ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކުގެ މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ( އައިސީޖޭ) އަށް މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި އެޤައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ޝައުޤުވެރިވާ ކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ 15 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު އަދި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އޯއިސީގެ 15 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޑރ ޝަހީމް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގައި ބާރުއަޅާ ސުލްޙަވެރި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ކެތްތެރިކަން އިސްކުރުން ފަދަ އަސްލުތަކުގެ މަޢުލޫމާތު ފެތުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ.
ރައީސްގެ ހާއްސަ މަންދޫބު ވަނީ ފަލަސްތީނުގެ މައްސަލައި ވެސް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަ ކުރައްވާފައެވެ.
އެގޮތުން ޑރ ޝަހީމް ވިދާޅުވީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދޭން ޖެހޭ ކަމަށެވެ.
ދެމެހެއްޓެނިވި ސުލްހައަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު އިސްލާމީ ޤައުމުތަކުގެ ފަރާތުން އެދިވަޑައިގެންނެވީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރެއްވުމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވައި، ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަންވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓް ކުރިއަށްދާނީ މި ހިނގާ މޭ މަހުގެ 4-5 އަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ ”ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން“ މިއެވެ.
މިއަހަރުގެ ސަމިޓްގައި 14 ވަނަ އިސްލާމިކް ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި ސަޢޫދީ ޢަރަބިއްޔާއިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާ ހަވާލުކޮށްފައެވެ. މި ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއްނިންމެވުން ހިމަނާފައިވެއެވެ. އޭގެތެރޭގައި ފަލަސްޠީނާއި އަލްޤުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ޤަރާރަށް ގޮތެއް ނިންމުން ހިމެނެއެވެ.
ދިވެހިރާއްޖެ އޯ.އައި.ސީ. ގެ މެންބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި 57 މެންބަރު ޤައުމު ހިމެނޭ އޯ.އައި.ސީ. ގައި ދިވެހިރާއްޖެ ބައިވެރިވީއްސުރެ އަންނަނީ ހަރަކާތްތެރި މެންބަރެއްގެ ދައުރު އަދާކުރަމުންނެވެ.

