ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފުރާވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު އެ އޮފީހުގައި ސިޑްސް އާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސިޑްސްއާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް އާއި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ކުރިއަށްދަނީ މި ހިނގާ މޭ މަހުގެ 27 އިން 30 ގެ ނިޔަލަށް އެންޓިގުއާ ބާބުޑާގައެވެ. ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ ”ޗާޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ. މި ޝިއާރާ އޮއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ކޮންމެ 10 އަހަރަކުން އެއްފަހަރު ޔޫ.އެންއިން ކުރިއަށްގެނދާ ސިޑްސްގައި މިއަހަރު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ޤައުމީ ތަޤުރީރު އިއްވެވުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުންވެސް ދިވެހިރާއްޖޭން މޫސުމީ ބަދަލުތަކާ ގުޅިގެން ތަހަންމަލުކުރަމުންދާ ކަންކަމާއި އަދި އެކަންކަމުން އަރައިގަތުމަށްޓަކައި ކޮށްދެއްވުމަށް އެދޭކަންކަމަށް އަލިއަޅުވާލައްވައި ރައީސް ޑރ މުއިއްޒު ވާހަކަފުޅު ދެއްކެވެމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްއިން ދިވެހި ރައްޔިތުންނަށްޓަކައި، އަދި ޤައުމަށްޓަކައި ސަރުކާރުން ހާސިލުކުރުމަށް ބޭނުންވާ މުހިންމު ކަންކަންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން މި ކޮންފަރެންސްގައި ދިވެހިރާއްޖެއިން އިންތިޒާމުކުރާ 3 ހަވާސާ ހަރަކާތުގެ މަޢުލޫމާތާއި، އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ސިޑްސްގައި މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާފައިވެއެވެ.

