ޔޫއެންޑީޕީ އަދި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބުލޫ އިކޮނޮމީ ފޯރަަމް ސަރަހައްދުގެ ޑައަލޮގް ހޯސްޓުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން މޭ މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބުލޫ އިކޮނޮމީ ފޯރަމްގެ ހަރަކާތްތައް ކުރިއަށްދާނީ ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑުގައިކަމަށެވެ. އަދި އިނގިރޭސިވިލާތުން މި މަސައްކަތްތަކުގައި އެއްބާރުލުން ދޭކަން ހާމަކޮށްފައިވާއިރު ބައްދަލުވުމުގެ މަގުސަދަކީ މައި ސްޓޭކް ހޯލްޑަރުންނާއި މާހިރުން އަދި ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުރުން އިޖްތިމާއީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން މާލީ އަދި އެހެނިހެން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ޕްރައިވެޓް ސެކްޓާރގެ ފަރާތްތަކުގެ ދެމެދު ވާހަކަތައް ދެކެވި މަޝްވަރާތައް ކުރެވިގެންދިއުންކަމަށެވެ.
އެ މިނިސްޓްރީއިން ބުނެފައިވާގޮތުން މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ އަމާޒާއި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާވެސް ދިމާވާކަމަށެވެ. އެގޮތުން އެމަނިކުފާނު ވިސްނަވަނީ ދެމެހެއްޓިނިވި ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ވެށި ރައްކައުތެރިކުރުުގެ މަސައްކަތްތައްެ ބައްޓަންކޮށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތު ވަރުގަދަވެގެންދިއުމަށް ޖާގަ އުފެއްދުމަށްކަމަށްވާއިރު، އެމަނިކުފާނުވަނީ ހަކަތަ އުފެއްދުމުގެ ގޮތުން ތެޔޮ ބޭނުުންކުރާ މިންގަނޑުތައް 33 އިންސައްތައިން ދަށްކޮށް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ގާއިމުކުރުމަށް ވައުދުވެވަޑައިގެންފައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު އެންރީކޯ ގަވޭލިއާވަނީ ކަނޑުފަޅުގެ ސިއްހަތު ދެމެހެއްޓިފައި އޮތުމުގެ މުހިންމުކަމާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ދިވެހިންގެ ހާލަތު ކަނޑާއި ފަޅުތަކުގެ މައްޗަށް ބަރޯސާވެފައިވާކަމަށްވުމުން ފަތުރުވެރިކަމާއި މަސްވެރިކަން އަދި ޓްރާންސްޕޯރޓޭޝަންގެ ދާއިރާތައް ބްލޫ އިކޮޮނޮމީގެ އުސޫލުތަކުގެ މައްޗަށް ބައްޓަންވެގެންއައުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެގެން އަންނަ މައްސަލަތަކަށް ކުރިމަތިލުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓިނިވިކަމަށް އިންތިހާ މުހިންމުކަމަށެވެ. އަދި އެ ފޯރަމްއަކީ ރާއްޖެއަށް ބޭނުންވާ ހައްލުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެ ތަނެއްކަމަށްވެސް އޭނާ ވަނީ އަލިއަޅުއްވާފައެވެ.\
މި ބައްދަލުވުމުގައި ޔޫއެންޑީޕީގެ ބައެއް އޮފިޝަލުންގެ އިތުރުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެރަންރޮސްލާވެސް ބައިވެރިވިއެވެ. ރާއްޖޭގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ބައެއް އެހެނިހެން އިސްވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

