ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ރާއްޖޭގައި ދިނުމަށް، ބޭނުންވާ ގާނޫނު 20 ވަނަ މަޖިލީސް ފެށިގެން ދިއުމާއިއެކު އެކުލަވާލާނެކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ގުނަވަން ބަދަލުކުރުމަކީ ދުނިޔޭގެ އެކި ތަންތަނުގައި ގާނޫނެއްގެ ދަށޫން ކުރެވޭ ކަމެއްކަމަށާއި، މިއީ ވަރަށް ބޮޑަށް ރެގިއުލޭޓު ކޮށްގެން ކުރާކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައިވެސް މި ހިދުމަތް ފެށުމަށްޓަކައި، ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި މަހުގެ 28 ގައި އާ މަޖިލިސް ހުވާކުރުމުން ބިލް ފޮނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރުވެސް ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން މިކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި އެބަހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއީ ސޫލުތަކެއް ގާއިމްވެގެން ނޫނީ ކުރެވޭނެ ޒާތުގެ ކަމެއް ނޫންކަން ތަކުރާރުކޮށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ ގާނޫނު ނުވަތަ އެކަމުގެ އުސޫލުތައް ނަޔަސް އަޅުގަނޑުމެން މަސައްކަތްކުރަމުން މި ގެންދަނީ މިހާރު ވެސް ދެވޭ ހިދުމަތެއް، އޭގެ ތެރޭގައި ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަންޑިންއާ އަދި އެހެނިހެން ވެސް ލުއިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޔަގީންކަން ދިނުން.
މިނިސްޓަރު ވިދާޅުވިއެވެ.
ގާނޫނު އެކުލަވާލާ ސީދާ ހިދުމަތް ދޭން ރާއްޖޭގައި ފަށާފައިނުވީ ނަމަވެސް، މި ހިދުމަތަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީ ފޯރުކޮށްދީ، ފަނޑިން އާއި އެހެނިގެން ލުއިތައްވެސް ހޯދައިދެމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި މިފަދަ ބަލިތައް އާންމުވަމުންދާތީ މިނިސްޓްރީއިން ވަނީ ދިރާސާއެއް ހެދުމަށްވެސް ނިންމާފައެވެ. މި ދިރާސާ ކުރުމަށްޓަކައި އެހީއަށް ޑަބްލިއުއެޗްއޯގައި އެދިފައިވާކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.

