމަށާއި، ދިވެހި ޤައުމިއްޔަތުގެ ހަށިގަނޑަކީ މޫރިތި ސުންނަތް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، “ދަތުރުވެރިޔާ” ކުޑަހުވަދޫ ކައުންސިލް އިދާރާގެ 11 ވަނަ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދ.ކުޑަހުވަދޫ އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމްދީނާއި ޤައުމިއްޔަތަށް ތަފާތު ދެ ނަޒަރުން ބައްލަވައި ދެކަމެއް ފާހަގަކުރައްވަމުންނެވެ. ފުރަތަމަ ކަމަކީ، މީގެ 30 އަކަށް އަހަރު ކުރީގެ ދިވެހީން، ކީރިތި ޤުރުއާނަށް އިސްކަން ދިން މިންވަރާއި އޭރުގެ ދިވެހީންގެ އަޚްލާޤާއި ހުރި ގުޅުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ކީރިތި ޤުރުއާން ކިޔެވުމުގައި މިހާރު އިތުރަށް ދާންވީ ފުން މިނަކީ ކޮބައިކަމާ މެދު ވިސްނައި، ޤުރުއާން ތަދައްބުރުކުރުމުގެ މުހިންމު ކަމާ އޭރުގެ އެ ރިވެތި ސަގާފަތާއި ހުރި ގުޅުމެވެ.

މީގެ ވިއްސަކަށް ތިރީހަކަށް އަހަރު ކުރީގެ ދިވެހިން ޤުރުއާން ކިޔަވަން ވަރަށް ބުރަ މަސައްކަތަކާއި ހިތްވަރެއް ލާން ޖެހުނު. ފިލާ އަޅަން މަށި ހޯދަން ދާނީ ކުދިން އަމިއްލައަށް، އެ ހޯދުމުގެ މަސައްކަތަކީ އުނދަގޫ ކަމެއް. ގައު މަށި، ވެލި މަށި، ފަދަ އެކި ވައްތަރުގެ މަށި ގެނެސް، ފެނުލައި، ފުނޑައިގެން، އެތައް މަސައްކަތަކުން ފިލާގައި އަކުރެއް އެޅޭނީ. ފިލާގައި މަށި ހާކައިގެން ގެންނަ ހުދު ކުލައަށް ފަހު، ލިޔަން ބަލާ އިރު، ގަލަމެއް އެއިރަކު ނުހުރޭ. ލިޔުމަށްޓަކައި، އޮނު ހޯދަން ޖެހޭ. މިކަމަށްޓަކައި، ވަކި ކަހަލަ ފަތެއް ހޯދައިގެން، އެ އަންދައިގެން އެއިން ދެލި ތައްޔާރުކޮށްގެންގެން ލިޔެވޭނީ. މިހާ ދަތި ޙާލުން ކިޔަވައިގެން ވެސް، ޤުރުއާނަށް، ޤުރުއާނުގެ ޢިލްމަށް ދިވެހީން އިސްކަން ދިން

ވަޒީރު ވިދާޅުވީ، ޤުރުއާނަށް އޭރު އޮތް ލޯތްބާއެކު، ޤުރުއާން ބާވައިލެއްވި މަޤްސަދުތައް މި މުޖުތަމައުން ޙާސިލް ވެފައިވާ ކަމުގެ ހެކިތައް ފެންނަން ހުރި ކަމަށެވެ. އެއީ ޤައުމިއްޔަތުގެ އަޚްލާޤުކަމުގައި ސިފަކުރައްވައި އޭރުގެ ދިވެހީންގެ އުޅުމުން ހިތްހެޔޮކަމާއި، ލޮބުވެތިކަމާއި، ގުޅުންތެރިކަމާއި، އަމާނާތްތެރިކަމާއި ވަފާތެރިކަމާއި އެކަކު އަނެކަކަށް އަޅާލުން ފެންނަން އޮތް ކަމަށް ވިދާޅުވިއެވެ. އަދި ޤައުމިއްޔަތުގެ ސުލޫކުގެ ގޮތުގައި އޭރުގެ ދިވެހީންގެ ހީވާގިކަމާއި މުރާލިކަމާއި ހިތްވަރުގަދަކަން ފެންނަން އޮތް ކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމިއްޔަތުގެ އަމާޒަކީ ސަލާމަތްތެރިކަން ކަމުގައި ފަހަގަކުރައްވައި އެ ރައްކާތެރިކަން އޭރު ދިވެހީންގެ ތެރޭގައި އޮތް ކަން ފާހަގަކުރެއްވިއެވެ.

މިކަންކަމަށް ރުޖޫޢަވުމަށް މިހާރުގެ ކިޔަވާ ކުދިން ޤުރުއާން ކިޔެވުމުގައި ތަދައްބުރުކޮށް، ޤުރުއާނުގެ ފުން މާނައާ މެދު ވިސްނައި، ޤުރުއާނުގެ ޢިލްމް އިތުރަށް ދެނެގަތުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ. އެ އާދަ އަށަގެންނެވިއްޖެނަމަ، ޤުރުއާނާއި ތިމާގެ ޢަމަލާއި ގުޅިލާމެހި، ކުރީގެ ދިވެހީންގެ ކިބައިން ފެނުނު، ކީރިތި ޤުރުއާން ދަސްކޮށްދޭ ރިވެތި ސިފަތަކާއި އަޚްލާގާއި، ސަލާމަތްތެރިކަން ލިބޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މުބާރާތުގެ އެކި ވަނަތައް ޙާސިލް ކުރި ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލު ކުރި މި ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީގެ އިތުރުން ދަތުރުވެރިޔާ ގުރޫޕުގެ ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ބެހޭ ޑިރެކްޓަރު ޔޫސުފް ޞިދްޤީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޖުމްލަ 121 ބައިވެރިން ކިޔެވި މި މުބާރާތުގެ އެއް ވަނަ ޙާސިލްކޮށްފައިވަނީ ލިވާ އަޙްމަދު ޝަނޫނެވެ. ދެވަނަ ޙާސިލްކޮށްފައިވަނީ އާއިޝާތު ޝައިބާ މުޙައްމަދު ރަޝީދެވެ. ތިން ވަނަ ޙާސިލްކޮށްފައިވަނީ އަޙްމަދު ޒައުލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: