ހުޅުމާލޭގެ 1 ވަނަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ނެތި ބަހައްޓާފަ އިތަކެތި 30 ދުވަސް ތެރޭގައި ނެގުމަށާއި، ހުޅުމާލޭގެ 2 ވަ ފިޔަވައްސާއި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފިއެވެ.
ސިނާއީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދިގު މުއްދަތަކަށް ތަކެތި ބަހައްޓަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް އަންނަނީ ލިބެމުންކަމަށް އެޗްޑީސީއިން ބުނިނެވެ. އަދި މިގޮތަށް ތަކެތި ބަހައްޓާފައިވާ ތަންތަނުގައި މަދިރި އާލާވާގޮތަށް ހުރުމުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންދާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި ވީހާވެސް އަވަހަކަށް ނަގައި ސާފުކޮށްދިނުމަކީ އެ ކޯޕަރޭޝަންގެ ވަރަށް ބޮޑު އެދުމެއްކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ. އަދި ކަނޑައެޅިފައި ވާ މުއްދަތުގައި ނުނަގާ ހުންނަ ތަކެއްޗަކީ ވެރި ފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި، އެ ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް އެޗްޑީސީއިން ކުރާނެއެވެ. އަދި މި މަސައްކަތުގައި ތަކެއްޗަށް ނުވަތަ ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް ޒިންމާ ނުވެވޭނެކަމަށްވެސް ވެއެވެ.
މީގެ އިތުރުން ހުޅުމާލޭގެ 2 ވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް ފެށުމަށްޓަކައި، ބިން ހުސްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަން ހިއްސާ ކުރެއްވިއެވެ. އެހެންކަމުން ހުޅުމާލޭގެ 2 ވަނަ އަދި 3 ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ތަކެތި ބަހައްޓައިގެން ބޭނުން ކުރުމަކީ މަނާކަމެއްކަމާއި، މިގޮތަށް ބިންތައް ބޭނުން ކުރާ ފަރާތްތަކުން 7 ޖޫން 2024 ގެ ކުރިން އެފަދަ ތަކެތި ނަގައި ބިން ސާފުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލެ ތަރައްގީކޮށް ރައްޔިތުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމްކޮށް، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް މި ކޯޕަރޭޝަންގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

