ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވުމަކީ މި ދައުރުގައި ވެރިކަމުގެ ތެރެއަށް އާއިލީ ނުފޫޒު ވަދެފައިވާ މިންގަނޑު ފެނިގެންދާ ނިޝާނެއްކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސް ގާނޫނީ ވަކީލުގެ ގޮތުގައިވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ ޖަމީލު ގެންދަވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި އުފެދިގެންދިޔަ ބައިބައިވުންތަކަށް ފަހު ޕީއެންއެފްގެ ނަމުގައި ޕާޓީއެއް ރެޖިސްޓީކުރުމަށްފަހު ސަރުކާރުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުންކަމަށްވާއިރު، އޭނާވަނީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އަބްދުއްރަހީމްގެ ދަރިކަލުން މިނިސްޓަރ ފައިސަލް އަށް ފާޑުވިދާޅުވެފައެވެ.
ޑރ ޖަމީލްވަނީ ފައިސަލްގެ ކިބައިން ޖާހިލުކަމުގެ ސިފަ ފެނިގެންދާކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވޭދުވިޔަ ފަސް އަހަރު ހުންނެވީ ކޮން މަސައްކަތެއްކުރައްވަން ތޯ ސުވާލު އުފައްދަވާ ޖަމީލުވަނީ ވޭދުވެދިޔަ އަހަރުތަކުގެ ތެރޭގައި ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ބޮޑެތި ހަރަކާތްތަކުގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އަދި އެ ފޮޓޯތަކުގައި ފައިސަލް ފެންނަން ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ކޮންމެ އައު ސަރުކާރެއް ވުޖޫދަށް އައުމާއިއެކު ފައިސަލް ފާޅުވާކަމަށެވެ. އަދި އެކަމުން އޭނާއާއި ކިބައިގައިވާ ސިފަތަކާއި ގުޅޭގޮތުން ގިނަ ކަންކަން ހާމަވެގެންދާކަމަށް ވިދާޅުވިއިރު، ރައީސް މުއިއްޒުގެ ކެބިނެޓު ވަޒީރެއްގެ ގޮތުގައި ފައިސަލް ހުންނެވުމުން އާއިލީ ނުފޫޒު އޮތް މިންގަނޑު ފެނިގެންދާކަމަށްވެސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ހާސިލުނުކުރެވުނު ލަނޑުދަނޑިތަކާއި ލިޔަންކިޔަން ނުދަންނަކަމުގެ ވާހަކަ ބޮޑާކަމާއިއެކު ދެއްކަމުންދިއުމަކީ ލަދުވެތިއަމަލެއް ކަމަށެވެ. އަދި ފައިސަލްއަކީ ކޮންމެ ކެބިނެޓަކަށްވެސް ހުތުރެއްކަމަށް ވިދާޅުވިއިރު، ޖަމީލްވަނީ އޭނާގެ ބަހުގެ ހަރުކަށިކަމަށް މާފަށް އެދިފައެވެ.

