މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރާއިރު ދިވެހި ދިދައަށް އިއްޒަތްދިނުމުގެ ގޮތުން ދިދަ އައު ކުރުމަށް ނިންމާފައިވާކަމަށާއި މިނިވަން ދުވަހުގެ ހަރަކާތްތައް ހަފްތާއަކަށް ކުރިއަށްދާނެކަމަށް ދިވެހި ބަހާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދިވެހި ބަހާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުން ކުރިއަށް އޮތް މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ބާއްވާ ރަސްމީ ރިސެޕްޝަނެއް އޮންނާނެކަމަށެވެ. އަދި އެ ދުވަހު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއެއްވެސް ކުރިއަށް ގެންދާނެކަމަށާއި އެއީ ދައުލަތަކަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ މީހުންނަށް އިނާމު ދިނުމުގެ ކަންކަންވެސް ކުރިއަށްދާނެކަމަށްވެސް ބުނެފައިވެއެވެ.
އެ މިނިސްޓްރީއިން ހިއްސާކޮށްފައިވާގޮތުން ސަރުކާރުންވަނީ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިކަމަށެވެ. އަދި އެ ހަރަކާތުގައި ދިދައަށް އިއްޒަތްދިނުމުގެ ގޮތުން ދިދަ އައުކުރުމަށްވެސް ކަނޑައަޅާފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. އެ ހަރަކާތަކީ ކުޑަބޮޑު އެންމެނަށް ބައިވެރިވޭވެނެ ހަރަކާތެއްކަމަށާއި ކުރިއަށް ގެންދާނީ އެންމެނަށް ހުޅުވާލެވިގެންކަމަށް ބުނެފައިވާއިރު އެންމެންގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދާ ދިދަ ވިހުރުވުމުގެ ހަރަކާތެއްވެސް އޮންނާނެކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީއިން ބުނެފައިވާގޮތުން މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ސުކޫލު ދަރިވަރުން ހިމަނައިގެންވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ. އެގޮތުން މަޒްމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއްގެ އިތުރުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައްވެސް ދަރިވަރުންގެ ފަރާތުން ފެނިގެންދާނެކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ހަތަރު އައިޓަމެއް ފެނިގެންދާނެކަމަށާއި މިނިވަން ދުވަހާއި ގުޅިގެން ސުކޫލުތަކުގައި ހާއްސަ އެސެމްބްލީތަކެއްވެސް ބޭއްވުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.
މި އަހަރު ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހަފްތާއެއްގެ މައްޗަށް ބަހާލައިގެންކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. މިނިސްޓްރީއިން ބުނެފައިވާގޮތުން މި އަހަރުގެ ހަރަކާތްތައް އޮންނާނީ ޖުލައި މަހުގެ 24 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށްކަމަށާއި އެމްއެންޑީއެފްއިން ކުރިއަށް ގެންދާ އަސްކަރީ ޕެރޭޑަކާއި ސެރެމޯނިއަލް ޕެރޭޑެއްގެ އިތުރުން ފްލައި ޕާސްޓެއްވެސް ފެނިގެންދާނެކަމަށް ބުނެފައިވެއެވެ.
މި އަހަރު މައިދާނީ ހަރަކާތްތަކުގެ އިތުރުން ސެލިއުޓޭޝަން ހަރަކާތަކާއި ރާއްޖޭގެ ކެޑޭޓުން ކުރިއަށް ގެންދާ ޕެރޭޑެއްވެސް ބޭއްވުމަށް އިންތިޒާމުކުރެވިފައިވާކަން ހާމަކޮށްފައިވެއެވެ. އަދި މިނިސްޓްރީއިން އިފްތިތާހުކުރާ ގޮތަށް ޑޮކިއުމެންޓަރީ ޑްރާމާއެއްވެސް ދައްކާލުމަށް ކަނޑައެޅިފައިވާއިރު މިނިވަން ދުވުމުގެ ނަމުގައި ދުވުމެއްވެސް އޮންނާނެކަމަށް ބުނެފައިވެއެވެ. ފަންނާނުންގެ ޝޯއެއް ކުރިއަށް ދާނެކަމަށް ބުނެފައިވާއިރު މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭނެ ގޮތަަށް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާ ހަރަކާތްތަކެއް ކަމަށްވުމުން ވިޔަވަތީގެ ކުޑަކުދިންނަށް ހާއްސަ ހަވީރެއްވެސް އިންތިޒާމުކުރާނެކަމަށް ބުނެފައިވެއެވެ. ހަމަ އެގޮތުގެ މަތިން އިސް ރަށްވެހިންނަށް ހާއްސަ ހަވީރަކާއި ފިލްމު ފެސްޓިވަލެއްވެސް ބޭއްވުމަށް ނިންމާފައިވާކަމަށާއި އެންމެ ގިނައިން ރާއްޖެއިން ބޭރުގައި މީހުން ދިރިއުޅޭ ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެންވެސް ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީއިން ބުނެފައިވާގޮތުން މިނިވަން ކާނިވާގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދާނެކަމަށާއި ޑްރޯން ޝޯ އަދި ހަވާ އެރުވުންވެސް އޮންނާނެކަމަށެވެ. މި އަހަރު ފްލޯޓު ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ދީފައިވާއިރު ޝަގާފީ ޝޯއަކާއި ކޯބޯތަކެތީގެ މައުރަޒެއްވެސް އިންތިޒާމުތަކުގެ ތެރޭގައި ހިމެނޭނެކަމަށް ބުނެފައިވާއިރު އެކި ފަރާތްތަކާއި ގުޅިގެން އެ ދުވަހު މިނިވަން ސޭލްގެ ނަމުގައިވެސް ހަރަކާތެއް ކުރިއަށް ގެންދާނެކަމަށް ބުނެފައިވެއެވެ.

