ސްޕޯޓްސް މިނިސްޓްރީގެ އިހުތިސާސްގެ ދަށުން ހިންގާ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން އޮޑިޓު ރިޕޯޓުތައް ހުށަނާޅާކަމަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދުު ތޮލާލް ވިދާޅުވެއްޖެއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރުވަނީ ކޮންމެ ޖަމިއްޔާއެއްގެ މައްޗަށްވެސް ބައެއް ލިޔެކިއުންތައް ފުރިހަމަކޮށް ސްޕޯޓްސް ކޮމިޝަނަރަށް ހުށައެޅުން ގާނޫނީގޮތުން ލާޒިމުކުރެވިފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން އަހަރީ ޖަލްސާއެއް ބޭއްވުމަށްފަހު ފާސްކުރެވުނު ކަންކަމާއި އެކަމާއި ގުޅޭ ލިޔެކިއުންތައް ކޮމިޝަނަރާއި ހިއްސާކުރަންޖެހޭކަމަށާއި ދެތިން އެސޯސިއޭޝަނެއް ނޫނީ ހުރިހާ ޑޮކިއުމެންޓެއްވެސް ސަބްމިޓްކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް ގާނޫނު ލާޒިމުކޮށްފައިވާ އެއްކަމެއް ގިނަ އެސޯސިއޭޝަންތަކުން ނުކުރާކަން ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ފާހަގަކުރެވިފައިވާކަމަށް ހިއްސާކުރެއްވިއިރު އެކަން ނުކުރުމުގެ ސަބަބުން އެއްވެސް ފިޔަވަޅެއް އަޅައި އެންގުމެއްވެސް އަންގާފައިނުވާކަން ހާމަކުރެއްވިއެވެ. ތޮލާލް ވިދާޅުވީ، އެކަން ނުކޮށްގެން އެސޯސިއޭޝަންތަކުގައި ބުނެފައިވެސް ނުވާކަމަަށާއި ކޮންމެ އެސޯސިއޭޝަނަކަށްވެސް އެތަނެއް އޮޑިޓުކޮށް ރިޕޯޓު ހުށައެޅުން ގާނޫނީގޮތުން ލާޒިމުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޮޑިޓްކޮސްފައިވާންޖެހޭނީ ރާއްޖެއިން ގަބޫލުކުރާ އެފަދަ ހިދުމަތްދޭ ކުންފުންޏެއް މެދުވެރިކޮށްކަމަށާއި އެކަމުގައި ހަރަދުތަކެއްވެސް ހިނގާކަމަށްވުމުން ލުއިތަކެއް ގެނެސްދޭން ދެ މޮޑެލްއެއްގެ މައްޗަށް މަސައްކަތްތައް ބައްޓަންކުރުމަށް ވިސްނަމުންދާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއް ގޮތަކީ މިނިސްޓްރީއިން އޮޑިޓު ކުންފުންޏެއް މެދުވެރިކޮށް އެކަން އެސޯސިއޭޝަންތަކަށް ކޮށްދިނުންކަމަށެވެ. އަދި އަނެއް ގޮތަކީ ގޮތަކީ އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް އެކަން ކުރުންކަމަށްވެސް ވިދާޅުވިއެވެ. ތޮލާލް ވިދާޅުވީ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި އިންތިޒާމުތައް ހަމަޖެހި އެސޯސިއޭޝަންތަކަށް ހިދުމަތް ލިބިގެންދާނެކަމަށެވެ.

