މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒް ފައިދާ ނަގައި، އެއްވެސް ނިޔަތެއްގައި އެ މަންޒަރު ވީޑިއޯކޮށް ފަޟީހަތް ކުރުމަކީ ކަން ހިނގައިގެން ވާނެ ގޮތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއީ މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަނބިކަބަލުންނާއި އެކު ދަތުރު ކުރެއްވި ކާރުގައި، އާންމު ރައްޔިތެއްގެ ޕިކަޕަކުން ޖެހި ގެއްލުންތަކެއްވީ މައްސަލައިގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެކެވެ. އެ ހާދިސާ ހިނގައިދިއުމުން އެ ތަނަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އިމްރާން ލަތީފް (އިންމު) ވަޑައިގެން ވަނީ، އިމްރާނާއި ވާހަކަ ދައްކަވައި ޕިކަޕް ޑްރައިވަރަށް މައާފުކޮށް ދޭން އެދިފަ އެވެ.
މައްސަލަ ގޯސްވެފައި ވަނީ، ފުލުހުންނަށް އެކްސިޑެންޓު ރިޕޯޓު ކުރުމުގެ ބަދަލުގައި އިންމު ތަނުގެ ކޮންޓްރޯލް ނަންގަވައި އެ މަންޒަރު ވީޑިއޯ ކުރެއްވުމުންނެވެ. އަދި ޑްރައިވަރަށް މައާފު ކުރުމަށް ތަކުރާރުކޮށް އިންމު ވާހަކަ ދަައްކަވަމުން ގެންދެވި އިރު ވެސް އިމްރާން އެއްވެސް އެއްޗެއް ވިދާޅުނުވެ އެތަނުގައި ހުންނަވާތަން ފެނެ އެވެ. އެކަމަކު މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި، އެކްސިޑެންޓަށް ފަހު އިމްރާން ވަނީ ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި ޑްރައިވަރާއި ވާހަކަ ދައްކަވާފަ އެވެ.
ކަން ހިނގައިދިޔަ ގޮތަށް އެކި މީހުންގެ ހިޔާލު ދެކަފިވެފައިވާއިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި އެކްސިޑެންޓެއް ހިނގުމުން އެކަން ރިޕޯޓު ކުރަން ޖެހޭނީ ފުލުހަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނުވަތަ ސިޔާސީ އެއްވެސް ބަޔަކު ހައްލު ކުރަން އުޅެން ޖެހޭ މައްސަލައެއް ނޫންކަމަށް ވަނީ ބުނެފަ އެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވަމުން ދަނިކޮށް ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒް ފައިދާ ނަގައި އާންމުންގެ ތެރޭގައި އޭނާ ފަޟީހަތް ކުރުމަށް އެމަނިކުފާނު ތާއީދެއް ނުކުރައްވާ ކަމަށެވެ.
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން! ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި…
— Dr Mohamed Muizzu (@MMuizzu) May 6, 2024
ރައީސް ވިދާޅުވީ އެއްވެސް މަގްސަދެއްގައި އެކަމެއްގައި ޝާމިލުވާ މީހެއްގެ ވީޑިއޯ ނަގައި، ފަޟީހަތް ކުރެވޭ މޭރުމަކުން އަމަލު ކުރުމަކީ އަހުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު ވެސް ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އަދި ކުށެއް ކުރި މީހަކާއި މެދު އަމަލު ކުރާނެ ގޮތް ގާނޫނުގައި ލިޔެވިފައިވާއިރު ރައީސް ވިދާޅުވީ އެކަމަށް ފިޔަވަޅު އަޅަން މުވައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމުވެފައިވާކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި، މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި ސަރުކާރުން ކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި ދިވެހި މުޖްތަމައަކީ އޯގާތެރި، ކުލުނުވެރި އަދި ޒިންމާދާރު މުޖްތަމައެއް ބިނާ ކުރުމުގައި ޒިންމާދާރު ބަޔަކަށްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

