1445 ވަނަ އަހަރު ރޯމަޟާން މަހުގެ، ގޭބީސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ފާއިތުވި ރަމަޟާން މަހުގެ ފެން ބިލަށް އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވަނީ ރަމަޟާން މަހުގެތެރޭގައި 11 މާރޗް އިން ފެށިގެން 11 އޭޕްރިލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށްކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 11 މާރޗް އިން ފެށިގެން 11 އޭޕްރިލްގެ ނިޔަލަށް އެ މުއްދަތުގެ ތެެރޭގައި 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިވާކަމަށާއި އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަ ކަމަށެވެ. ނަމަވެސް ބިލްތަކުގައި ރަމަޟާންމަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށް ކަމަށާއި ރަމަޟާންމަހުގެ ތެރޭގައި ފޮނުވި ބިލްތަކުގެ އިތުރުުން އެ މަހުގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައަޅައިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ލިބޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ބުނެފައެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ ބިލް ޑިސްކައުންޓު ހިމަނައިގެން ފޮނުވާފައިވާ މާރޗް މަހުގެ ބިލަށްވުރެ ބޮޑުނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރިލް މަހުގެ ބިލުން އުނިކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން ބިލުން އުނިކޮށްދެވޭ މިންވަރަކީ އޭޕްރިލް މަހުގެ ބިލްގެ 10 އިންސައްތަ އަށްވުރެއްކުޑަ މިންވަރެއް ކަމުގައިވާނަމަ 10 އިންސައްތައާއި އެއްވަރަށް ޑިސްކައުންޓުގެ މިންވަރު މަތިކޮށްދޭނެ ކަމަށްވެސް އެމް.ޑަބްލިޔު.އެސް.ސީ ގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އޭޕްރިލް މަހުގެ ބިލް މާރޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރިލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓު ދެވޭނެ ކަމަށާއި މީގެއިތުރުން އަލަށް ފެން އަދި ކަރަންޓު ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ 2024 އޭޕްރިލް މަހުގެ ބިލްކަމަށްވާނަމަ އެފަދަ ފަރާތްތަކަށްވެސް އޭޕްރިލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓު ދޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން އެމް.ޑަބްލިޔު.އެސް.ސީން ބުނެފައިވަނީ އޭޕްރިލް މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އަދި މިހާތަނަށް އެމަހުގެ ބިލް އެ ކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްލާހު ކުރުމުން އަދަދުތަކަށް އަންނަ ބަދަލުތަކާއި ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭ ހަލަތުގައި މިއަދު (05 މެއި 2024) އިން ފެށިގެން އެސް.އެމް.އެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާ ކުރާނެ ކަމަށެވެ. އަދި ބިލްތަކަށް ދެވުނު ލުޔާއެކު އިތުރަށް ލަސްނުކުރައްވާ ބިލްތައް އަވަހަށް ދެއްކުމަށް އެކުންފުނިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

