އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެއްވީ ދެ ގައުމުގައި ހަރުދަނާ ގުޅުންތަކެއް ގާއިމުކޮށް ވަރުގަދަކުރުމަށް މަގުފަހިކުރެއްވުންކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއި އިންޑިއާ ދެމެދު ކަުރެވެމުންދާ މުއާމަލާތްތަކުގެ ތެރޭގައި ބައެއް މައްސަލަތައް ފެންމަތިވެ ރައީސް މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސަސްޕެންޑުކުރެވިފައިވާއިރު، އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރު ޒަމީރުވަނީ އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރު ސުބްރަމާނިއަމް ޝައިޝަންކަރާއި ބައްދަލުކުރައްވާފައެވެ.
އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ޒަމީރު ވިދާޅުވީ، އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެންދިއުމުގެ އަސަރު އެ ސިނާއަތުން ފެންނަމުންދާކަމަށާއި، އިންޑިއާ ދެމެދު ކުރެވެމުންދާ ވިޔަފާރި ހީނަރުވެފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އިންޑިއާގެ ސަރުކާރުގެ އިސްވެރިންނަށް އިހުތިރާމް ކުޑަކޮށް ޕޯސްޓުތަކެއް ކުރި މައްސަލައެއް މީގެ ކުރިން ފެންމަތިވެފައިވާކަމަށާއި އެކަމާއި ގުޅިގެން ރާއްޖޭގެ ސަރުކާރުންވާނީ ފިޔަޅުތަކެއް އަޅައި އެކަން ހާމަކޮށް ބަޔާނެއްވެސް ނެރިފައިކަމަށެވެ. އަދި އެ މެސެޖު އިންޑިއާއަށް ރަނގަޅަށް ލިބިފައިވާކަމަށް ރާއްޖެއިން ގަބޫލުކުރާކަމަށްވެސް ފާޙަގަކުރެއްވިއެވެ.
މިނިސްޓަރވަނީ ދިވެހިރާއްޖެއިން އިންޑިއާއަށް ދަރަނީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އަނބުރާ ދައްކަން ޖެހޭކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ދަރަނީގެ އަދަދުތައް ހުރީ 60 ބިލިއަނާއި ގާތުގައިކަމަށްވާއިރު ދައުރު ނިމިގެންދިޔައިރު އެ އަދަދު 120 ބިލިއަނަށްވުރެ އިތުރުވެފައިވާއިރު އެ އަދަދުން މައި ހިއްސާއެއް އަދާކުރަންޖެހޭނީ އިންޑިއާއަށް ކަމަށް ފާހަގަކުރެއްވިއެވެ.
ޗައިނާ ރާއްޖޭގެ ގުޅުމާއިމެދުވެސް އެމަނިކުފާނުވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. އެގޮތުން ޗައިނާއިން ތަރައްގީގެ މަސައްކަތްތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ގައުމުން އިންވެސްޓުކޮށްގެން ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއްކަމަށްވެސް އަލިއެޅުއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން އަވަށްޓެރިންގެ ބޭނުންތަކަށް އިހުތިރާމްކުރާނެކަމަށާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަކީ އަމާންތަނެއްކަަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ރާއްޖެއާއި އިންޑިއާއަށްވެސް ފައިދާ ހުރި ގޮތްކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ، އެހެން އެއްވެސް ގައުމެއްގެ ސިފައިންނަށް ދިވެހި ފަސްގަނޑުގައި ގާއިމުވެ ތިބުމަށް ޖާގަދިނުމުގެ އެއްވެސް ވިސްނުމެއް ރާއްޖެއިން ނުގެންގުޅޭކަމަށެވެ.

