ތިން ބެޗަށް ބަހައިލައިގެން ދިވެހިރާއްޖެއިން ފައިބައިގެން ދިޔައީ އިންޑިއާގެ 76 ސިފައިން ކަމަށާއި ސިވިލިޔަނުން ވެސް ރާއްޖެއަށް އައީ އެ އަދަދަށް ކަމަށް ފޮރުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން ވާޙަކަދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވި، ވެރިކަމާއި ހަވާލުވެ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ދެނެގަތުމަށް ކުރި މަަސައްކަތްތަކުގެ ތެރެއިން ބެއްލެވީ ގަމާއި ހަނިމާދޫގެ އިތުރުން ކައްދޫގައި ތިބި މީހުންގެ އަދަދުކަމަށާއި ބެލިއިރު 7 މާޗުގައި 12 ސިފައިންގެ މީހަކު އަނބުރާ ގެއްދިޔަކަމަށާއި 9 މާޗުގައި ގަމުގައި ތިބި މީހުންގެ ތެރެއިން 14 މީހަކު އަނބުރާ ގޮސްފައިވާކަން ކަށަވަރުކޮށްދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެތަނުގައި 26 މީހަކު ތިބިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިންޑިއާ ސަރުކާރުންވަނީ ހަނިމާދޫގައި ތިބި މީހުންގެ ތެރެއިން އެޕްރިލް 7 ވަނަ ދުވަހުގައި 13 ސިފައިން އަނބުރާ ގެންދިޔަކަމަށާއި އެއަށްފަހު 9 ވަނަ ދުވަހު 12 މީހަކު ޖުމުލަ 25 މީހުން ހަނިމާދޫއިން ގޮސްފައިވާކަން ހާމަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ލ ކައްދޫގައި ތިބި މީހުންގެ ތެރެއިން އިންޑިއާގެ ސަރުކާރުންވަނީ މޭ 7 ވަނަ ދުވަހު 12 ސިފައިން ގެންގޮސްފައިކަމަށާއި 9 ވަނަ ދުވަހު 13 މީހަކު އަނބުރާ ގެންދިޔަކަމަށާއި އެ ރަށުން ޖުމްލަ 25 މީހުން ގެންދިޔަކަން ހާމަކުރެއްވިއްެވެ.
މީގެ އިތުރުން މިނިސްޓަރވަނީ ސެނެހިޔާގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުންނާއި ގުޅޭގޮތުންވެސް ވާޙަކަދައްވާފައެވެ. އެގޮތުން އެއީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ދިވެހި ސިފައިންގެ އެދުމނުގެ މަތިން ދިވެހިރާއްޖޭގައި ހިދުމަތް ދެމުން އަންނަ ޑޮކްޓަރުންތަކެއް ކަމަށާއި އެ މީހުންގެ ފަރާތުންވެސް ސަލާމަތަށް ނުރައްކާވާ ނަމަ އިންޑިއާގެ ސަރުކާރުގައި އެދިގެން ފޮނުވާލެވޭނެކަމަށް ފާހަގަކުރެއްވިއިރު މިވަގުތު އެކަމުގެ އެއްވެސް ބޭނުމެއް އޮތްކަމަށް ސަރުކާރުން ނުދެކޭކަމަށްވެސް ވިދާޅުވިއެވެ.
އުތުރުތިލަފަޅާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އުތުރުތިލަފަޅަކީ މިހާރުވެސް އިންޑިއާގެ ގްރާންޓެއްގެ ދަށުން ހިނގަމުންދާ މަޝްރޫޢޫއެއްކަމަށެެވެ. އެހެންކަމުން އެތަނާއިމެދު އަމަލުކުރަމުންދަނީ ގްރާންޓް އެއިޑްގެ ދަށުން ހިންގާ މަސައްކަތްތަކާއި މެދު އަމަލުކުރާ ގޮތަށްކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

