ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއްގެ ހަމަލާއަށް ތިން އަހަރު؛ ޝަރީއަތް ލަސްވެ، ފަންޑު ކުރި މީހުން ނުހޯދޭތީ ކަންބޮޑުވުން

ރައީސް ނަޝީދުއަށް ހަމަލާދިން ވީޑިއޯގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމް ހަމަލާގެ ޝަރީއަތް ލަސްވެ، އެކަމުގެ ފަހަތުގައި ތިބި މީހުން ތިން އަހަރު ފަހުން ވެސް ހޯދިފައި ނުވާތީ ކަންބޮޑުވާކަމަށް ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށް ތިން އަހަރުވެގެން ދިޔަ އިރު ވެސް އިންސާފެއް ލިބިފައި ނުވާތީ އެމަނިކުފާނުގެ އާއިލާއިން ވެސް ކަންބޮޑުވުންފާޅު ކުރެ އެވެ. ޝަރީއަތްތައް މަޑުޖެހި، މައްސަލަ ގޮސްފައިވާ ހިސާބު ސާފުވެފައި ނުވާއިރު ޑިމޮކްރެޓްސް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާއިން ރައީސް ނަޝީދުގެ ފުރާނަ ސަލާމަތް ވި ނަމަވެސް ސީރިއަސް ބޮޑެތި ޒަހަމްތައް ލިބި 16 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނު ކަމަށެވެ.

ރާއްޖޭގެ ވެރިކަން ކުރެއްވި، އަދި އޭރު ދައުލަތުގެ މުހިންމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް ބަޔަކު ދުރާލާ ރާވައިގެން މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމުގެ ފުރުސަތު ލިބިގެން ދިއުމުން ކަންބޮޑުވާކަމަށް ޑިމޮކްރެޓްސް ބުންޏެވެ. އަދި އެ ހަމަލާގެ ކުރިޔަށް ވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތީން ރާވައި އެއްޗެއް ގޮއްވާލަން އުޅުނުކަން ތަހުގީގަށް އެނގުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެއްކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޑިމޮކްރެޓްސް ބުނެފައި ވަނީ ހަމަލާއެއް ދީފާނެކަމާއި، ރައީސް ނަޝީދަކީ ރާއްޖޭގެ އެންމެ ރިސްކް ހައި އެއް ބޭފުޅެއްކަމަށް އިންޓެލިޖެންސަށް ވެސް ފާހަގަކުރެވިފައި ވަނިކޮށް ގާނޫނު އަސާސީން ލާޒިމް ކުރާ އެއްވެސް ރައްކާތެރިކަމެއް އެމްއެންޑީއެފްގެ ފަރާތުން އެމަނިކުފާނަށް ލިބިފައި ނުވާކަމަށެވެ.

ހަމަލާގެ ފަހަތުގެ މަގްސަދު އަދިވެސް ނޭނގުމާއި، ކުށަށް އިއުތިރާފުވި އެކެއްގެ މައްޗަށް އެކަނި ދައުވާތައް ސާބިތުވުމަކީ ޑިމޮކްރެޓްސް ބުނި ގޮތުގައި މި މައްސަލައަށް އެއްވެސް ސީރިއަސްކަމެއް ނުދޭކަމުގެ ހެއްކެކެވެ. ބަޔާނުގައި ބުނެފައި ވަނީ މައްސަލައިގެ ހައްޔަރުގައި ތިބި މީހުންގެ ޝަރީއަތްތައް ހުރީ މަޑުޖެހިފައިކަމަށާއި، ތުހުމަތު ކުރެވޭ ބައެއް މީހުން ހައްޔަރުން ދޫވެގެން ގޮސްފައިވާ ކަމަށެވެ. އަދި ހަމަލާ ދިނީ ކޮން ބައެއްގެ ފަންޑުގެ ދަށުންކަމާއި، އޭގެ މަގްސަދު އަދިވެސް ހޯދިފައި ނުވާކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދަށް އެ ބޮމުގެ ޓެރަރިސްޓް ހަމަލާދިނުމުގައި އެގޮތަށް ކަންހިނގާފައިވާއިރު، އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ. އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި ”ނޯމަލައިޒް“ ކުރުމުގެ އަމަލެއްކަމުގައި ދަ ޑިމޮކްރެޓްސް އިން ދެކެމެވެ.

ޑިމޮކްރެޓްސް ގޮވާލާފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުން މިނަށް ބަލައި، އެކަމުގައި ބައިވެރިވާ މީހުންނަށް ހައްގު އަދަބު ކަނޑައެޅުމަށެވެ. އަދި އެމަނިކުފާނަށް އިންސާފު ގާއިމު ކުރުން އަވަސް ކުރުމަށް މުވައްސަސާތަކަށް ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީގެ އެތެރޭގައި ދެބައިވުން އުފެދިގެން އައި އިރު، ޑިމޮކްރެޓްސްގެ މެމްބަރުން އެ ޕާޓީއަށް ހަމަލާގެ ހަގީގަތް ފޮރުވަން އުޅޭކަމުގެ ތުހުމަތު ކުރި އެވެ. އަދި ޕާޓީ ވެރިކަމުގައި އޮވެމެ، މި މައްސަލަ ކުރިޔަށް ދާނެކަމަށް ބެލެވުނު ސްޕީޑާއި ގާތަށް ވެސް ޝަރީއަތްތައް ކުރިޔަށް ގޮސްފައި ނުވާކެމަށް ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅަށް ކުރިޔަށް ގެންގޮސް އިންސާފު ހޯދައިދޭނެކަމަށް ވިދާޅުވެފަ އެވެ. އަދި ދާދި ފަހުން ރައްޔިތުންގެ މަޖިލިސްގައި ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން ވަނީ އެ ހަމަލާގެ އައު މައުލޫމާތުތަކެއް ލިބިފައިވާކަން ހާމަކުރައްވާފަ އެވެ. މަޖިލީހަށް އެ މައުލޫމާތުތައް ހިއްސާ ކުރެވިދާނެކަމަށް މިނިސްޓަރ ވިދާޅުވުމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ އެކަން ސާފުކޮށްދޭން އެދި ހުށަހަޅުއްވާފަ އެވެ.

ޑިފެންސް މިނިސްޓަރ ގައްސާނަކީ، ހަމަލާގެ މައްސަލައިގައި އޭރު މުވައްސަސާތަކާއި ކަމާއި ގުޅުން ހުރި ފަރާތްތައް ހާޒިރުކޮށް ކުރިޔަށް ގެންދިޔަ 241 ކޮމިޓީގެ މެމްބަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: