ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާއި އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިއަމް ޖައިޝަންކަރު ބައްދަލުކުރައްވައިފިއެވެ.
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރުއާއި ބައްދަލުކުރެއްވިފައިވާކަން ހިއްސާކުރައްވާ، މިނިސްޓަރު ޒަމީރު އެކްސްގައި ހިއްސާކުރެއްވިގޮތުން އޭނާ އާއި ބައްދަލުކުރެއްވިފައިވުމާއިމެދު އުފާކުރައްވާކަމަށެވެ. އަދި ވެރިރަށް ނިއުދިއްލީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އޮތް ގަދަރުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއެޅިގެންދިޔަކަމަށާއި އެ ގުޅުމުގެ ތެރެއިން ކުރެވެމުން އަންނަ މަސައްކަތްތައް އިތުރުކުރުމާއިމެދުވެސް މަޝްވަރާތައް ކުރެއްވިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޖައިޝަންކަރުވެސްވަނީ މި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގުޅުން ބިނާވެގެން އަންނަނީ ދެ ގައުމުގެވެސް މަސްލަހަތު ހިމެނޭކަންކަމުގެ މައްޗަށާއި ދެ ފަރާތުން ކޮށްދެމުންދާ ކަންކަމާއި އެއް ގައުމުން އަނެއް ގައުމާއިމެދު އަމަލުކުރަމުންދާ ގޮތުގެ މައްޗަށްކަމަށެވެ. \
ޖައިޝަންކަރު ވިދާޅުވީ، އެ ގައުމުގެ ސަރުކާރުން ގެންގުޅެމުންދާ ނެއިބަރހުޑް ފަސްޓު ޕޮލިސީއާއި ”ސާގަރް“ ނުވަތަ ސަރަހައްދީ ސަލާމަތީކަންކަމުގެ ފަލްސަފާފައި އެކަން އެކަން ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އަދި މި ބައްދަލުވުން މެދުވެރިކޮށް ދެ ގައުމުގެ ވިސްނުމާއި ނަޒަރިއްޔާތައް އެއް މަގަކަށް އެޅުވުމަށް ފަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އިންޑިއާއަކީ ޒަމާނުއްސުރެވެސް ދިވެހިރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުވުމުގައި އެންމެ އިސް އެއް ބައިވެރިޔާކަމަށާއި އެ ގައުމުން ދިވެހިރާއްޖޭގައި ހިންގާފައިވާ ޕްރޮޖެކްޓުތަކުން ދިވެހިންނަށް މަންފާތައް ލިބިފައިވާނެކަމަށްވެސް ވިދާޅުވިއެވެ. ޑރ ޖައިޝަންކަރު ވިދާޅުވީ، އެ ގައުމުން ހިންގާފައިވާ މަޝްރޫޢުތަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކުރިއެރުވުމުގައިވެސް ދައުރެއް އަދާކުރާކަމަށާއި، އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކުން ފެށިގެން އިޖްތިމާއީ މަސައްކަތްތަކާއި ސިއްހީ ދާއިރާގެ މަސައްކަތްތަކުގައިވެސް އެ ގައުމުން ބައިވެރިވެފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ޖައިޝަންކަރު ވިދާޅުވީ، އިންޑިއާއިން ވާނީ މީގެ ކުރިން ދިވެހިރާއްޖެއަށް ފައިދާވާނެ ގޮތުގެ މަތިން މާލީ އެހީތެރިކަންވެސް ފޯރުވާފައިކަމަށާއި، ދިވެހިރާއްޖެއަށް ކުރިމަތިވެގެންދިޔަ އެތައް ކުއްލި ހާލަތެއްގައި އެހީދިނުމުގެ ގޮތުން އެންމެ ފުރަތަމަ ހާޒިރުވި ބަޔަކަށް ވެފައިވާނެކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންޑިއާއިން ރާއްޖެއާއިއެކު ކުރަމުން އައިސްފައިވާ މަސައްކަތްތަކުގެ ސަބަބުން ގައުމުގެ ސަލާމަތީ އިންތިޒާމުތައްވެސް ވަރުގަދަވެފައިވާނެކަމަށާއި، އެގޮތުގެ މަތިން ދެވިފައިވާނެ އެހީތެރިކަމުގެ ތެރޭގައި އެކުގައި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ވަސީލަތްތައް ފޯރުކޮށްދިނުމާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތައްވެސް ހިމެނޭނެކަމަށް ފާޙަގަކުރެއްވިއެވެ.

