ދުނިޔެއަށް މި އަންނަ ބަދަލުތަކާއިއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް ޙާއްސަ އިސްކަމެއް މި އަހަރު ތެރޭގައި ދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަދު ދިރާސީ އައު އަހަރު ފެށުމާއެކު މިނިސްޓަރ ދިން ޙިތާބުގައި ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމާއި މުދައްރިސުން އަހުލުވެރި ކުރުވުމާއި ޝާމިލްކޮށްގެން އުނގަންނައި ދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަޙުލުވެރި ކުރުވުމަށް ޙާއްސަ އިސްކަމެއް މި ދިރާސީ އައު އަހަރު ތެރޭގައި ދެވިގެން ދާނެ ކަމަށެވެ.
”އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލަކީ ބޭނުންކޮށްގެން އުނގެނުމާއި އުނގައްނައިދިނުން ހަރަދަނާ ކުރުމާއި މުދައްރިސުން އަހުލުވެރިކުރުވުމާއި ޝާމިލްކޮށްގެން އުނގައްނައިދިނުމުގައި އެސިސްޓިވް ޓެކްނޮލަޖީ ބޭނުންކޮށްގެން އުނގައްނައިދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް ހާއްސަ އިސްކަމެއް މި ދިރާސީ އަހަރުގެ ތެރޭގައި ދެވިގެންދާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުންނަށް އުނގެންނުމުގެ މައިދާނުގައި ތަފާތު ރޮނގު ތަކުން ތަނަވަސްވެފައި އޮތުމަކީ، އެ ދަރިވަރުންގެ މުޝްތަޤުބަލަޝާއި ޤައުމުގެ ތަރައްޤީއަށް ބޭނުންތެރި ކަމެއް ކަމަށާއި އަދި އެއީ ޢިލްމީ، ކުޅިވަރު އަދި މަސައްކަތްތެރިކަމުގެ ރޮނގުން ކަމުގައިވީ ނަމަވެސް މުހިންމު ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ މަގަށް ކަންތައްތައް ތަރުތީބު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، އޭ ލެވެލްގެ މަރުޙަލާގައި ދަރިވަރުން ބައިވެރިވުން އިތުރުކޮށް، އެ ދަރިވަރުންނަށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު ލިބޭނެގޮތަށް ފަރުމާކުރެވިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމްތަކެއް ކައިރި މުސްތަޤުބަލެއްގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
”ފެންވަރު ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުން ދާއިރާގެ ޚިދުމަތުގައި ތިބެގެން،“ މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ޢިލްމީ ފަންނުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނީ އެންމެހާ ފަރާތްތަކުން ، ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު ގުޅިގެން ކުރާ މަސަތްކަތުން ކަމަށާއި ޙާއްސަކޮށް ސްކޫލުތަކާއި ބެލެނިވެރިން ވަރުގަދަވެ ހަރުދަނާ ވެގެން ކަމަށެވެ. އަދި މިފެށޭ ދިރާސީ އައު އަހަރަކީ ގުޅުންތައް އިތުރަށް ތަރައްޤީވެ ދަރިވަރުންގެ ކުރިއެރުމާއި އަދި އެންމެންގެ ވިސްނުން ސީދާވެގެން ދާނެ އަހަރެއް ކަމުގައި ޔަޤީންކުރާ ކަމަށެވެ.
ދަރިވަރުން ދިރާސީ އައު އަހަރަކަށް ކުރިމަތިލާއިރު އެންމެ މުހިންމު ކަމެއް ގޮތުގައި އިސްލާމްދީނަށް ލޯބިކުރުމާއި އަދި ބަފައިންނަށް ކިޔަމަންތެރި މުދައްރިސުންނަށް ގަދަރާއި އިޙްތިރާމުކުރާ ކުދިބަޔަކަށް ވުމާއި ހިންމަތާއެކު އުގެނުމަށް މަސައްކަތްކުރާ ޒިންމާދާރު ދަރިވަރަކަށް ވުމަށް މަސައްކަތް ކުރަންވޭނެ ކަމަަށް މިނިސްޓަރގެ ވާހަކައިގައި ވެއެވެ.

