މަސައްކަތްތެރިންގެ ހައްގު ކަށަވަރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބުނެފިއެވެ.
މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަކީ ސްކޫލު ދައުރު ނިންމުމަށްފަހު، ދަރިވަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ ތަނެއްކަމަށެވެ. މަސައްކަތްތެރިއެއްގެ ގޮތުގައި އުޅުނު ނަމަވެސް މި ހުރިހާކަމަކަށް މިނިސްޓްރީއިން ކޭޓާ ކޮށްދެއްވާނެކަމަށެވެ.
ސަރުކާރާއި ގުޅިގެން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. މި ސަރުކާރަކީ މަސައްކަތްތެރިންގެ ހައްގުތައް ދިފާއު ކުރުމަށްޓަކައި ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭ ސަރުކަރެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހުރިހާ ދިވެހިންގެވެސް ހިއްސާ ހިމެނޭ ގޮތަށް އަދި ވަކިން ހާއްސަކޮށް ވަޒީފަ ހޯދުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ޒުވާނުންނަށް ހާއްސަކޮށް، ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ނަޒީރު ވިދާޅުވިއެވެ.
ހުނަރު ބޭނުންވާ ކުދިންނަށް އެ ހުނަރުވެސް މިނިސްޓްރީއިން ދޭނެކަމަށް ވިދާޅުވިއެވެ. މަސައްކަތުގެ ތަޖުރިބާ އަމަލީ ގޮތުން ބޭނުންވާ ކުދިންނަށް އެކަންވެސް ފޯރުކޮށްދެއްވާނެކަމަށް ފާހަގަކޮށް ނަޒީރު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އިޖުތިމާއީ އަދާލަތު ގާއިމްކުރުމުގެ މަސައްކަތްތައްވެސް ކުރައްވާނެކަމަށެވެ.
މަސައްކަތުގެ މާހައުލުގައި އަޅުގަނޑުމެން، ކުރިން ވަޒީފާއެއް ދީފައި މީހަކު ގެނައުމަކުން އަދި ނުއެއް ނިމެ، އެހެންވީމަ އެ މުވައްޒަފުގެ ސަލާމަތާއި ރައްކާތެރިކަން މާހައުލުގައި ކަށަވަރުވެފައި ހުންނަން އެބަޖެހޭ. ސިއްހީ ގޮތުން އެ މީހަކު މަސައްކަތް ކުރާ ތަނަކީ، އޭނަގެ ސިއްހަތަށް އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ތަނެއްކަން އަޅުގަނޑުމެން ކަށަވަރުކުރަން އެބަޖެހޭ.
ނަޒީރު ވިދާޅުވިއެވެ.
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދާދި ފަހުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ދެ ބިލު ނަޒީރު ފާހަގަކުރެއްވިއެވެ. މި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރިކަމަށް ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ މާހައުލުތައް އިންސްޕެކްޓް ކުރެވޭނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމުގެ ވިސްނުން އެބަހުރިކަމަށެވެ.

