ރާއްޖޭގައި ހައްޖަށް މީހުން ފޮނުވުމަށް ކޯޓާ އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޓާ އިތުރުކޮށްދެއްވުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ ސަރުކާރަށް ސިޓީ ފޮނުއްވާފައިވާނެކަމަށާއި އެ މަނިކުފާނާއި އެކު އިސްލާމިކް މިނިސްޓްރީ އާއި ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.
އަހަރަކަށް ވުރެން އަހަރެއް ހައްޖަށްދާ ފަރާތްތަށް އިތުރުވަމުން ދާއިރު ދިވެހިން ހައްޖަށް ގެންދަން ސައޫދީ ސަރުކާރުން އަހަރަކު ދޫކުރަނީ 1،000 ކޯޓާ އެވެ. އެހެން ނަމަވެސް މި ސަރުކާރުން އެދިފައިވަނީ އިތުރު 1،000 ކޯޓާ އެކު، ޖުމްލަ 2،000 ޖާގަ ހަމަޖައްސައިދިނުމަށެވެ. އަދި ކޯޓާ ދިނުމުގައި ބަލާ ހަމަތަކެއް އެބަހުރި ކަމާއި، އަރަފާތު އަދި މައްކާގެ ހޮޓެލްތަކުން ޖާގަ ހުރި މިންވަރަށް ސައުދީ ސަރުކާރުން ބަލާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މީގައި ފާހަގަކޮށްލަން ޖެހެނީ ކޯޓާގެ ކަންތައްތައް އިތުރު ކުރުމާއި މިކަންކަން އޮންނަނީ ކުރީގައި އޮންނަ ގޮތަކަށެއް ނޫން މިހާރު ސައުދީ އަރަބިއާ ވެސް މިހާރު ވަރަށް ބޮޑަށް ނިޒާމެއްގެ ތެރެއިން ކަންކަން ކުރަނީ
ކޮވިޑް-19ގެ ސަބަބުން މީހުންނަށް ހައްޖަށް ދިއުމަށް ދަތި ތަކެއް ހުރި ކަމަށާއި އަދި އޭގެ ފަހުން ރާއްޖެއަށް ކޯޓާ ލިބިފައި ހުރި މިންވަރު މަދުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ރާއްޖޭގައި ހައްޖަށް ދިޔުމުގެ އަގު ކުޑަ ކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން މަސައްކަތްކުރެވި މަޝްވަރާކުރަމުންދާ ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަމިއްލަ ޖަމާއަތްތަކުގެ ހަރަދުގައި މީހުން ހައްޖަށް ގެންދިއުމަށްޓަކައި ބޮޑު އަގު ނަގަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން ހައްޖު ކޯޓާ އެއްކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް މި ސަރުކާރުންވަނީ ބަދަލުކޮށްފައެވެ.

