ޔޫރަޕުގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލާ ހިސާބަށް ޓީމުތައް ދަތުރުކޮށްފައިވާއިރު ފޯރިގަދަ ގަދަ 16 މެޗުތަކަކަށްފަހު ޖުމްލަ 08 ޓީމު ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
ކުއާޓަރ ފައިނަލްއަށް ދަތުރުކޮށްފައިވާ ޓީމު ތަކަކީ:
އާރސެނަލް – އިންގްލިޝް ޕްރިމިއަރ ލީގު
ބަޔާން މިއުނިކް – ޖަރުމަނު ބަންޑަސްލީގާ
ރިއާލް މެޑްރިޑް – ސްޕެނިޝް ލަލީގާ
މެންޗެސްޓަރ ސިޓީ – އިންގްލިޝް ޕްރިމިއަރ ލީގު
ޕީ އެސް ޖީ – ފްރެންޗް ލީގް 1
ބާރސެލޯނާ – ސްޕެނިޝް ލަލީގާ
އެޓްލެޓިކޯ މެޑްރިޑް – ސްޕެނިޝް ލަލީގާ
ބްރޫޝިއާ ޑޯރޓްމަންޑް – ޖަރުމަނު ބަންޑަސް ލީގާ
ކުއާޓަރ ފައިނަލުގެ މެޗުތަކުގެ ފުރަތަމަ ލެގު ކުޅުމަށް އޭޕްރިލް 10 އަދި 11 ވަނަ ދުވަސް ހަމަޖެހިފައިވާއިރު ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ 17 އަދި 18 އޭޕްރިލް ގައެވެ.
އާރސެނަލް – ބަޔާން މިއުނިކް : 10 އޭޕްރިލް ، 00:00
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުންދާ އާރސެނަލް ކުއާޓަރ ފައިނަލަށް ދަތުރުކުރީ ގަދަ16 ގައި ޕޯރޗުގަލްގެ އެފް ސީ ޕޯރޓޯ 4-2 ގެ އެގްރިގޭޓުން ބަލިކުރުމަށްފަހުއެވެ. ބަޔާން މިއުނިކް ކުއާޓަރ އަށް ދަތުރުކުރީ ފަސޭހަކަމާއެކު އިޓަލީގެ ލާޒިއޯ މައްޗައް 3-0 ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ބަޔާން މިއުނިކަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު އާރސެނަލް ކުއާޓަރ ފައިނަލަށް ދަތުރުކުރީ ގިނަ އަހަރުތަކެއް ވަންދެން ގަދަ 16 އަށް ވުރެން ކުރިއަށް ނުދެވި އޮވެފައެވެ.
ރިއަލް މެޑްރިޑް – މެންޗެސްޓަރ ސިޓީ : 10 އޭޕްރިލް ، 00:00
މި ދެޓީމަކީ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެ ޓީމެވެ. ރިއަލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމަށް ވާއިރު މެންޗެސްޓަރ ސިޓީއަކީ މިހާރު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް ސްޓޭޖުގައި އާންމު ނަމެކެވެ. ރިއަލް މެޑްރިޑް ކުއާޓަރ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ކުރިމަތިލުމަކަށްފަހު 2-1 އެގްރިގޭޓުން ޖަރުމަނުގެ ލެއިޕްޒެގް މައްޗައް ކުރިހޯދައިގެންނެވެ. މެންޗެސްޓަރ ސިޓީއިން ވަނީ ފަސޭހަކަމާއެކު 6-2 ގެ އެގްރިގޭޓުން ގަދަ 16ގައި އެފްސީ ކޯޕަންހޭގަން ބަލިކޮށްފައެވެ.
ޕީ އެސް ޖީ – ބާސެލޯނާ : 11 އޭޕްރިލް 00:00
ތާރީހީގޮތުން މިދެޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފޯރިގަދަ އެއްމެޗު ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. އަދި ގިނަ ތަރިންތަކެއް ވަނީ މި ދެޓީމުން އެއްޓީމުން އަނެއް ޓީމަށް ޓްރާންސްފަރ ތަކެއް ހަދާފައެވެ. އޭގެ ތެރޭގައި ލިއޮނެލް މެސީ، ނޭމާރ އަދި ޑެމްބެލޭ ފާހަގަކޮށްލެވެއެވެ. ބާސެލޯނާ ކުއާޓަރ އަށް ދަތުރު ކުރީ ވަރުގަދަ ނަޕޯލީ 4-2 ގެ އެގްރިގޭޓުން ބަލިކުރުމަށްފަހުއެވެ. ޕީ އެސް ޖީ އިން ވަނީ ސްޕެއިންގެ ރިއަލް ސޮސިއެޑާޑް 4-1 ގެ އެގްރިގޭޓުން ބަލިކޮށްފައެވެ. މި މެޗަކީ ދުނިޔޭގެ އެންމެ ބޮޑެތި ތަރިން އަދި ޒުވާން މޮޅެތި ކުޅުންތެރިން ފެނިގެންދާނެ މެޗެކެވެ.
އެޓްލެޓިކޯ މެޑްރިޑް – ބްރޫޝިއާ ޑޯރޓްމަންޑް : 11 އޭޕްރިލް 00:00
މި ދެޓީމަކީވެސް ޗެމްޕިއަންސް ލީގުގެ މި ސްޓޭޖާއި ރައްޓެހި ދެ ޓީމެވެ. ބްރޫޝިއާ ޑޯރޓްމަންޑްއިން ގަދަ 16ގައި ބައްދަލުކުރީ ނެދަލޭންޑްސްގެ ޕީ އެސް ވީ އާއެވެ. އެގްރިގޭޓް 3-1 އިން ޑޯރޓްމަންޑްއިން ވަނީ ކުރިހޯދާފައެވެ. އެޓްލެޓިކޯ ބައްދަލުކުރީ އިޓަލީގެ ރަސްކަން ކުރަމުންދާ ޓީމު އިންޓަރ މިލާނާއެވެ. ފޯރިގަދަ ކުޅުމަކަށްފަހު އެގްރިގޭޓުން ވެސް އެއްވަރު ވުމުން ނަތީޖާނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. 3-2 އިން ޕެނަލްޓީއިން ކުރި ހޯދީ އެޓްލެޓިކޯ މެޑްރިޑެވެ.
ފުރަތަމަ ލެގަށްފަހު ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އޭޕްރިލް މަހުގެ 17 އަދި 18 ވަނަ ދުވަހުއެވެ. ސެމީ ފައިނަލަށް ދަތުރުކުރާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލް މެޗުތަކުގެ ފުރަތަމަ ލެގު ކުޅެވިގެންދާނީ އޭޕްރިލް 30 ވަނަ ދުވަހުއެވެ. ދުނިޔޭގެ އެންމެ ބޮޑު 4 ލީގުގެ އިތުރުން ފުޓޫބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތްތައް މީޑިއާނެޓުން އަންނަނީ ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ. ޓީވީގެ އިތުރުން މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެތާކު ހުރެވެސް މެޗުތައް ވަގުތުން ބެލޭނެއެވެ.

