އިސްރާއީލުން ފަލަސްތީނުގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަމުރު ކުރުމުން ރައީސް، ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާ ވިދާޅުވީ އިސްރާއީލުން ދުނިޔޭގެ ކޯޓުގެ ހުކުމަށް މިވަގުތުން ފެށިގެން ތަބާވާން ޖެހޭނެ ކަމަށާއި ރަފަހް ގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އެމީހުންގެ އަތްދަށުގައިވާ ރާފާހުގެ ބޯޑަރު ހުޅުވައި، ރަފާހަށް އެހީ ވެއްދޭނެ މަގު ވެސް ނިރުބަވެރިން ފަހިކޮށްދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ ކޯޓުގެ މި ހުކުމަކީ ސުލްހައިގެ މިސްރާބަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި ރާއްޖޭން ގަބޫލު ކުރާ ގޮތުގައި ދާއިމީ ހައްލަށް އޮތް ހަމައެކަނި މަގަކީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމު ކުރުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ރަފާހުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި އިސްރާއީލުން ރަފާހުގެ އިތުރުން ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ރަފާހުގެ މީހުން ބޭރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައިވެއެވެ.

