ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ސިފައިންގެން ތެރެއިން ފޮނުވާލީ 51 ސިފައިން: ސަރުކާރު

ބަލި މީހަކު ގޮވައިގެން މާލެ އައި ހެލިކޮޕްޓަރުން އިންޑިއާ ސިފައިންގެ މީހަކު ފައިބަނީ/ ފޮޓޯ: ހުސެއިން ވަހީދު - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިގެން ތެރެއިން މިހާތަނަށް އަނބުރާ އިންޑީއާއަށް ފޮނުވާލާފައިވަނީ 51 ސަފައިންކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން ދެ ޕްލެޓްފޯމެއްގައި ތިބި ސިފައިން މިހާރު ފޮނުވާލާފައިވާކަމަށެވެ. އެއީ 51 ސިފައިންނެވެ.

ހީނާ ވިދާޅުވީ ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް، މި މަހުގެ 10 ގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާގެ ސިފައިންތަކެއް ފޮނުވާލެވޭނެއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންތައް ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދަނީ އެއްބަސްވުންތަކުގެ ދަށުންނެވެ.

ދެ ގައުމުގެ ދެމެދު މިކަމުގެ މަޝްވަރާއަށް އެކުލަވާލި ކޯ ގުރޫޕްގެ ބައްދަލުވުމަށް ފަހު ދެ ގައުމުން ވެސް އާންމު ކުރި ބަޔާނުގައި ވަނީ މައިގަނޑު ގޮތެއްގައި ދެ ފަރާތުގެ ގުޅުމަށް ވެސް ވާހަކަ ދެކެވުނު ކަމަށެވެ. އަދި މި ބައްދަލުވުމުގައި ތަރައްގީއާއި، ދިފާއީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރެވުނުކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ރާއްޖޭގައި ތިބި ސިފައިންގެ ތެރެއިން އެންމެ ފަހު ބެޗު އަންނަ ހުކުރު ދުވަހު ފޮނުވާލާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ވި ރިޔާސީ ވައުދަށް ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް ރައްދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ގިނަ މަޝްވަރާކޮށްގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމާއި ހާވާލުވެ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަމަލީ މަސައްކަތް ފެށުނު ކަމަށެވެ.

މިހާ ހިސާބަށް ކުރެވުނު މަސައްކަތްތަކާއި، ހޯދުނު ކުރިއެރުންތަކަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ސާފުވާނެކަމަށާއި އެކަން ރައްޔިތުން ގަބޫލު ވެސް ކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އާއި ލ. ކައްދޫގައެވެ. މިއީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށާއި އެ އުޅަނދުތަކުގެ ޓެކްނިކަލް މަސައްކަތް ކުރުމަށް ތިބި ސިފައިންނެވެ. އިންޑިއާގެ ސިފައިން ފޮނުވާލާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މީހުންގެ ބަދަލުގައި ދެން އަންނަނީ ސިވިލިއަނުން ނުވަތަ މަދަނީ ބައެކެވެ.

އެ މީހުން ރިޕޯޓު ކުރާނީ ކޮން ބަޔަަކަށް ތޯ އާއި، މަސައްކަތް ކުރާނީ ކޮން ގައުމެއްގެ އޯޑަރަށްތޯ ނޫސްވެރިން ކުރާ ސުވާލަށް އަދި ސާފު ޖަވާބެއް ނުލިބެ އެވެ. އެކަމަކު، ތުހުމަތުތަކަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ކުލަ ހެދުމުގައި ވިޔަސް ނުވަތަ، އެހެން ގޮތަކަށް ނަމަވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން ނުތިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: