ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ވަންތަކަން ޙިމާޔަތް ކުރެވޭނީ އާސާރީތަރިކަ ރައްކާތެރި ކޮށްގެން: ރައީސް

ބައިނަލް އަޤްވާމީ ދާރުލްއާސާރު ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ވަންތަކަން ޙިމާޔަތް ކުރެވޭނީ އާސާރީތަރިކަ ރައްކާތެރި ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލް އަޤްވާމީ ދާރުލްއާސާރު ދުވަހުގައި ރައީސް ” އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިވަންތަކަން ހިމާޔަތްކޮށް މި ޤައުމުގެ ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީތަރިކަ ރައްކައުތެރިކޮށްގެން ކަމަށެވެ.

ދާރުލްއާސާރަކީ އެ މުޖުތަމަޢެއްގެ ތާރީޚާއި، ފަންނުވެރިކަމާއި ސަޤާފަތާއި ތަރިކައާއި ގުޅޭ މަޢުލޫމާތު އެ މުޖުތަމަޢެއްގެ އަހުލުވެރިންނަށާއި ދިރާސާކުރާ ފަރާތްތަކަށާއި، ޒުވާނުންނަށާއި، ކިޔަވާކުދިންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ތަންތަނެވެ. އަދި ދާރުލްއާސާރަކީ ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށްވާއިރު ދާރުލްއާސާރުތައް ތަރައްޤީކޮށް އެތަން މުއްސަނދިކުރުން ވެގެންދާނީ ދިވެހިރާއްޖެ އިޖުތިމާޢީގޮތުން ކުރިއަރާ ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ރާއްޖެއަށް މާލީ މަންފާތަކެއް ލިބި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހެޔޮ އަސަރުތަކެއް ލިބިގެންދާނެ ކަމަކަށެވެ. އަދި ދާރުލްއާސާރުގައި ވަނީ ކާބަފައިން ހަވާލުކޮށްފައިވާ އަގު ބޮޑެތި އަމާނަތް ތަކެކެވެ. މި ތަކެތި ހެޔޮގޮތުގައި ރައްކާތެރި ކުރައްވާ މި އަންނަ ޖީލަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ”ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު“ ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ 18 މެއި 2024 އުފައްދާފައެވެ. އެ އިދާރާއަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާ ފައެވެ.

އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގެ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމާ ގުޅޭ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވަނީ އިސެސްކޯ ގެ ޑިރެކްޓާ ޖެނެރަލް ސާލިމް އަލްމާލިކްއާއި ބައްދަލި ކުރައްވައި މަޝްވަރާ ބައްދަލުވުން ތަކެއް ބާއްވާ ފައި އެވެ. މި ބައްދަލުމުގެ މަޝްރާތަކަށް ބަލާއިރު ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބައްލަން ޖެހޭ ބެއްލެވުމާއެކު، އެކަމާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ އެހެނިހެން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގައި ހުންނަ އެ ގައުމުގެ ސަގާފަތާ ބެހޭ ވުޒާރާގައި، ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އަޒަރްބައިޖާނުގެ ސަގާފަތާ ބެހޭ ވަޒީރު ޢާދިލް ކަރިމްލީއާއި ވަޒީރު އާދަމް ނަސީރު ވަނީ ބައްދަލުކުރައްވާ ފައެވެ. މި މަޝްވަރާ ބައްދަލުމުގައި ވަޒީރު ވަނީ ސަގާފަތާއި ތަރިކައާ ގުޅޭ ކަންކަމުގައި ރާއްޖެއަށް ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ޢިލްމެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮަތްތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ޢިލްމެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮަތްތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އަޒަރްބައިޖާނުގެ ސަގާފަތާ ބެހޭ ވަޒީރު ވެސް ވަނީ ސަގާފީ ރޮނގުން ރާއްޖެއަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރޮކޮށްދިނުމަށާއި ދެގައުމުގެ ދެމެދުގައި ސަގާފީ ރޮނގުން ގުޅުން ބަދަހި ކުރުމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.

ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަސް ފާހަގަކުރަން ފަށާފައިވަނީ އިންޓަރނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް (އައިކޮމް) އިން 1977 އިން ފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ 18 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމުމާ ގުޅިގެންނެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ވަނަ އަހަރުގެ ނޮވެންބަރު މަހު 19ގައި އެވެ. އޭރުގެ ވަޒީރުލްއަޢުޒަމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އަދި ޒަމާނީ ދާރުލްއާސާރެއް ޤާއިމްކުރުމުގެ ޕްލޭންތައް ތައްޔާރުކުރެވި ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ޤަޢުމީ ދާރުލްއާސާރުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއެވެ. އަދި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މި ޢިމާރާތް ހުޅުއްވައިދެއްވިއެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ ތަފާތުކަމާއި، މުއްސަނދިކަމާއި، އެބައެއްގެ އެއްބައިވަންތަކަން ދައްކައިދޭ ތަނަކަށް ވުމާއިއެކު، މި ކަންކަމަށް އާންމުންގެ މެދުގައި ހޭލުންތެރިކަމާއި ލޯބި އިތުރުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: