އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގާނޫނީ ގޮތުން މިނިވަން ކުރުމުގެ ވިސްނުން އަދި ނެތްކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން އެ ވިސްނުން ސަރުކާރުގެ އެބަ އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ތާރިގު ވިދާޅުވީ، ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ.
އަޅުގަނޑުމެން މި ދަނީ އެސިސްޓަންސް ފޯރުކޮށްދެމުން އީޕީއޭއަށް. އީޕީއޭއިން ބޭނުންވާ މަސައްކަތްތައް މިނިވަންކަމާއެކު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއާއި އަދި އިތުރު މަސައްކަތް ކޮށްދޭނެ ފުރުސަތުތައް ފޯރުކޮށްދެމުން.
ތާރިގު ވިދާޅުވި އެވެ.
އީޕީއޭ ބާރުވެރިކޮށް މިނިވަންކަމާއެކު މަސައްކަތް ކުރަން ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެކަމަށް ތާރިގު ވިދާޅުވިއެވެ. ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ. އެސިސްޓަންސް ފޯރުކޮށްދެމުން އަންނަކަމަށާއި، އިތުރު މަސައްކަތް ކޮށްދޭނެ ފުރުސަތުތައްވެސް ފަހި ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
އީޕީއޭއަކީ މިނިވަންކަމާއެކު މަސައްކަތްކުރެވޭ ތަނަކަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިކަން ހާސިލް ކުރުމަށް މިދިޔަ ސަރުކާރުންވެސް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ދައުރު ނިމިގެން ދިޔައީ މިކަން ހާސިލް ނުވެއެވެ.
އީޕީއޭ މިހާރު އޮންނަ ގޮތުންނަމަ، އެއީ މިނިސްޓަރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިންގާ މުއައްސަސާއެކެވެ. އެގޮތުން އީޕީއޭއާ ގުޅެ ގަވާއިދުތައް އެކުލަވާލަނީ މިނިސްޓްރީންނެވެ. އަދި އީޕީއޭގެ ބައެއް ނިންމުންތައް މިނިސްޓަރަށް އިސްތިއުނާފް ކުރުމުގެ ބާރުވެ ލިބިގެންވެއެވެ. އެގޮތުން އީޕީއޭއިން ހަދާ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓްތައް އިސްތިއުނާފްކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

