މިއަދު ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ވަސީލަތްތަކާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި ފެންނަމުންދާ މަންޒަރުތަކުން ސިފަވަނީ އެންމެ ކަމެެކެވެ. ޒިންމާދާރު މަގާމުތައް ހަވާލުކޮށް ރައްޔިތުން ކުރި އިތުބާރުގެ މައްޗަށް ޔަގީނުންވެސް އެއް ބަޔަކު ކޮޅުފައިން އަރައިފިއެވެ. ރާއްޖޭގެ ރައްޔިތުންގެ ނަމުގައި އެތައް ލޯނެއް ނަގައި، އުފެއްދި ދަރަންޏާއި އެއްވަރަށް މަސައްކަތްތަކެއް ނިންމިފައިނުވާއިރު އޭގެ ކުރީ ދައުރުގައި ބިނާކޮށްފައިވާ ވަސީލަތްތަކާއި ހަވާލުވުމަށްފަހު އެތަކެއްޗަށްވެސް އިހުމާލުތައް ވެފައިވުމަކީ ބަލަންޖެހޭ ބޮޑު މައްސަލައެކެވެ. ގަސްތުގައި އިހުމާލުތަކެއް ވެފައިވާނަމަ، އެނގިތިބެ ދިން ގެއްލުންތަކަށް ޝާމިލުވި އެންމެނަށްވެސް އަދަބު ދޭންޖެހެއެވެ.
މިދިޔަ ދައުރުގައި ސަރުކާރުން ވެފައިވާ އިހުމާލުތަކުން ރައްޔިތުންނަށް ގެއްލުންތައް ލިބިފައިވާކަމަށް ބުނުމަށް ޖާގަ އެބަ އޮތެވެ. އީއައިއޭ ނުހަދައި 21 ރަށެއްގައި އިންޖީނުގެ އެޅި މައްސަލައެއްގައި އީޕީއޭއިންވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ފެނަކަ ކުންފުނި 4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ކަންކަން ބަލައި ދިރާސާތައްކޮށްފައިވާކަމަށް އީޕީއޭއިން މައުލޫމާތުދީފައިވާއިރު، 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށްވެސް އަންގާފައިވާކަންވެސް ފާހަގަކުރެވެއެވެ. އަދި ފެނަކައިން ވަނީ ބައެއް އިންޖީނުގެތަކުގެ މަސައްކަތްތަކުގެ ތެރެއިން 27 ފަހަރެއްގެ މަތިން ގަވައިދުތަކާއި ހިލާފުވެފައިކަމަށާއި މީގެ ކރުިންވެސް އެ ކުންފުނިން ހަމަ މިފަދައިން އީއައިއޭ ހެދުމާއި ގުޅޭ ގަވައިދާއި ހިލާފުވެގެން ހަ ފުރުސަތެއްގައި ފިޔަވަޅު އަޅާފައިވާކަން ހާމަކޮށްފައިވެއެވެ.
މި މިންގަނޑަށް ކަންކަން އޮޅިގެން ނުދާނެކަން ސާފުއިރު ސަރުކާރުގެ ކުންފުންޏެއްގެ މުއައްޒަފަކު ގަސްތުގައި ވާ މިފަދަ އިހުމާލުތައް އެއްކުރުމަށްފަހު ދައުރެއް ނިމުމުން ރައްޔިތުންގެ ޖީބުން އެކަމަށް އަގު ދެއްކުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. ޕްރައިވެޓް ކުންފުނިތަކުގައި ކަންކުރާ އުސޫލު ގިނަ މީހުންނަށް ސާފުވާނެއެވެ. އެހެންނަމަވެސް މައުލޫމާތަށްޓަކައި ދަންނަވާލާނަމެވެ. މަސައްކަތުގެ މާހައުލުގައި ގަސްތުގައިވާ އިހުމާލެއްގެ ސަބަބުން ކުންފުންޏަށާއި މަސައްކަތާއި ގުޅުން ހުރި ފަރާތްތަކަށް ލިބިގެންދާ ގެއްލުންތަކާއި ތަކެތީގެ އަގު ދައްކަންޖެހޭނީ އިހުމާލުވާ މުއައްޒަފެކެވެ. މިއީ އާންމު އުސޫލެވެ.
އެހެންކަމުން ސަރުކާރުގެ އިސް މަގާމުތަކުގައި ބޮޑު މުސާރައާއި އިނާޔަތްތައް ލިބިތިބެ ގަސްތުގައި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފަދަ އަމަލެއް ހިންގުން ނުވަތަ އެފަދަ އަމަލަކަށް ފަހިކުރުން އަދި އެފަދަ ކަމަކަށް މާހައުލެއް ގާއިމުކޮށްދިމާއި އެފަދަ ކަމެއް ފާހަގަކުރެވި ރިޕޯޓުނުކުރުން ފަދަ ކަމެއް ކޮށްގެން ނަމަވެސް އިހުމާލެއްގައި ބައިވެރިވެވިފައިވާނަމަ އެފަރާތަކާއިމެދު ފިޔަވަޅު އަޅަންޖެހެއެވެ. ރައްޔިތުންނަށް މުއްސަނދިކަމެއް ގެނެސްދިނުމުގެ ވައުދުގައި އައިސް ރާއްޖެ ގެންގޮސްފައިވަނީ ފަގީރުކަމާއި ދަރަނިވެރިކަން އަދި މާލީ އަޅުވެތިކަމުގެ ތެރެއަށްކަމަށް ވެފައިވުމުގެ މައްސަލަވެސް އޮތްއިރު، ރައްޔިތުންނަށް އެންމެ މުހިންމު ވަސީލަތްތަކަށް ބެލުމެއް ނެތި އަމަލުކޮށްފައިވުމަކީ އެއަށްވުރެވެސް ގާތުން ބަލަންޖެހޭ މައްސަލައެކެވެ.
މި ފަހުން މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު މުޅި ދުނިޔެ މާލީ ގޮތުން ތާށިވެގެންދިޔައިރު ދިވެހިރާއްޖެ ހުއްޓުމަކަށް ނައިސް އެއްވަރެއްގައި ހިފެހެއްޓިގެންދިޔަ މައި ސަބަބުކަމަށްވާ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށްވެސް ރައީސް ސާލިހުގެ ސަރުކާރުންވަނީ އިހުމާލުވެފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މިފްކޯއިން 2021 ވަނަ އަހަރުގެ ތެރޭގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީ ބޮޑުކޮށް ރާއްޖެއިން ބޭރަށް މަސް ބޭރުން ކުރަން ފަސޭހަކުރުމުގެ މަގުސަދުގައިކަމަށް ބުނެ 1978ގައި އުފައްދާފައިވާ 2500 ޓަނުގެ ކެޕޭސިޓީ ހުންނަ ބޯޓެއް ގެނައުމެވެ. މިކަމަށް 28 މިލިއަނާއި ގާތްކުރާ އަދަދެއް ހަރަދުކުރިކަމަށް މައުލޫމާތު ދީފައިވެއެވެ.
”ޖަޒީރާ ރީފާރ“ގެ ނަމުން ނަންދިފައިވާ މި ބޯޓަކީ ރާއްޖެއަށް ގެނައި އިރުވެސް އުފައްދައި ބޭނުންކުރެވިފައިވާތާ 43 އަހަރުވެފައިވާ ބޯޓެކެވެ. އެހެންކަމުން އޭރުވެސް ފާޑުކިޔުންތައް އަމާޒުކުރެވި ބޯޓުގެ ހާލަތު ބެލުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ގެނައި އިރު ދަބަރުގަނޑެހެން ހުރި އެ ބޯޓު އެ އަހަރުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި އެންމެ ރަނގަޅަށް ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި އަޅާފައިވަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން ނަގިލި ކަހާލައިގެން ހިނގި އެކްސިޑެންޓުގައި ބޯޓުގެ އަރިމަތިން ބާގަނޑެއް ހެދިފައިވާކަމަށާއި އެހެންކަމުން މަރާމާތުތައް ކުރަމުންދިޔަކަމަށްވެސް ޝާއިއުކުރެވިފައިވެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި އަލަށް ހަވާލުވެވަޑައިގެންނެވި މިނިސްޓަރު އަހުމަދު ޝިޔާމްވެސްވަނީ ދާދި ފަހުން މިފަދަ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ގިނަ އަދަދެއްގެ އައިސް ޕްލާންޓުތައް ސަރުކާރުން ހަވާލުވިއިރު ހުރީ މެއިންޓެންއިން ނުކޮށްކަމަށާއި އެހެންކަމުން އެތަކެތި ތިބީ ބޭނުން ނުކުރެވޭ ހާލަތުގައިކަމަށްވުމުން ރައީސް މުއިއްޒުގެ ސަރުކާރަށް ޖެހުނީ އެއްފަހަރާ ހުރިހާ ޕްލާންޓެއް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރަންކަންވެސް ހާމަކުރެއްވިއެވެ. އަދި ވެރިކަމުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެފަދަ އޮޕަރޭޝަނަލް މައްސަލަތައް ހައްލުކުރަން ޖެހުނުއިރު މާލީ މައްސަލަތަކާއިވެސް ކުރިމަތިލާންޖެހުނުކަމަށް މައުލޫމާތު ދީފައިވެއެވެ. މިކަމުންވެސް ސީދާ ރައްޔިތުންގެ ޖީބަށް އަސަރުކުރިއެވެ. މިހެން ބުނެވެނީ ރޯދަމަހުގެ ތެރޭގައި ގިނަ އަދަދެއްެގެ ފައިސާ ނުލިބިހުރި މައްސަލައިގައި މަސްވެރިންތަކެއް މުޒާހަރާކޮށްފައިވުމުންނެވެ. އެތައް މިލިއަން ރުފިޔާއެއް ނުލިބި ހުރުމުގެ ސަބަބުން މަސްވެރިންވަނީ ސިނާއަތުގެ މަސައްކަތްތައް ހުއްޓުވާލާ ހިސާބަށް ގެންގޮސް އެ ފައިސާތައް ހޯދާފައެވެ.
ފެނަކައިގެ އައު މެނޭޖުމެންޓާއިއެކު ހާމަވެގެންދިޔަ މައުލޫމާތުތަކަށް ބަލާއިރު އެ ކުންފުނީގެ 502 ޖެންސެޓު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރިއިރު އެތަނުން 302 ޖެންސެޓު ހަލާކުވެފައިވާކަމަށް އެމްޑީ މުއާޒް މުހައްމަދު ރަޝީދު ހާމަކުރެއްވުން ހިނެއެވެ. އޭނާ ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި މެއިންޓެނެންސް މަސައްކަތްތައް ނުކުރުމުގެ ސަބަބުން އެތަކެތި ތިބީ ހަލާކުފައިކަމަށެވެ. މުއާޒް ވިދާޅުވީ، އެކަން އެގޮތަށް ކޮށްފައިވަނީ އައު ޖެންސެޓް ގަތުމުގެ ބޭނުމުގައިކަމަށާއި ހުސްވުމުން ގެންދާ އުސޫލުން ބޮޑު ވިޔަފާރިއެއްގެ ސިފައިގައި އެ މަސައްކަތްތައް ކުރަމުން އައިސްފައިވާކަމަށް ވިދާޅުވިއެވެ. އަދި 2022 އާއި 2023 ވަނަ އަހަރުގެ ތެރޭގައި 90 އަށްވުރެ ގިނަ ޖެންސެޓް އެ ކުންފުންޏަށް ގަނެފައިވާކަން ހިސާބުތަކުން ފެންނަންހުރިކަމަށާއި މެއިންޓެނެންސް މަސައްކަތްތަކަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާނަމަވެސް ކޮންމެ އަހަރަކު މެއިންޓެނެންސްއާއި ސާވިސިންގެ މަސައްކަތްތަކަށް 100 މިލިއަން ރުފިޔާ ހޭދަކުރާކަން ހިސާބު ފޮތްތަކުން ފެންނަންހުރިކަމަށް މުއާޒް ވިދާޅުވިއެވެ. މިއީ ޔަގީނުންވެސް ވެފައިވާ ބޮޑެތި އިހުމާލުތަކުން އެއް މިސާލެވެ.
ނިމިދިޔަ ސަރުކާރުންވަނީ ސިނަމާލެ ބުރިޖަށްވެސް އިހުމާލުވެފައެވެ. އެ ސަރުކާރުން ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދުވަހު މެއިންޓެނެންސް މަސައްކަތްތައް ކޮށްފައިވާކަމަށް އައު ސަރުކާރުން ހާމަކުރިއިރު، ފަހު ތިން އަހަރު ދުވަހު އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރެވިފައިނުވާކަމަށް ޕްލޭނިންގް މިނިސްޓްރީއިން ހިއްސާކޮށްފައިވެއެވެ. މިހާރު އައު ސަރުކާރުންދަނީ ޗައިނާ ހިލޭ އެހީގެ ދަށުން އެ ބުރިޖު މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށްވާއިރު މި ކަމަށް ހޭދަވާ ފައިސާއަކީ އެ ގައުމުން ބަޖެޓުކޮށްގެން ދެމުންދާ ހިލޭ އެހީގެން ތެރެއިން ފައިސާކަމަށްވުމުން މިކަމަށް ހޭދަކުރަން ނުޖެހުނު ނަމަ އަހަރުގެ ކޮންމެވެސް ހިސާބަކުން އެ ފައިސާ މެދުވެރިކޮށް އެހެން މަސައްކަތްތަކެއް ކުރުމަށް ފަހިވުމުގެ ފުރުސަތު އޮތުމުން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައްޔިތުންދަނީ މިފަދަ ގޮތް ގޮތުން އެކި ފަރާތްތަކުން ވެފައިވާ އިހުމާލުތަކަށް ރައްޔިތުން އަގުދައްކަމުންދާއިރު، އެ މީހުންނަށް އެއްވެސް އަގެއް ދައްކަން ނުޖެހެނީތޯވެސް ސުވާލުކުރަމުންނެވެ.

