ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުތަމައު ހަލާކަށް ހުށައެޅިގެންދާކަމުގެ އަލާމާތްތަކެއް!

ސިޔާސީ މަސައްކަތާއި މުޖުތަމައުގެ ހާލަތު އަންގުވައިދޭ ފޮޓޯއެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19އިގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތައް އައިސް ތަކެއްޗާއި ހިދުމަތްތަކުގެ އަގު އުފުލި، ދިރިއުޅުމުގެ ހަރަދުތައްވެސް ވަނީ އަތް ފޯރާ ފަށާއި ދުރަށް ގޮސްފައެވެ. މިކަން ބައިނަލްއަގުވާމީ މާލީ އިގްތިސާދީ މުއައްސަސާތަކުގެ ރިޕޯޓުތަކުން ސާފުވެގެންދެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ މުޖުތަމައުންވެސް މި ދަތިތަކުގެ އަސަރުތައް ފެންނަމުންދެއެވެ. ފަގީރުކަމުގެ ނިސްބަތް އަރައިގެންދިއުމާއިއެކު ކުށްކުރާ މިންވަރު އިތުރުވެ ބޮޑެތި ހަމަނުޖެހުންތައް ހިންގުމާއި ހިސާބަށްވެސް ބައެއް ގައުމުތަކުގެ މުޖުތަމައުގެ ހާލަތު ދަށަށް ގޮސްފިއެވެ.

އޭޝިއާ ބައްރަށް ބަލާއިރު ޗައިނާ ފަދަ ބޮޑެތި ގައުމުތަކުގައިވެސް މާލީ ހާލަތު ދަށަށް ގޮސް ސަރުކާރުގެ މިސްމެނޭޖުމެންޓަށް ނުރުހުނު އާންމުންގެ މީހުން ބެންކުތައް ލޫޓުވުން ފަދަ މައްސަލަތައް ފެންމަތިވެފައިވާއިރު، މާލީ ކަންކަން ބެލެހެއްޓުމުގައި ވެފައިވާ ބޮޑެތި އިހުމާލުތަކުގެ ސަބަބުން އަވައްޓެރި ސްރީލަންކާގެ ހާލަތު ދަށަށް ގޮސް ދާދި ފަހުން އެ ގައުމުގެ ރައްޔިތުންވަނީ މަގުތައް މައްޗަށް ނުކުމެ ގަދަ ބާރުން ވެރިކަމާއި ހާލަތު ބަދަލުކޮށްފައެވެ.

ފްރާންސް ފަދަ ގައުމުތަކުގައިވެސް މުޖުތަމައުގެ ތެރޭގައި ބޮޑެތި މައްސަލަތައް ފެންމަތިވެ ހަމަނުޖެހުންތައް ހިންގަމުންދާއިރު، އެންމެ ތަހުޒީބުކަމަށް ބުނާ އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި އާންމު ހާލަތު ހުރި ގޮތް ދެތިން ލަފްޒުން ކިޔައިދޭ ވަރަށްވުރެ މާ ބޮޑަށްވެސް ގޯހެވެ. މިއަދު ބައެއް ގައުމުތަކުގައި މައްސަލަތައް ހުރީ އަތު ފަތު ނުޖެހޭ ހާލަތުގައިކަމަށާްވުމުން، ރާއްޖޭގެ މުޖުތަމައުގެ ތެރެއިންވެސް މިފަދަ މައްސަލަތައް އުފެދެމުން އަންނަކަމުގެ އަލާމަތްތައް ފެންނަން ހުރުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

2020ގައި ޕެންޑެމިކާއި ގުޅިގެން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް 11 އިންސައްތައިން އަރައިގެންދިޔަކަމަށް ވޯލްޑް ބެންކު ފަދަ ތަންތަނުން ނެރޭ ރިޕޯޓުތަކުން ދައްކައެވެ. އަދި 2021ގައި މި ރޭޓު ދަށަށް ދިޔަކަމަށްވެސް ދައްކައެވެ. އެހެންނަމަވެސް އެއީ ހަަމަ އެންމެ ފުރިހަމަ ހަގީގަތްކަމާއިމެދު ޝައްކު އުފެދެއެވެ. ސަބަބަކީ ކޮވިޑްގެ ކުރިން މަގުމަތިވެފައިނުވާ އެތައް ބަޔަކު އެކަމުގެ ތެރޭގަައި މަގުމަތިވެ މިހާރުވެސް އެ ހާލަތު ތަހައްމަލުކުރަމުންދިއުމެވެ. ރާއްޖޭގައި އެ ދުވަސްވަރު އޮތް ސަރުކާރުންވެސް ކޮވިޑްގެ ހާލަތުން އަރައިގަތުމުގެ ކާމިޔާބީގެ ވާހަކަދެއްކިއެވެ. އެކަމަކު މުޖުތަމައަށް ބަލާލުމުން ފެނިގެންދަނީ މުޅިން އެހެން މަންޒަރުތަކެކެވެ. ފެންނަމުންދަނީ ދިވެހި އިޖްތިމާއީ ފޭރާން ވީދި އެކި ދިމާތަކުން އަނދިރި ފަރާތް ފާޅުވަމުންދާ މަންޒަރެވެ.

ފަގީރުކަން އިތުރުވެގެންދާ ދިއުން މި ދެންނެވި މިސާލުން ފެނިގެންދާއިރު، އާމްދަނީ ހާސިލުކުރަމުންދާ ރައްޔިތުންގެ ތެރޭގައިވެސް މާލީ ތަނަވަސްކަން ހާސިލުކުރެވިފައިވާކަމަށް ބުނެވޭނީ ހަގީގަތުގައި މަދު ބަޔަކަށެވެ. ރާއްޖޭގައި ދިރިއުޅުމުގެ ހަރަދުތައް އަރައިގެންދިޔައިރު، ވަޒީފާގެ ބާޒާރުގައި މުސާރަ ނުވަތަ ލިބޭ އާމްދަނީގެ މިންވަރަރު މައްޗަށް އައިރައިގެން ނުދެއެވެ. ކުރިއެރުންތަކެއް އައިސްފައިވާނަމަވެސް ޔަގީނުންވެސް ދިރިއުޅުމުގެ ހަރަދުތަކަށް ރިއާޔަތްކޮށްފައިނުވެއެވެ. އެހެންކަމުން ހަރަދާއި އާމްދަނީ ނުބައްދަލުވެ، ގިނަ މީހުންނަކީ މިއަދު ކޮންމެވެސް ތަނަކުން ލޯނެއް ނަގައިގެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށް މަޖުބޫރުވެފައިވާ މީހުންނެވެ. އެހެންކަމުން އެފަދަ މަގެއް ނެތް މީހުން ހަރަދުތައް ހަމަޖެއްސުމުގައި ބައެއް ކަތި މަގުތަކުން އަޅައިދާކަންވެސް ފާހަގަކުރެވެއެވެ.

މިއީ ހައްލު ނުކޮށްފިނަމަ ދިވެހި މުޖުތަމައު ހަލާކުގެ ތެރެއަށް ހުށައެޅިގެންދާން ދިމާވާނެ މައި އެއް ސަބަބެވެ. ޕޭ ހާމަނައިޒް ކުރުމަކުން ނުފުދެއެވެ. ދިވެހިރާއްޖޭގައި ކުރަންޖެހޭ އަސާސީ ހަރަދުތައް ހުރި މިނގަނޑާއި ބޭސިކް ޕޭއާއި އެއް ހަމަވާންޖެހެއެވެ. ނުވަތަ ކުއްޔާއި ކާބޯތަކެތި އަދި ހަކަތަ ފަދަ އަސާސީ ކަންކަން ރައްޔިތުންނާއި ހިސާބަށް އެކަށީގެންވާ އަގެއްގައި ފޯރުކޮށްދޭންޖެހެއެވެ.

މާލެގެ މަގުތައް މަތީގައި ނިދާ މީހުންގެ އަދަދު ގިނެވެފައިވުމަކީވެސް ރާއްޖޭގެ މުޖުތަމައު ވީރާނާވަމުންދާކަމުގެ މިސާލެއްކަމަށްވާއިރު މަގުތައް މަތީގައި ރޯމާދުވާލު އެންމެންގެ ތެރޭގައި މަސްތުވުމާއި ހޭވެރިކަމެއް ނެތް ހާލަތުގައި އުޅުންވެސް އާންމުވެފައިވާއިރު މަގުތައް މައްޗަށް ވެއްޓި ހޭނެތިފައި ތިބޭ މީހުން ފެނުމަކީ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މިހާރު އާންމު ވެފައިވާ ކަމެކެވެ. ކޮންސްޓްރަކްޝަން ސައިޓުތަކާއި ބިދޭސީންގެ ކުއާޓަރުތަކުން ހުސް އަތާ ގޮސް ކުރަމުން އައި ވައްކަމުގެ އަމަލުތައް އިތުރުވެ ފުޅާވެ، މިއަދު މަގުމަތިން ހިފަހައްޓަައި ވަޅި ދިއްކުރުމަށްފަހު މުދާ ފޭރުމާއި ހިސާބަށް ގޯސްވެއްޖެއެވެ. މިހާރު ދިވެހިން ތިބޭ ފިހާރަ ތަކަށް ވަޅި ފަދަ ތަކެތި ހިފައިގެން ދުވާލު ގަޑީގައި ވަދެ މުދާ ނަގައިގެން ނުކުމެގެންދިއުމުގެ މައްސަލަވެސް އާންމުވެއްޖެއެވެ. މިފަދަ މައްސަލަތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންމަތިވެ ސޯޝަލްމީޑިއާގައި މަންޒަރުތައްވެސް އެކި ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ.

މަސްތުވެގެން އޯވާރޑޯޒްވާ މީހުންގެ އަދަދުތައްވެސް އިތުރުވެފައިވާއިރު، އަހަރަކުން އަހަރަކަށް ތޫނު އެއްޗެެސް ބޭނުންކުރުމާއި، މީހުން މެރުމުގެ މައްސަަލަތަކާއި މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަވެސް އަންނަނީ ބޮޑުވެ އިތުރުވަމުންނެވެ. ވެރިކަން ކުރާ ރަށުގެ ބައެއް މިސްކިތްތަކުގެ ތެރެއަށް ވަދެ މަސްތުވެގެން ނިދުމުގެ މައްސަލަތައްވެސް ފާހަގަވަމުންދާކަމަކީ އިޖްތިމާއީ ހާލަތު ގޯސްވެފައިވާ މިންވަރު އަންގައިދޭ ނުރައްކަލުގެ ރަނގަބީލެކެވެ. ހަމަ އެފަދައިން ދައުލަތުގެ ބެލުމުގެ ދަށަށް ހަވާލުކުރާ ކުދިން އިތުރުވަމުންދިއުމަކީވެސް ރާއްޖޭގެ މުޖުތަމައު އޮތް ފުންވަޅުގަނޑުގެ އަނދިރިކަމުގެ މިސާލެކެވެ.

މިއަދު އަދި އަތުން ކައްސާނުލާ އެެހެންނަމަވެސް ކުރިއަށް އޮތް ތާނގައި ފާލުން ނެއްޓޭނެ އިތުރު ކަމެއް ފާހަގަކުރާނަމަ، މައިގްރަންޓުންގެ މައްސަލައަކީ މިހާރުން މިހާރަށް މަތިޖަހަން ޖެހިފައިވާ ބޮޑު ނުރައްކަލެކެވެ. ރާއްޖެއަށް ވުރެ ކުރިން ރާއްޖެއަށްވުރެ މާ ތަހުޒީބު އުސޫލުތަކެއްގެ މަތިން މީހުން އިމްޕޯޓުކުރުމުގެ މަސައްކަތްތައް ކުރަމުން އައިސްފައިވާ އެމެރިކާ ފަދަ ގައުމުތަކުގައި މި މައްސަލަ ގޯސްވާނެ ވަރަކަށް ގޯސްވެއްޖެއެވެ. މިއަދު ކޮންޓްރޯލްއިން ނައްޓައިގެން ގޮސް އެ ގައުމުގެ ރައްޔިތުންނާއި އިމިގްރަންޓުންނާއި ދެމެދު އަރައިރުންތަކާއި ހަމަނުޖެހުންތައް ހިނގައި އަނިޔާވުމާއި މީހުން މަރުވުމުގެ މައްސަލަތައް ކޮންމެ ދުވަހެއްގައިވެސް ފެންމަތިވެއެވެ. ބޮޑެތި ސިންގާ ގައުމުތަކުގައި ޖާގައިގެ ދަތިކަން ކުރިމަތިވެ އުފެދިފައިވާ މައްސަލަތައް ރާއްޖޭގައިވެސް ކުރިމަތިވެގެންދާނެއެވެ.

މިހާރު ރާއްޖޭގެ ކަންކަން ހުރި ހިސާބަށް ބަލާއިރު، ބިދޭސީން ދިވެހި ރައްޔިތުން މެރި މައްސަލަތައްވެސް ބަލަމުންދާކަން ފާހަގަކުރެވެއެވެ. އަދި ޖަމާއަތް ހަދައިގެން ކުށްކުރުމުގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާއިރު މަސްތުވާތަކެތީގެ ވިޔަފާރީގައިވެސް ޝާމިލުވެ އެކަމުގެ ތެރޭގައި ދިވެހިންނާއި ދެމެދުވެސް މައްސަަލަތައް ޖެހިފައިވެއެވެ. މިއީ ހޮލީވުޑު ފިލްމަކުން ހިޔާލެއް ނޫނެވެ. މިއީ ރާއްޖޭގައި މިވަގުތުކަން ހުރި ގޮތާއި ކުރިއަށް އޮތްތާނގައި ކަން ގޯސްވެދާނެ މިންގަނޑު އަންގައިދޭ މިސާލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: