ރާއްޖެއިން ބޭރުން ކާރު ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ލާރި ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އޮތް ފުލުހެއްގެ މައްސަލަ ބަލަމުންދާ ކަަމަށް އެ މުވައްސަސާއިން ބުނެފި އެވެ.
ފުލުހުން އެ މައްސަލަ ބަލަން ފަށާފައި ވަނީ އެ ފުލުސް މީހާއަށް ތުހުމަތުކޮށް މީސްމީޑިއާގައި މީހަކު އާންމު ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ.
އެގޮތުން އެ ޕޯސްޓުގައި ބުނެފައި ވަނީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ އެ މީހާ އެތައް ބައެއްގެ އަތުން ރާއްޖޭން ބޭރުން ކާރު ގެނެސްދޭނެ ކަމަށް ބުނެ އެޑްވާންސްކޮށް ފައިސާ ނަގައިގެން ފިލައިގެން އުޅޭ ކަމަށެވެ.
މި ޕޯސްޓާއެކު ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ފުލުހަކާއި ބެހޭ ގޮތުން ޝެއާ ކުރަމުން އަންނަ ޕޯސްޓަކާއި ގުޅިގެން އެ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާދްސް ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ކޮށްފައިވާ މި ޕޯސްޓު ގިނަ ބަޔަކު ދައުރުކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންވެސް ވަނީ ފުލުހުންގެ މިފަދަ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ.

