2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ “ އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވ،ީ މި ހަރަކާތަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ކޮޕް28 ސަމިޓުގައި އިއުލާނު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ކުރިއަށްދާ ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކަރބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހިވާނެތީ، ކުންފުނީގެ ހުރިހާ މުވައްޒިފުންގެ ބައިވެރިވުން މުހިންމު ކަމަށް ދެކޭކަމަށެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 5 އަހަރު ތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދެވުމުގެ ގޮތުން ހިންގާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަހެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތަކެވެ. އަދި މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ ”ކޮޕް28″ގައެވެ.

