ކައުންސިލްތަކުން ހުސްވެފައިވާ މަގާމުތަކަށް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ، އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ޝައުޤުވެރިކަން ފާޅުކުރުމަށް އެ ޕާޓީން ހުޅުވާލައިފިއެވެ.
އެ މަގާމްތަކަކީ:
– ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު
– ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު
– މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު
– ކުޅުދުއްފުށި އުތުރު ކައުންސިލް މެންބަރު
– ޅ. އަތޮޅު ކައުންސިލް ރައީސް
– ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު
– ފ. ބިލެއްދޫ ކައުންސިލް ރައީސް
މި މަގާމުތައް ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ކައުންސިލަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާއި ގުޅިގެންނެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން ވަނީ، ހަމަ އެ ދާއިރާގެ މަޖިލީސް މެންބަރުކަމަށް އިންތިހާބުވެވަޑައިގެންފައެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރުކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝުޖާއު ވަނީ ބާރަޑު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައެވެ. މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އަހްމަދު ޟަމީރު ވަނީ ހަމަ އެ ދާއިރާއަށް މަޖިލީހަށް އިންތިހާބުވެވަޑައިގެންފައެވެ.
އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ގޫގުލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަންފާޅު ކުރެއްވުމަށް އެމްޑީޕީއިން ވަނީ އެދިފައެވެ.
ޕާޓީގެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކުރުމަށްފަހު ފުރިހަމަކޮށް، ޝައުޤުވެރިކަންފާޅުކުރާ ފޯމާއި އެކު 03 ޖޫން 2024 ގެ 14:00 ކުރިން ހުށައެޅުއްވުމަށްވެސް އެދިފައެވެ.

