އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޕޮލިޓެކްނިކްސްއާއި ގުޅިގެން ކ. ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް ހާއްސަކޮށް، ކޭކް އެޅުމުގެ ކޯހެއް ބާއްވައިފިއެވެ.
ކ. ގުރައިދޫ ޚާއްސަ އެޙީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ރީހެބިލިޓޭޓްކުރުމުގެ ގޮތުން މަރުކަޒުގައި ހިންގަމުންދާ އަދި ކުރިއަށް ބޭއްވުމަށް ރޭވިފައިވާ ހުނަރު ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން މިނިސްޓްރީއިން ބުނީ 1976 ވަނަ އަހަރު ޤާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެޙިއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ތިބީ ޖުމްލަ 220 ފަރާތެއް ތިބޭކަމަށެވެ.
މީގެތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި، 87 އަންހެނުންނާއި، އެނދުމަތިވެފައިވާ 15 ފަރާތާއި، ނަފްސާނީގޮތުން ބަލި 183 މީހުންކަމަށް ބުނިއެވެ. އަދި މި ޖުމްލަ އަދަދުގެ ތެރެއިން 65 އަހަރުން މަތީގެ 31 ފަރާތެއްވާކަމަށް ބުނިއެވެ. މިނިސްޓްރީއިން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި ކ.ގުރައިދޫ މަރުކަޒުގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކުރެއެވެ. މިހާރު މިމަރުކަޒުގައި ބޭނުންކުރަމުން އަންނަ މޮޑެލްގެ ދަށުން ފަރުވާއާއި، ރީހެބިލިޓޭޝަންގެ އިތުރުން، މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމަށް ބޮޑު އިސްކަމެއްދޭކަމަށްވެސް މިނިސްޓްރީއިން ބުނިއެވެ. މިގޮތުން މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި 15 ފަރާތެއްވަނީ ޢާއިލާތާކާއި އަނބުރާ ހަވާލުކުރެވިފައިވާކަން ފާހަގަކުރިއެވެެ.
ކ. ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ގިނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމަށް ބަލާއިރު، އެ ފަރާތްތަކަށް ހެލިފެލިވެ އުޅުމުގައާއި ވަކި ރޫޓީނަކަށް ނުވަތަ ތާވަލަކަށް ދުވަހުގެ ކަންކަން ބަހާލައި ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާކަމަށް ފާހަގަކޮށް މިނިސްޓްރީއިން ބުނީ އެހެންކަމުން އެފަރާތްތައް ރީހެބިލިޓޭޓްކޮށް، އައު ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް މިހާރު މަރުކަރުކަޒުގައި ދަނީ ކުރިއަށްގެންދަމުންދާކަމަށެވެ.
މިގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މި މަރުކަޒުގައި ތިބޭ އަންހެން ކްލައިންޓުންނަށް ޚާއްސަކޮށް، ޕޮލިޓެކްނިކް އާއި ގުޅިގެން ކޭކް އެޅުމުގެ ކޯހެއް ވަނީ ބާއްވާފައިކަމަށާއި، އަދި މި ކޯސް 10 ފަރާތަކުން މިހާރުވަނީ ފުރިހަމަކޮށްފައިވާކަމަށް މިނިސްޓްރީއިން ބުނިއެވެ. މީގެއިތުރުން، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމްތަކާއި އިޖުތިމާޢީ އެއްވުންތައް މަރުކަޒުގައި ތިބޭ ފަރާތްތަކަށް ދަނީ ކުރިއަށްގެންދަމުންނެވެ.
ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކާއި މުއައްސަސާތަކާއި ގުޅިގެން އެހެނިހެން ގިނަ ޕްރޮގްރާމްތަކެއް ކ. ގުރައިދޫ މަރުކަޒުގައި ބޭއްވުމަށް ވަނީ ރޭވިފައިކަމަށް މިނިސްޓްރީއިން މައުލޫމާތު ދިނެވެ. މިގޮތުން ގަސް އިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ކުރެހުމާއި އަތު މަސައްކަތުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ބޭއްވުމަށްވަނީ ހަމަޖެހިފައިކަމަށް ބުނިއެވެ.
މިނިްސްޓްރީއިން ބުނީ މިފަދަ ހުނަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަޤުޞަދަކީ މިނިސްޓްރީގެ ބެލެނިވަރިކަމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންވާ ފަރާތަކަށް ހެދުންކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް އާއިލާއާއި އެކު އުޅުމުގެ ޙައްޤު ލިބިގެންވާ ފަރާތެއްކަމަށް ފާހަގަކޮށް މިނިސްޓްރީއިން ވަނީ އެ ފަރާތްތަކަށް ބޭނުންވާ އޯގާތެރިކަމާއި އަދި އެހީތެރިކަން އުފަލާ ލޯތްބާއިއެކު ދިނުމަށް އިލްތިމާޒްކޮށްފައެވެ.


One Response
ވަރަށް ހިތް ހަމަޖެހޭ މިހާރު ކަންތައްތައް ކުރިއަށް ގެންދާ ގޮތާ ދޭތެރޭ
އަދި މިއަށް ވުރެންވެސް ފުރިހަމަ ކޮށްދެއްވާނެ ކަމަށް އުންމީދު ކުރަން