ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ތަޢުރީފް ކުރައްވައިފިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން 50 މިލިއަނަށްވުރެ އިތުރަށް ހަރަދުވާ މަަސައްކަތްތައް ފަށާނީ ޖޫން މަހަށް ފަހު ކަމަށް ބުނެ ނޫހަކުން ޝާއިއުކޮށްފައިވާ އާޓިކަލްއަކަށް ރައީސް ނަޝީދުވަނީ އެކްސްގައި ކޮމެންޓުކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ ސަރުކާރުން މާލީ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު އަދާކުރަމުންދާކަން ފެނުމަކީ ރަނގަޅު ކަމެއްކަމަށް ވިދާޅުވެފައެވެ. ހަސަން ކުރުސީ އެކައުންޓު ހިންގާ ފަރާތާއި ދެމެދު ރައީސް ނަޝީދުވަނީ އެކްސްގައި އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުން ރައީސް މުއިއްޒުގެ ސަރުކާރުގެ މަސައްކަތަކާއި ގުޅޭގޮތުން ބަހުސްކުރައްވާފައެވެ.
ދަތުރުފަތުރު ކުރުމަށް ރައީސް މުއިއްޒު 100 މިލިއަނަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވާކަމަށް ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ބުނުމާއިއެކު ރައީސް ނަޝީދުވަނީ ސަރުކާރުގެ އަމަލުތައް ދިފާއުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކުރުސީ އެކައުންޓުން ކުރަމުން އައި މަސައްކަތްތަކުގެ ހަގީގީ މަންޒަރު އޮޅި ބޮޑު މަންޒަރު މިހާރު ނުފެންނަކަމަށާއި މިވަގުތު ދިވެހިރާއްޖޭގެ ހަރަދަށްވުރެ އާމްދަނީ އިތުރުކަމަށާއި މީގެން ޒަމާނަކު އެ މަންޒަރު ނުފެންނަކަމަށެވެ.
މި ފުރުސަތުގައި އެމަނިކުފާނުވަނީ އެމްޑީޕީގެ ސަރުކާރާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގެ ކުރީ ކޮޅުގައި ބަޖެޓް ސާޕްލަސްވީ އޭރު ސަރުކާރު ހިންގުމުގައި އެމަނިކުފާނުގެ ބަސް ހިމެނޭތީކަމަށެވެ. އެހެންނަމަވެސް މަޖިލިސް ގޮނޑިތައް ލިބުމާއިއެކު އެމްޑީޕީގެ އަމަލުތައް ހައްދުން ނެއްޓިކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޕްރޮޖެކްޓުތައް ފަށަމުންދިޔައީ މަޖިލީހުގެ ބާރުވެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި އެކަނިކަމަށާއި ރައްޔިތުންގެ ހައްގުގައި އެ މަސައްކަތްތައް މިދިޔަ ދައުރުގައި ނުކުރާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ހަގީގަތަށް ބަލާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށްވުރެ ބޮޑު ދަރަންޏެއް އެމްޑީޕީގެ ސަރުކާރުން އުފައްދާފައިވާކަމަށެވެ. އަދި ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތީ ދަރަނިތައް ރީސްޓްރަކްޗާކުރާނެކަމަށް ވިދާޅުވަމުންކަމަށްވާއިރު، މަސަައްކަތްތައް ހުރީ އިދިކޮޅަށް ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރަށް ފާރަވެރިވެވޭނީ ކުރިންވެސް އެކަން ކުރި މީހުންނަށްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެއީ ޑިމޮކްރެޓްސްކަމަށާއި އެމްޑީޕީގެ ގިނަ މެމްބަރުން ކޮންޓްރެކްޓުތަކުގެ ދަހިވެތިކަމުގައި ފާރަވެރިކަން މުޅިން ދޫކޮށްލެއްވިކަމަށްވެސް ހިއްސާކުރެއްވިއެވެ. އަދި އެމީހުން ކޮންޓްރެކްޓްތަކަށް ގުޑާނެކަމަށާއި އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގެ އަތުގައި ކަމަށް ވިދާޅުވިއިރު، ”އަސްލު އެމްޑީޕީ“ އަކީވެސް އެމަނިކުފާނާއި ބައިވެރިންކަމަށް ފާހަގަކުރެއްވިއެވެ.

