ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަވާލުވީއިރު މިނިސްޓްރީގެ މަސައްކަތްތައް ކޮށްފައިވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށާއި އަދި ބޮޑެތި ގޯސްތަކެއް ހަދައިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި އަމީން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ކަންކަން ގާނޫނާއި ގަވައިދަށް ކޮށްފައިވާނަމަ މިއަދު މާލެ މިހާލަތުގައި ނޯންނާނެކަމަށެވެ. އެހެންނަމަވެސް މިހާރު ގާނޫނާއި ހިލާފަށް މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓްރީ ވަމުން ނުދާނެކަމުގެ ޔަގީންކަން އަމީން ވަނީ ދެއްވާފައެވެ.
މަޖިލީހުގެ ތެރޭގައިވެސް ޖަވާބުދާރީ ވުމަށް ގެންދިއުމުން އެތަނގައި ތިއްބެވި ބޭފުޅުންވެސް ވެހިކަލް ރަޖިސްޓްރީ ކުރުމަށް ރައްޔިތުންނަށް އުނދަގޫތަކެއް ހުރިކަމަށް ފާހަގަކުރައްވާފައިވާކަމަށް އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް ގަވައިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީ ކުރުމުން ރައްޔިތުންނަށް އުންދަގޫ ނުވާކަމަށް އޭރުވެސް ވިދާޅުވިކަން އަމީން ފާހަގަކުރެއްވިއެވެ.
ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ހަދަމުންދިޔަ ގޯސްތަކަކީ އޭރު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ގުޅިގެން ބަޔަކު ކުރަމުން ދިޔަ ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ. ގާނޫނާއި ހިލާފަށް ކުރަމުން ދިޔަ ކަންކަން ހުއްޓުވުމުން ސުވާލުތައްވެސް ކުރިމަތިވި ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ އެވެސް ލިބިގެންދާ ކުރިއެރުމެއްކަމަށެވެ.
އަމީން ވިދާޅުވީ ވަރަށް އަވަހަށް މާލެ ސަރަހައްދަށް ހާއްސަކޮޮށް ޑީކޮންޖިޝަން ޕްލޭނެއް ތަންފީޒު ކޮށް އިއުލާނު ކުރަން ފަށާނެ ކަމަށެވެ. އެއީ މިސަރުކާރުގެ ވައުދެއް ކަމަށާއި އެކަންތައް ވެގެންދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރ ފާހަގަކުރެއްވިއެވެ.
”ދެންއޮތީ އޭވިއޭޝަން ސެކްޓަރ، އޭވިއޭޝަން ސެކްޓަރގައި ފެނިވަޑައިގަންނަވާނެ އައިލެންޑް އަކީ ގައުމީ އެއާލައިން. ހާއްސަކޮށް މި އެއާލައިނަށް 2018 އާއި ހިސާބަށް އައިރު އެއީ ފައިދާ ވަމުންއައި ކުންފުންޏެއް. އެކަމަކު 2023 ގައި ވެރިކަން ބަދަލުވީ އިރުގައި އެކުންފުނިއޮތީ އެތައް ބިލިއަން ރުފިޔާއަކުން ދަރާފަ. އެއީ ވަރަށް ދެރަކޮށް ވެފައި އޮތްކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގައުމީ އެއާލައިން ކޮޅަށް ޖެހުމުގެ މަސައްކަތްތައް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުގެ ކޮންޓްރިބިއުޝަނ އާއި އެކު ދަނީ ކުރިއަށް“
އާރް.ޓީ.އެލް ގެ ހިދުމަތް ފެށުމަކީ ނިމިދިޔަ ސަރުކާރުން ވަރަށް ރަނގަޅަށް ކުރެއްވި މަސައްކަތެއް ކަމަށާއި އަދި މިސަރރުކާރު ވެރިކަމާއި ހަވާލުވިއިރު ބައެއް އަތޮޅުތަކަށް އެ ހިދުމަތް ފެށިފައިވާކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ މަސައްކަތެއް ފަށާއިރު ގިނަ ގޮންޖެހުންތައް އަންނާނެ ކަމަށާއި އެހެންނަމަވެސް ޕަބްލިކަށް ޕްލޭނެއް ދީފައިވާއިރު ރައްޔިތުން އުންމީދު ކުރާނީ އެކަން ޕްލޭނާއި އެއްގޮތަށް ކުރިއަށް ދިއުން ކަމަށެވެ.
އަމީން ވިދާޅުވީ އެ ހިދުމަތްވެސް ކުރިއަށް ގެންގޮސްފައިވަނީ ޕްލޭނާއި އެއްގޮތަށް ނޫންކަމަށެވެ. އަދި ވަކި ހާއްސަ ބަޔަކު ނިސްބަތްވާ އަތޮޅެއްގައި އެ ހިދުމަތް ފަށްޓަވާފައިވާކަމަށް އަމީން ވިދާޅުވިއެވެ. އަދި އަމީން ވިދާޅުވީ މިހާރު އާރް.ޓީ.އެލްގެ ހިދުމަތް ފެށިފައި ވާއިރު އެކަމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވިފައިވާކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.

