އެމްޑީޕީއާއި ގުޅޭވޭނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްއަށް 30 ގޮނޑި ލިބިގެންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ މަޖިލީސް އިންތިހާބުގެ ކެމްޕެއިންއަށްކަމަށް ބެލެވެއެވެ. ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޓިކެޓުގައި ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝިފާޒްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވާފައެވެ. އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. ޑިމޮކްރެޓްސްއަކީ ދޮގު ހަދާ، ރައްޔިތުންގެ ފައިސާގައި ޖެހޭނެ ޕާޓީއެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއިން ދުވަހަކުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުން ހުއްޓާނުލާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖެ ސަލާމަތް ކުރުމަށްޓަކައި މަޖިލީސް މުހިންމުކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އެދިވަޑައިގެންނެވީ ލިބޭ ފައިސާއަކަށް ނުވަތަ ކޮންޓްރެކްޓްއަަކަށް ވޯޓު ވިއްކާނުލެއްވުމަށެވެ. ނުބައި ބަޔަކަށް މަޖިލީސް އިންތިހާބު ކާމިޔާބުވެއްޖެނަމަ މިހާރު ހޯދިފައިވާ ކާމިޔާބީތައް ބީވެގެން ގޮސްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ޔަގީން ކަށަވަރު ތިބޭފުޅުން އެ މަގަށްދާން ނޭދޭނެ ކަން. މާޔޫސްކަން ދޫކޮށްލާ މޯޅިވެފައިވާ ހިތްތަަކަށް އުފާވެރިކަމާ ބާއްޖަވެރިކަން ގެނެސްދިނުމުގައި އަޅުގަނޑުމެން އަބަދުވެސް ތިބޭނަން.
ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ހޯދުމަށް މަސައްކަތްކުރި އިޖްތިމާއީ ރައްކާތެރިކަމާއި، ބޭސްފަރުވާއާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޯހިޔާވެހިކަމާއި، ރަނގަޅު ވަޒީފާއާއި، ހާސްކަމެއް ނެތި އުޅޭ އުފާވެރި ދިރިއުޅުން ގެއްލިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ހާމަކުރެއްވި ގޮތުގައި މި އިންތިހާބު ނިމިގެންދާނީ ގިނަ ޑިމޮކްރެޓުން މަޖިލީހަށް ހޮވިގެންނެވެ.

