ތިމާވެއްޓަށް ގެއްލުން ދިނުމުގެ މައްސަލައިގައި ކޮށްފައިވާ ޖޫރިމަނާތައް ހޯދުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން ދާނެކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކޮށްފައިވާ އެކި ކަންކަމާއި ގުޅިގެން ޖޫރިމަނާކޮށްފައި އެބަހުރިކަމަށް ފާހަގަކޮށް، މިފައިސާ ހޯދުމަށް ސަރުކާރުން ކުރި މަސައްކަތްތަކަކީ ކޮބައިތޯ ސުވާލުކުރުމުންނެވެ. ނޫސްވެރިޔާގެ ސުވާލުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ކޮށްފައިވާ ޖޫރިމަނާ ފާހަގަކުރިއެވެ.
އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން، އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އެ ކުންފުނި ޖޫރިމަނާކުރުމުން މިދިޔަ ސަރުކާރުގައި އެފްކޮންސްއިން އެ މައްސަލަ ތިމާވެއްޓާ ބެހޭ ވުޒާރާގައި އިސްތިއުނާފުވެސް ކުރިއެވެ. ނަމަވެސް، އެ ވުޒާރާއިން ޖޫރިމަނާއައް ލުޔެއް ނުލިބުމުން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށަހެޅިއެވެ. ކޯޓުން ވެސް ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދީފައެއް ނުވީ ނަމަވެސް މައްސަލައިގެ ޝަރީއަތް ދަނީ ކުރިއަށެވެ.
ޖޫރިމަނާ ފައިސާ ހޯދުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ޖޫރިމަނާއެއް ކުރެވުމަކީ އެކި މަރުހަލާތަކަކަށް ބެހިގެންދާކަމެއްކަމަށެވެ. އެގޮތުން އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހަދާ އެސެސްމެންޓަތަކަކަށްފަހު، ޖޫރިމަނާ ކުރެވެނީ ވެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފްކޮންސްގެ މައްސަލައާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، މި މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގައިކަމަށެވެ. އެއީ ވަގުތަށް ފައިސަ ނުދެއްކުމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއީ، އެ ބޭފުޅުން އެ ދައްކަން ޖެހޭ ފައިސާ ވަގުތަށް ނުދައްކައިގެން، އެ ކޯޓަށް ދިއުމުގެ މަރުހަލާގައި.
ތާރިގު ވިދާޅުވިއެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ތިމާވެއްޓަށް ގެއްލުން ލިބުމުގެ ސަބަބުން 40 މައްސަލައެއް ހުށައެޅިފައިވާކަމަށް މިދިޔަ ސަރުކާރުގައި އެންވައިރަމެންޓް މިނިސްޓަރުކަމުގައި ހުންނެވި އައިމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަތަކަށް ޖުމުލަގޮތެއްގައި 700 މިލިއަންނަށްވުރެ ބޮޑު ޖޫރިމަަނާތަކެއް ކޮށްފައިވާމަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

