ދިވެހި ވަންތަކަން ޙިމާޔަތް ކުރެވޭނީ އާސާރީތަރިކަ ރައްކާތެރި ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލް އަޤްވާމީ ދާރުލްއާސާރު ދުވަހުގައި ރައީސް “ އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިވަންތަކަން ހިމާޔަތްކޮށް މި ޤައުމުގެ ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީތަރިކަ ރައްކައުތެރިކޮށްގެން ކަމަށެވެ.
ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަސް ފާހަގަކުރަން ފަށާފައިވަނީ އިންޓަރނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް (އައިކޮމް) އިން 1977 އިން ފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ 18 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމުމާ ގުޅިގެންނެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ވަނަ އަހަރުގެ ނޮވެންބަރު މަހު 19ގައި އެވެ. އޭރުގެ ވަޒީރުލްއަޢުޒަމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އަދި ޒަމާނީ ދާރުލްއާސާރެއް ޤާއިމްކުރުމުގެ ޕްލޭންތައް ތައްޔާރުކުރެވި ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ޤަޢުމީ ދާރުލްއާސާރުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއެވެ. އަދި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މި ޢިމާރާތް ހުޅުއްވައިދެއްވިއެވެ.
މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ ތަފާތުކަމާއި، މުއްސަނދިކަމާއި، އެބައެއްގެ އެއްބައިވަންތަކަން ދައްކައިދޭ ތަނަކަށް ވުމާއިއެކު، މި ކަންކަމަށް އާންމުންގެ މެދުގައި ހޭލުންތެރިކަމާއި ލޯބި އިތުރުކުރުމެވެ.

