ސަރުކާރުން ރައްޔިތުންނަށް ފަސޭހަކަމާއެކު އަދި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ފެންނާނެ ވެބްސައިޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ހީނާ ވިދާޅުވީ ސަރުކާރުގެ ހުރިހާ އޮފީސްތަކުންނާއި ކުންފުނިތަކުން ހިންގާ ހުރިހާކަމެއް، ފޮޓޯ އަދި ވީޑިއޯވެސް ހިމެނޭހެން ހުރިހާ މައުލޫމާތުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވާކަމަށާއި އަދި މި އިންތިޒާމުތައް އެކުލެވިގެން ތައްޔާރުކުރައްވާ ވެބްސައިޓް މި މަސް ނިމުމުގެ ކުރިން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. ހީނާ ވަނީ ސަރުކާރުގެ ވަޒީރުން މި މަހު ކުރައްވަން ހުރި ދަތުރުފުޅުތަކާ ބެހޭ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވާ އެ ދަތުރުތަކުގެ މަންޒިލްތައްވެސް ހިއްސާ ކުރައްވާފައެވެ. އަދި އެ ދަތުރުތަކާ ގުޅޭ އިތުރުމައުލޫމާތުތައް އެ މިނިސްޓްރީތަކުން ލިބިވަޑައިގަންނަވާނެކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސުވާލާއި ޖަވާބު ޕްރޮގުރާމުގައި ބައިވެރިވުމަށް ގިނަ ރައްޔިތުންނަށް ފުރުސަތު ފަހިކުރުމަށާއި އަދި ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ފޮނުވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާކަމަށެވެ.
މި ސަރުކާރުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާއުގައިކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ކުރައްވަންޖެހޭ ކޮންމެ ކަމެއް މި ސަރުކާރުން ކުރައްވާނެކަމުގައި ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ސަރުކާރުގެ ދެ ވަޒީރަކު ދާދިފަހުން ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ތަގުރީރު ކުރެއްވައްވާފައިވާ ކަމަށެވެ. އެގޮތުން އ.ދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. އަލީ ހއިދަރުގެ ވާހަކަފުޅުގައި އެންމެ ވޯޓަކުން ވީޓޯކުރުމުގެ ބާރު ލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައިވާ ކަމަށް ވިދާޅުވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްގެންދިޔަ، އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހމައްމަދު ޝަހީމް އަލީ ސައިދު ގޮވާލައްވާފައި ވާކަމަށް ހީނާ ވިދާޅުވިއެވެ.

