މި އަހަރުގެ ދިރާސީ އައު އަހަރު ފެށިގެން ދިޔައީ 96،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި މި އަހަރު ޖުމްލަ 96،000 ދަރިވަރުން ކިޔަވާއިރު، އޭގެ ތެރެިން 40،300 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. އަދި 42،700 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ. އަދި ސަރުކާރުގެ 217 ސްކޫލެއްގައި 83،000 ދަރިވަރުން ތަޢުލީމް ހާސިލް ކުރާއިރު އޭގެ ތެރެއިން 17،000 ދަރިވަރުންނަކީ މާލެ ސަރަޙައްދުގައި ތަޢުލީމު ހާސިލް ކުރަމުންދާނެ ދަރިވަރުން ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ޕްރައިވެޓް ސްކޫލުތަކުގައި އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރާއިރު އޭގެ ތެރެއިން 9،000 އަށް ވުރެން ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާނީ މާލެ ސަރަޙައްދުގައެވެ. އަދި މާލެ ސަރަޙައްދުގައި 2،250 ދަރިވަރުން ވަނީ ގްރޭޑް 1 އަށް އެންރޯލް ކުރެވިފައެވެ. އަދި ގުރޭޑް 1 ފިޔަވާ އެހެން ގްރޭޑްތަކަށް ވަންނަން ހުށަހެޅި ދަރިވަރުންގެ އަދަދަކީ 2,081 އެވެ. އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސަރަޙައްދުގެ ސްކޫލުތަކަށް 1،126 ދަރިވަރުން ބަދަލުވެފައިވާއިރު މާލޭ ސަރަޙައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1,000 އެއްހާ ދަރިވަރުން ވަނީ ބަދަލުވެފައެވެ.
މުދައްރިސުންގެ ތެރެއިން ސަރުކާރު ސްކޫލުތަކުގައި 12,662 މުދައްރިސުން މަސައްކަތް ކުރައްވާއިރު އޭގެ ތެރެއިން 10،729 ދިވެހި މުދައްރިސުންނާއި 1,933 ބިދޭސީ މުދައްރިސުން ހިމެނެއެވެ. ސަރުކާރުގެ 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު 55 ސްކޫލެއްގައި 2 ދަންފަޅިއަށް ކިޔަވައި ދެއެވެ. އަދި މި އަހަރު ވެސް 6 ސްކޫލެއްގައި ސެޓެލައިޓް މަފްހޫމަށް ކިޔަވައި ދެއެވެ.
ދަރިވަރުންނާއި މުދައްރިސުންނަށް އުނގެނުމާއި އުނގަންނައި ދިނުމަށް އެންމެ ފެންވަރު ރަނގަޅު ވެއްޓެއް ޤާއިމުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގައި އޭސީ ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށް މިއޮތް 2 އަހަރު ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

