އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް މި މަހުގެ 15 އަދި 16 އަށް ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި އިންޓަރނޭޝަނަލް ކޮންފެރެންސް އޮން ޕޮޕިއުލޭޝަންސް އެންޑް ޑިވެލޮޕްމަންޓް (އަ.އި.ސީ.ޕީ.ޑީ) ގެ 30 ވަނަ ގްލޯބަލް ޑައިލޮގް އޮން ޑިމޮގްރަފިކް ޑައިވަރސިޓީ އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގެންފިއެވެ.
1994 ވަނަ އަހަރު މިސްރުގެ ޣާހިރާގައި ބޭއްވި އަ.އި.ސީ.ޕީ.ޑީ ކޮންފެރެންސްވީ އާބާދީއާއި ތަރައްޤީގެ މައްސަލަތަކުގައި ދުނިޔޭގެ ވިސްނުން ބަދަލުކޮށް، ދެމެހެއްޓެނިވި ތަރައްޤީގައި ރައްޔިތުންގެ ކަރާމާތާއި ހައްޤުތަކަށް އިސްކަންދޭ އަމާޒުތަކެއް ކަނޑައަޅާ، އެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތްކުރުމުގެ ގޮތުން ބޭއްވުނު ބައިނަލްއަޤްވާމީ ފުރަތަމަ ކޮންފެރެންސްއަށެވެ. މިގޮތުން އައި.ސީ.ޕީ.ޑީގެ ޕްރޮގްރާމް އޮފް އެކްޝަން ކަނޑައަޅާ، ތަންފީޒު ކުރުމުގައި ރައްޔިތުންގެ ހެވާއި ލާބަ އިސްކޮށް، ޤާނޫނު ހަދާ މަޖިލިސްތަކާއި، މަދަނީ ޖަމިއްޔާތަކާއި، އަންހެނުންނާއި ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، އަމިއްލަ ފަރުދުންނާއި ގުޅިގެން ޤައުމީ ސިޔާސަތުތައް އެކަށައެޅުމަށް އަ.އި.ސީ.ޕީ.ޑީއިން ވަރަށް ބޮޑު އިސްކަމެއްދެއެވެ.
ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ބައިވެރިވެވަޑައިގެންނެވި، މިއަހަރުގެ އައި.ސީ.ޕީ.ޑީ ކޮންފެރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމްވަނީ ދިވެހިރާއްޖެ ތަމްސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދިވެހިރާއްޖެއިން ކުރިއެރުމަށް ގެންގުޅޭ އެންމެ މުހިންމު އުސޫލަކީ ޞިއްޙީ ދާއިރާއާއި ތަޢުލީމަށް އިސްކަންދީ ’ހިއުމަން ކެޕިޓަލް‘ ނުވަތަ އިންސާނީ ވަސީލަތްތައް ކުރިއެރުވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގުފަހިކޮށްދީ، އެއްވެސް ފަރާތެއް ބާކީ ނުވާނެހެން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޑރ. ޝިހާމްވަނީ މި ޑައިލޮގްގެ އެންމެ ފަހު ރައުންޑް ޓޭބަލް މަޝްވަރާގައިވެސް ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމުތައް، އުމުރުން ދުވަސްވީ އާބާދީއަކާ ދިމާލަށް މިސްރާބުޖަހާފައިވާއިރު، މިއީ މިފަދަ ބަދަލުތައް ކުރިން އައިސްފައިވާ ޤައުމުތަކުން ދިވެހިރާއްޖެ މިސާލު ލިބިގަނެ، ރަނގަޅު ސިޔާސަތުތައް ދަސްކުރުމަށް ލިބޭ ފުރުޞަތެއްކަމެއް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޑޭޓާ ބޭނުންކުރުމަށް ވަކާލާތުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހޭނީ ޒުވާނުންކަމަށާއި، ހެކީގެ މައްޗަށް ބިނާވާ (އެވިޑެންސް-ބޭސްޑް) ޑޭޓާގެ ބޭނުންކޮށްގެން ހަރުދަނާ ސިޔާސަތުތައް ތަންފީޒުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. އަދި ސައްޙަ މަޢުލޫމާތަކީ ނުހަނު މުހިންމު ވަސީލަތެއް ކަމުން، ސިޔާސަތު ކަނޑައަޅާ ފަރާތްތައް ޖަވާބުދާރީ ކުރުމަށާއި، އަޅުގަނޑުމެންގެ ކާމިޔާބީތަކުގެ ވާހަކަތައް ކިޔާދިނުމުގައި މި ވަސީލަތުގެ ބޭނުން ހިފަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ ޒުވާނުންނަކީ މާދަމާގެ މުސްތަޤްބަލުކަމަށް ފާހަގަކޮށް ޑރ ޝިހާމް ވިދާޅުވީ، ހަމަމިއާއެކު، މުސްތަޤްބަލުގައި އިޤްތިޞާދު ކުރިއަރުވައި، މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާ، އެކަންކަމަށް ހައްލުތައް ހޯދާނީވެސް ޒުވާނުންކަމަށެވެ. އެހެންކަމުން އާބާދީއަށް އަންނަ ބަދަލުތައް ދެނެގަނެ، އެންމެންގެ ހެވާލާބަ ބައްޓަންކުރެވޭ ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ދަޢުރު ނުހަނު މުހިންމުކަމަށް ވަޒީރު ތަކުރާރުކޮށް ވިދާޅުވިއެވެ.

ބަދަލުވަމުންދާ އާބާދީއަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދަޢުރެއް އަދާކުރާނީ އެކަށެއެޅޭ ސިޔާސަތުތައް ކަމަށްވާއިރު، މިފަދަ ސިޔާސަތުތައް އެކުލަވާލުމުގައި އާބާދީއާ ގުޅުންހުރި ޑޭޓާ، ނުވަތަ ސައްޙަ މަޢުލޫމާތުގެ މުހިންމުކަމާމެދު ވަޒީރު ވާހަކަ ދެއްކެވިއެވެ. މިފަދަ ޑޭޓާ އެއްކުރުމުގައި ޒަމާނުއްސުރެ ގެންގުޅުނު އުސޫލުތަކާއި ގޮތްތައް ބޭނުންކުރުމުގެ އިތުރުން، ދިރާސާތަކަށް ބަރޯސާވެ، ޑޭޓާ އެއްކުރާނެ އައު ގޮތްތައް ހޯދުމަކީވެސް މުހިންމުކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އުމުރުން ދުވަސްވީ ދިރިއުޅުމަށް ދުޅަހެޔޮކަމާއެކު ވާސިލްވުމުގެ ފުރުސަތު އިސް ރަށްވެހިންނަށް ފަހިކޮށްދިނުމަށް، އެކުލަވާލެވޭ ސިޔާސަތުތަކުގެ އަސާސަކަށް ވާންވާނީ ހެކީގެ މައްޗަށް ބަރޯސާވެ ނިންމާ ނިންމުންތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަބަބުތަކަށްޓަކައި އާބާދީއަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ ޑޭޓާ އެއްކުރުމުގެ މުހިންމުކަން، އަދި އެ ޑޭޓާއިން ފަހުމްވާ ހަޤީޤަތްތައް އިންސާނީ ތަޖުރިބާއާއި މީހުންގެ ވާހަކަތަކުން ސިފަވާނެފަދަ ގޮތަކަށް އެންމެންނަށްވެސް ބުނެދިނުމުގެ މުހިންމުކަން ވަޒީރުގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ.
އަ.އި.ސީ.ޕީ.ޑީ 30 ގެ މި މަޝްވަރާތަކުގައި ވަޒީރުދެއްކެވި ވާހަކަފުޅުތަކަށް އެންމެހައި ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށް މިނިސްޓްރީއިން ފާހަގަކުރެއްވިއެވެ. ވަޒީރު ކުރިއަށް ނެރުއްވި ވިސްނުންފުޅާއި ފާޅުކުރެއްވި ޚިޔާލުތައް މި މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވި 49 ޤައުމުގެ މަންދޫބުންވެސް ފާހަގަކުރައްވާ، އެކަމަނާއަށް މަރްޙަބާ ދެންނެވިކަމަށްވެސް މިނިސްޓްރީއިން ބުނިއެވެ. ޔޫ.އެން.އެފް.ޕީ.އޭ އާއި ބަންގްލަދޭޝްގެ ސަރުކާރު، އަދި ޖަޕާނާއި ބަލްގޭރިއާގެ ސަރުކާރުން އިސްނަގައިގެން މިފަހަރު ކުރިއަށްގެންދިޔަ ދުނިޔޭގެ އާބާދީއަށް އަންނަ ބަދަލުތަކާއި ބެހޭ މި މަޝްވަރާތަކަކީ ރާއްޖެއަށް ނުހަނު މުހިންމު މަޝްވަރާތަކެއްކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ. އަދި މި މަޝްވަރާތަކުން އިނގިވަޑައިގެންނެވި ގިނަ މަޢުލޫމާތުތަކުގެ އަލީގައި އުމުރުން ދުވަސްވީ އާބާދީއަކަށް މިސްރާބު ޖަހާފައި އޮތް ރާއްޖޭގެ އާބާދީއަށް ޙިދުމަތްތައް ފޯރުކޮށްދިނުމުގައި ކަނޑައަޅަންޖެހޭ ސިޔާސަތު ކަނޑައެޅުމުގައި ފަހި ވިސްނުންތަކާއި ފަސޭހަތަކެއް ލިބިގެންދިޔަ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

